ރޯދައިގެ ފިލާވަޅު 23: މިއީ ތިބާގެ ފަހު ރޯދަމަސް ކަމުގައި ވެދާނެ

﴿إِنَّ ٱللَّـهَ عِندَهُۥ عِلْمُ ٱلسَّاعَةِ وَيُنَزِّلُ ٱلْغَيْثَ وَيَعْلَمُ مَا فِى ٱلْأَرْحَامِ ۖ وَمَا تَدْرِى نَفْسٌ مَّاذَا تَكْسِبُ غَدًا ۖ وَمَا تَدْرِى نَفْسٌۢ بِأَىِّ أَرْضٍ تَمُوتُ ۚ إِنَّ ٱللَّـهَ عَلِيمٌ خَبِيرٌۢ﴾ (لقمان: 34)

"ހަމަކަށަވަރުން، قيامة ވުމުގެ ވަގުތު ދެނެވޮޑިގަތުން ވަނީ، اللَّه ގެ حضرة ގައެވެ. އަދި އެކަލާނގެ ވާރޭ ވެއްސަވަތެވެ. އަދި رحِم ތަކުގައިވާ ތަކެތި އެކަލާނގެ ދެނެވޮޑިގެންވެތެވެ. އަދި އެއްވެސް نفس އަކަށް، އެ نفس އެއް މާދަމާ ހޯދައިގަންނާނީ ކޮންކަމެއްކަމެއް ނޭނގޭނެތެވެ. އަދި އެއްވެސް نفس އަކަށް އެ نفس އެއް މަރުވާނީ ކޮންބިމެއްގައި ކަމެއް ނޭނގޭނެތެވެ. ހަމަކަށަވަރުން، اللَّه އީ، މޮޅަށް ދެނެވޮޑިގެންވާ، خبير ވަންތަ ރަސްކަލާނގެއެވެ." (ލުޤްމާން: 34)

އިސްވެދިޔަ އާޔަތަކީ ލުޤްމާން ސޫރަތުގެ ފަހު އާޔަތެވެ. ވަރަށް ގިނަ ޢިބްރަތްތެރި ނަސޭހަތްތަކެއް އައިސްފައިވާ މި ސޫރަތް މާތް ﷲ ނިންމަވާލައްވާފައިވަނީ ކައުނުގައި ހިނގާ އަޒަލީ ޤާނޫނުގެ ހަގީގަތްތަކެއް ބަޔާންކޮށްދެއްވަމުންނެވެ. އޭގެ ތެރޭގައި އެއްވެސް ނަފުސަކަށް އެ ނަފުސެއް މުސްތަގުބަލުގައި ކުރާނެ ކަމަކާއި، އެ ނަފުސެއް މަރުވާނެ ތަނެއް (އަދި މަރުވާނެ ދުވަހެއްވެސް) ނޭނގޭކަން ހިމެނެއެެވެ.

މި ހަގީގަތް ހިތަށް ގެނެސް ރަމަޟާންމަހާ މެދު ވިސްނާލާއިރު، މި ރަމަޟާން މަސް މިވަނީ ނިމުމަކާ ކައިރިއަށް އައިސްފައެވެ. ދެން އަނެއްކާވެސް ރަމަޟާން މަސް އަޅުގަނޑުމެންނާ ބައްދަލުކުރާނީ އެގާރަ މަސް ފަހުންނެވެ. އެގާރަ މަސް ފަހުން ރަމަޟާން މަސް އަނެއްކާ އަންނައިރު، އަޅުގަނޑުމެންގެ ތެރެއިން ދުނިޔޭގައި ތިބޭނީ ކޮން ބައެެއްކަން އެކަކަށް ވެސް ނޭނގެއެވެ.

އެހެންކަމުން، ތިބާ ހުރި ފިޔަވަޅު މަތީގައި ހުރެ އަޒުމު ކަނޑައަޅަންވީ ރަމަޟާން މަހުގެ ފާއިތުވެ ދިޔަ ދުވަސްތަކުގައި އަޅުކަމާ މެދު ފަރުވާ ކުޑަކުރެވިފައި ވާނަމަ އަލުން ކަމަރު ބަނދެގެން އަޅުކަމުގައި މަޝްޣޫލުވެގަތުމަށެވެ. ހެނދުނާއި ހަވީރު ﷲ ހަނދުމަކޮށް ޒިކުރުކުރުން ގިނަ ކުޅައުމަށެވެ. ދުވާލާއި ރޭގަނޑުގެ ވަގުތު ކީރިިތި ޤުރްއާން ކިޔެވުން އިތުރު ކުޅައުމަށެވެ. ދަމު ނަމާދު ވީހާވެސް ގިނައިން ކޮށް ރޭ އަޅުކަމުގައި ވަގުތު ހޭދަ ކުޅައުމަށެވެ. އަދި ބާކީ އޮތް ރޭތަކުގެ ތެރެއިން ރެއެއްގައި ތިބާއަށް ލައިލަތުލް ޤަދްރި ނުލިބޭނޭކަން އެނގެނީ ކިހިނެއް ހެއްޔެވެ؟ އެރޭގެ ދަރުމަ ލިބި، އެެނެއް ރޯދަ މަސް އަައުމުގެ ކުރިން ދުނިޔެއަށ އަލްވަދާޢުކިޔަން ޖެހިއްޖެ ނަމަ ތިބާ ހަމަކަށަވަރުންވެސް ބާއްޖަވެރިންގެ ތެރެއިން ވީއެވެ.

މިއާޔަތުގައި ވާ ވާހަކަފުޅުތަކާމެދު ވިސްނާނުލައި، ރަމަޟާން މަހު އަޅުކަމާ މެދު ފަރުވާކުޑަކޮށްފައި ވަނިކޮށް، ދެން އިތުރު ރަމަޟާން މަހެއް ނުލިބި ތިބާ ދުނިޔެއާ ވަކިވާން ޖެހިއްޖެނަމަ އއީ ކޮންފަދަ އަބާއްޖަވެރިކަމެއް ތޯއެވެ؟

އެހެންކަމުން މި ރަމަޟާން މަހަކީ ހަމަ ތިބާގެ ފަހު ރަމަޟާން މަސް ކަމަށް ވެދާނެކަމަށް ބަލައި އަވަސް އަޅުކަމުގައި މަޝްޣޫލުވެގަންނާށެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.