އަހަރެންގެ ދިރިއުޅުން މިހާރު އޮތީ އަހަރެން ބޭނުންވާ ގޮތަކަށް ނޫނެވެ. ދިރިއުޅުން މިހާރު އޮތް ގޮތަށް ބަދަލު ވެގެން ދިޔައީ އަހަރެންގެ ސަބަބުން ކަމަށް ގަބޫލު ކުރުމަކީ އަހަރެން ކުރަން ބޭނުން ކަމެއް ނޫނެވެ. އެއީ ފިރިހެނުންގެ ޠަބީޢަތް ކަމަށް ހީކުރިޔަސް އެންމެ ރަނގަޅެވެ.
އަހަރެންގެ އަންހެނުން ސަލީމާ އަކީ ވަރަށް ރީތި މީހެކެވެ. އިސްކޮޅުން ދިގު، އުޅުން ހުރި ރަނގަޅު މީހެކެވެ. މި ބުނަނީ އަހަރެން މިއީ ނުބައި މީހެއް ކަމަށް އެއްބަސްވާ ވާހަކައެއް ނޫނެވެ. އަހަރެންނަކީ ވެސް ނުބައި މީހަކީމެއް ނޫނީމެވެ. ރީތި، ހުތުރު ގެ ވާހަކަ ދައްކާކަށް ނޭނގެ އެވެ. އެހެން ނަމަވެސް ހަމަ ޔަގީނުންވެސް އަހަރެން މިއީ ނުބައި މީހެއް ކަމަކަށް ނުވާނެއެވެ.
ސަލީމާ އާއި އަހަރެންނާ ފުރަތަމަ ބައްދަލުވީ ވަރަށް އާދަޔާ ޚިލާފު ގޮތަކަށެވެ. އަހަރެންނަށް އޭނާ ފެނުނީ ރެސްޓޯރަންޓެއްގައި ސަމުސަލަކުން ސްޕެގަޓީ ކާން މަސައްކަތް ކުރަނިކޮށެވެ. މިއީ ދެ މީހަކު ބައްދަލު ވެގެން ކާވެންޏަކާ ހަމައަށް ދާ ވަރުގެ ސަބަބެއް ނޫންކަން އަހަރެންނަށް އެނގެއެވެ. ސްޕެގަޓީ ކާން އެންމެ ފަސޭހަ ވާނީ އުލަކުންނޭ އަހަރެން ބުނީމެވެ. އެ ނޫން ވާހަކައެއް ނުދައްކަމެވެ. ވާހަކަ ދައްކާނޭ ފުރުޞަތެއްވެސް ނެތީއެވެ.
އޭގެ ފަހުން ވަރަށް ގިނައިން ދެ މީހުން ބައްދަލުވެ އެވެ. އަހަރެން ފެނުމާއެކު އޭނާ ހިނިތުން ވެލައެވެ. އެއީ އަހަރެންގެ މަތިން ހަނދާންވީމާ ކުރާ ކަމެއް ކަމެއް، ނުވަތަ ސްޕެގަޓީ ކާން އުޅުނު ގޮތް ހަނދާންވީމާ ކުރާ ކަމެއް ކަމެއް ނޭނގެއެވެ.
ދުވަސްކޮޅެއް ފަހުން އަނެއްކާވެސް ރެސްޓޯރަންޓަކުން އޭނާޔާ ބައްދަލު ވެއްޖެ އެވެ. މި ފަހަރު ދިމާވީ ވާހަކަ ދެއްކޭ ކަހަލަ ގޮތަކަށެވެ. އޭނާ ވެސް ހުރީ އެކަންޏެވެ.
"މިއަދުވެސް ތިޔަ އައީ ސްޕެގަޓީ ކާންތަ-؟" އަހަރެން އަހައިލީމެވެ.
އޭނާ ހީނގަތެވެ. "މިހާރު ކާން އެނގޭ- އެހެންވީމާ މައްސަލައެއް ނެތެއްނު-؟"
އަހަރެން ބޯ ޖަހައިލީމެވެ.
މިއީ ވާހަކަ ފެށުނު ގޮތެވެ. ކުރީންވެސް ބުނި ފަދައިން ފުރަތަމަ ބައްދަލުވީ އޭނާ ސްޕެގަޓީ ކާން އުޅެނިކޮށެވެ. މި ފަހަރު ވާހަކަ ދައްކާނޭ ދޮރު ހުޅުވުނީ ސްޕެގަޓީންނެވެ. އެކަމަކު އަހަރެންގެ ދިރިއުޅުން ފަހުން، ސްޕެގަޓީގަނޑެއް ކަހަލަ އޮޅުން ބޮޅުން ގަނޑަކަށް ވެދާނެއެކޭ އޭރަކު ހިތަކަށް ނާރައެވެ.
ދެ މީހުންގެ ވާހަކަ މަޑު މަޑުން ގޮސް އަމިއްލަ ދިރިއުޅުމުގެ ވާހަކަ ތަކާ ގުޅިއްޖެ އެވެ.
