ރިތިކް ރޯޝަން (2)

(7 ޖޫން 2018 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އެ ހަފްތާ ހިނގައްޖެ އެވެ. އަނެއްކާވެސް އައީ ބަންދު ދެ ދުވަހެވެ. އެއީ ހުކުރު ދުވަހާއި، ހޮނިހިރު ދުވަހެވެ. ހޮނިހިރު ދުވަހު ސަފީނާ އާއި، އޭނާގެ ރައްޓެހިން ހަމަ ޖައްސާފައި އޮތީ އެ ހަފްތާގައި ނުކުތް ރިތިކް ރޯޝަން ގެ ފިލްމު ފިޒާ ބަލާށެވެ. ފިލްމު ދައްކަން ހަމަ ޖައްސާފައި އޮތީ ސަފީނާގެ ގޭގައެވެ.

މި ޚަބަރު ލިބުމާއެކު މަންމަ ގެ އަނގަ ހުޅުވިއްޖެއެވެ. އެއިން ކަމަކާ ސަފީނާއެއް އަޅައެއް ނުލައެވެ. އޭނާގެ ރައްޓެހިންވެސް ތިބެނީ މަންމަގެ ވާހަކަ ތަކަށް ހޭނިފައެވެ. އެހެންވީމާ މާ ބޮޑު އަޅާ ލުމެއް ނޯވެއެވެ.

ފިލްމު ބަލައި ނިމިގެން ފެށުނީ ފިލްމުގެ ވާހަކައެވެ. ރިތިކް ރޯޝަންގެ ވާހަކައެވެ.

"އަހަންނަކަށް މި ފިލްމެއް ކަމަކު ނުދޭ- އެންމެ ބޮޑަށް ފޫހި ވަނީ ރިތިކާ ކަރިޝްމާ އާ ދެ މީހުން ދެ ބެއިންނަށް ވާތީ-" ރީނާ ބުނެލިއެވެ.

"އަހަންނަށް ވަރަށް ރީތި- ހަމައެކަނި ލޯބި އޮންނަންޏާ އަހަންނަކަށް ކަމަކު ނުދޭ- މި ކަހަލަ ފިލްމުވެސް ހުންނަން ވާނެ- ރިތިކް ކިހާ މޮޅު- ކިހާ ރީތި- އެ ނިމުނީ- ފިލްމުގައި ކޮންމެ ގޮތެއް ވިޔަސް އަޅާ ލާނެ ކަމެއް ނެތް-" ސުދުނާ ހީނގަތެވެ.

"އާނ- އެއީ ތެދެއް- އަހަރެމެން ފިލްމު މި ބަލަނީ އޭގައި ކަން ހިނގާ ގޮތް ތަޙުޤީޤު ކޮށް ބަލާކަށެއް ނޫން- ރިތިކް އުޅޭތީ- އޭނާ ކިހާ ރީތި- އެހެރަ ދެ ލޮލެއް ފެނުނު މީހަކު މޮޔަ ވާނެ-" ސަފީނާ ލޯ މަރައިލިއެވެ.

"އޭތް- ސަފީ- ކަލޭ ނޫހެއް ނުބަލަންތަ-؟ އިހަށް ދުވަހުގެ ހަވީރު ނޫސް ނިކަން ބަލާލަ ބަލަ- ރިތިކް ރޯޝަން މާލެ އަންނަ ވާހަކަ އޭގައި އެބަ އޮތޭ-" ރީނާ ބުންޏެވެ.

"އަހަރެން ނޫސް ނުބަލާ ހުންނާނެތަ-؟ މި ގެއަށް ރާއްޖޭގައި ނުކުންނަ ހުރިހައި ނޫހެއް ގެންނަން- އެއީ ހަމަ ރިތިކް ގެ ވާހަކައެއް އޮވެދާނެތީ- އޭނާގެ އެއްވެސް ވާހަކައެއް ނުކިޔައި ދޫކޮށްލާކަށް އަހަެރެން ބޭނުމެއް ނުވޭ-" ސަފީނާ ބުނެލިއެވެ.

"ސަފީގެ މަންމަ ރުޅިއެއް ނާދޭތަ-؟ ރިތިކް ގެ ވާހަކަ ދައްކާ އަޑު އިވިއްޖެއްޔާ ދުވަސް ދުއްވާލާނެ- ބިރެއް ނުގަނޭތަ-؟"

"އެއްވެސް ބިރެއް ނުގަނޭ- ނޫސް ގެންނާތީ މަންމަ ރުޅިއެއް ނާދޭ- މަންމަ އޭގައި ހުންނަ ވާހަކަ ކިޔަން ބޭނުން ވާނެ- އެހެންވީމާ ނޫސް ގެނައީމާ ވާނީ އުފަލެއްނު-؟ އަހަރެން ބުނެފައި އޮންނާނީ ނޫސް ގެންނަނީ މަންމަ ވާހަކަ ކިޔާށޭ-"

"އާނ- މަ ހެއްލިދާނެ- މަމީ މޮޔައެއް ވިއްޔ--" ކުއްލިއަކަށް މަންމަގެ އަޑު އިވުނީމާ އެ މީހުން ދިޔައީ ސިއްސައިގެންނެވެ. މަންމަ އަޑު އަހަން ހުރި ކަމެއް އެކަކަށްވެސް ނޭނގެ އެވެ. "ބަލަ- މަށަށް އޭރުވެސް އެނގެއޭ- މަ ވާހަކަ ކިޔަން ކަލޭ ނޫހެއް ގެނެއެއް ނުދޭނެ- ނޫސް ގެންނަނީ ރިތިކް ގެ ވާހަކަ އޮތްތޯ ބަލަންކަން އަހަންނަށް އެނގޭ-"

"މަންމާ- އަނެއްކާ ފެށީ-؟"

"އާނ- އަނެއްކާ ފެށީ- ކަލޭ ތިޔަ މޮޔަ ކުޅިގަނޑު ހުއްޓާ ނުލަނީހެއް އަހަރެްވެސް ހުއްޓައެއް ނުލާނަން- އެހެންޏާ ފަހެ- ގޭގައި ހައްދަވައިގެން ކުރާ ކަމެއް ނޯވޭ- ތާ އަބަދު ތަސްބީހައެއްހެން ރިތިކް ރޯޝަން ގެ ނަން ކިޔުން ނޫން ކަމެއް ނޯވޭ- އޭނާ އަކަށް ކަލޭމެން އޭނާޔާ ހެދި މޮޔަވާ ކަމެއް ނުވެސް އެނގޭނެ- އެ ވަރުވެސް ކަލޭމެންނަކަށް ނުވިސްނޭ-" މަންމަ އަމުނަމުން ދިޔަ އެވެ.

"ދައްތާ- މިއީ ޒަމާނާ އެކީ އަންނަ ބަދަލު-" ރީނާ މަންމަ އަށް ވިސްނައި ދެވޭތޯ އުޅުނެވެ. "ދައްތަމެން ޒުވާން ދުވަސްވަރު ބިސްވަޖީތު، ޖޯއި މުކަރުޖީ ކަހަލަ މީސް މީހުންނާ ހެދި އުޅުނީމެއްނު-؟"

"ނޫޅެން-" މަންމަ ވަރަށް ބާރަށް ބުނެލިއެވެ. "ތިޔަހެންނެއް އަހަރެމެންނެއް ނޫޅެން- އެހެން ނޫނަސް ބިސްވަޖީތު މެން ޖޯއިމުކަރުޖީ މެންނާ ތިޔަ ކިޔާ ރިތިކަކާ އަޅައެއް ނުބެލޭނެ- އެއީ މާ މޮޅު މީހުން- އެ ދުވަސްވަރުގެ ތަރިންނާ މިހާރުގެ ތަރިންނާ އުޑާ ބިމާހައި ތަފާތު ވާނެ-"

"އަހަރެންނަށް ދަރިން ލިބި އެ ކުދިން ބޮޑެތި ވީމާ އުޅެނީ އެ ދުވަސްވަރެއްގައި އެންމެ ހިނގާ މީހެއްގެ ފަހަތުން- އެއީ އާދައެއްނު-؟" ސުދުނާ ވަރަށް ވިސްނުންތެރި ކަމާއެކު ބުނެލިއެވެ.

މަންމަ އެއިން އެއްވެސް ވާހަކައެއް ޤަބޫލެއް ނުކުރިއެވެ. ތިން މީހުން އެތައް އިރަކު ވާހަކަ ދެއްކި އިރުވެސް ހަމަ ދުލެއް ނުދިނެވެ. އެންމެ ފަހުން ތިން މީހުން ނުކުމެގެން ދިޔައީއެވެ.

   

ސަފީނާ އެރޭ ގެއަށް އައީ ވަރަށް ލަހުންނެވެ. މަންމަގެ ކަންތަކާ ހެދި ބޮލުގައި ރިއްސި ރިއްސުމާއި، ވީ ފޫއްސެއްގެ ބޮޑު ކަމުން ގެއަށް އަންނަ ހިތް ނުވީއެވެ. ގެއަށް އައި އިރު މަންމަ ނިދައިފިއެވެ. އެއީވެސް ނަސީބެކެވެ. އެހެންނޫނީ ކިތަންމެ ދަންވަރަކަސް އެއްޗެތި ކިޔަން ފަށައިފާނެއެވެ. ޢާއްމު ގޮތެއްގައި އޭނާ ނާންނަނީސް މަންމަ ނުއެއް ނިދާނެއެވެ. އެކަމަކު މިރޭ އޭނާގެ ނަސީބު ގަދަ ކަމުން މަންމަ ނިދައިފިއެވެ. ބައްޕަ ރަށަކު ނެތެވެ. އެހެންވީމާ އަނގަ ތަޅާނެ މީހަކު ނެތުނީމާ ނިދުނީ ކަމަށްވެސް ވެދާނެއެވެ.

ސަފީނާ ކާގެއަށް ވަދެ އައިސް އަލަމާރި ހުޅުވައިލިއެވެ. ފެންފުޅިއެއް އޮތްތޯ ބަލައިލީއެވެ. އެކަމަކު އަލަމާރީގައި އެންމެ ފެން ތިތްކެއްވެސް ނެތެވެ. ދެން އޭނާ މިސްރާބު ޖެހީ މަންމަގެ ކޮޓަރިއަށެވެ. އެ ކޮޓަރީގެ އައިސް އަލަމާރީގައި ފެން ހުރިތޯ ބަލާށެވެ. އައިސް އަލަމާރި ހުންނަނީ މަންމަ އެނދުގެ ބޯލާ ކޮޅުގައި އެނދާ ވަރަށް ކައިރީގައެވެ. ސަފީނާ ކައިރިއަށް ޖެހިލި އިރު މަންމަ ނިދީގައި އޮވެގެން ކޮންމެވެސް އެއްޗެކޭ ކިޔަނީއެވެ. އޭނާ ބޮޑަށް ކައިރިއަށް ޖެހިލައިފައި އަޑު އަހައިލިއެވެ. ކިޔާ އެއްޗެއް ރަނގަޅަށް އެނގުނީމާ ޙައިރާންވީ ވަރުން އޭނާގެ އަނގަ ހިއްކުންވެސް ފިލައިފިއެވެ.

މަންމަ ކިޔަމުން ދެއެވެ. "ރިތިކް... ރިތިކް... ރިތިކް..."

(ނިމުނީ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.