އޭނާ އަކީ ބާ އަތޮޅު އޭދަފުށީ ކުއްޖެކެވެ. ވަރަށް ކުޑަ އިރު ބައްޕަ މަރު ވެއްޖެއެވެ. ބަލައި ބޮޑު ކުރީ މަންމައެވެ. މަންމަ އަކީ މިހާރު ބަލި މީހެކެވެ. ސިކުނޑީގެ ކޮންމެވެސް ބައްޔަކަށް ބޭސް ކުރާތާ އެތައް އަހަރެއް ވެފައިވާ މީހެކެވެ. އޭނާގެ އެއްބަނޑު ނުވަތަ އެއްބަފާ އެއްވެސް މީހަކު ނުހުރެ އެވެ. އެހެންވީމާ ދެމައިން އުޅެނީ މުޅީން އެކަންޏެވެ. އޭނާ މަސައްކަތް ކުރަނީ ޢިމާރާތް ކުރުމުގެ މަސައްކަތް ހިންގާ ކުންފުންޏެއްގަ އެވެ. ލިބޭ މުސާރައިން ދެމައިންގެ ޚަރަދު ބަރަދު ކިރިޔާ ބެލެހެއްޓެނީ އެވެ. މާލޭގައި ތިބެނީ ކުލީ ކޮޓަރިއެއްގަ އެވެ. ގިނަ ފަހަރަށް މަންމަ އަށް ބޭސް ކުރަނީ ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުގައި ދަންނަވައިގެން ލިބޭ އެހީގަ އެވެ.
އެ ދުވަހުގެ ވާހަކަ އެންމެ ފަހުން ގޮސް ބަދަލުވީ ކާވެނީގެ ވާހަކަ އަށެވެ. ސަލީމާ ދެކޭ ގޮތުގައި ކާވެންޏަކީ ބަނދެވުމެކެވެ. އެކަމަކު އެ ބަނދެވުމަކީ އޭނާ ދެކޮޅު ހަދާނޭ ބަނދެވުމެއް ނޫން ކަމަށް ވެސް ބުންޏެވެ. އަހަރެން ދެކޭ ގޮތުގައި ކާވެންޏަކީ ދިރިއުޅުމުގެ ސަވާރީ ވަކި މިސްރާބަކަށް އަޅުވައި، މަންޒިލަކާ ހަމައަށް ގެންދިއުމަށްޓަކައި ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. ސަލީމާ އަހަރެންގެ ޚިޔާލަކަށް ތާއީދެއް ނުކުރެ އެވެ. އެކަމަކު އެ ޚިޔާލާ ދެކޮޅަށް މާ ގިނަ ވާހަކައެއް ވެސް ނުދައްކަ އެވެ.
އެ ދުވަހު ދެ މީހުންގެ ބައްދަލުވުމުގެ ސިލްސިލާ ފެށުނީ އެވެ. އެ ސިލްސިލާ ނިމުނީ ކާވެނިންނެވެ. ކާވެނި ކުރެވުނު ދުވަހަކީ އަހަރެންގެ ޙަޔާތުގައި އައި އެންމެ އުފާވެރި ދުވަސް ކަމުގައި ބުނެވިދާނެ އެވެ. ސަލީމާ ވެސް ހުރީ ވަރަށް އުފަލުންނެވެ. ދެ މީހުން އިނީ ލޯބިންނެވެ. އެކަކު އަނެކަކު ދެކެ ވަމުން އައީ އަމިއްލަ އެދުމެއް ނެތް ސާފު ތާހިރު ލޯތްބެކެވެ.
* * *
ކާވެންޏަށް އަހަރެއް ފުރުނު އިރު ދެ މީހުންނަށް ދަރިއަކު ލިބިއްޖެ އެވެ. އެޔާއެކު ދެ މީހުންގެ ދެމެދުގައި އޮތް ލޯބި އިހަށް ވުރެ ވެސް ފުން ވެގެން ހިނގައްޖެ އެވެ. ދެ މީހުންގެ ދިރިއުޅުން ވެފައި ވަނީ ވަރަށް އުފާވެރި ދިރިއުޅުމަކަށެވެ.
ދެ މީހުންގެ މެދުގައި އެންމެ ފުރަތަމަ މައްސަލައެއް ޖެހުނީ އޭނާގެ މޯބައިލް ފޯނަށް އައި ލަވް ޔޫ ޖަހާފައި އޮތް އެސްއެމްއެސް މެސެޖެއް ލިބުނު ދުވަހު އެވެ. އެއީ ކާކު ފޮނުވި މެސެއްޖެއްތޯ އަހައިލީމާ އޭނާ ބުނީ ނޭނގޭ ކަމަށެވެ. އެ ދުވަހު އަހަރެން ވަރަށް ބޮޑަށް ރުޅި އައެވެ. އޭނާ ދެއްކި ވާހަކައެއް ގަބޫލެއް ނުކުރަމެވެ.
"ކަލޭ ނުދަންނަ މީހުންވެސް ކަލެއަށް ތިޔަ ކަހަލަ މެސެޖް ފޮނުވާތަ-؟" އަހަރެން ރުޅި އައިސްފައި އަހައިލީމެވެ.
"މެސެޖް ފޮނުވުމަކީ އެނގިގެން ކުރެވޭ ކަމެއް ނޫން- ނޭނގުނަސް މެސެޖެއް ފޮނުވިދާނެ- ޝާހިދަށް ވެސް ނުދަންނަ މީހަކަށް މެސެޖެއް ފޮނުވިދާނެ-" އޭނާ ހިނިތުން ވެލިއެވެ.
އޭނާގެ ހިނިތުން ވުމަކުން އަހަރެންގެ ރުޅި ފިލާ ގޮތެއް ނުވި އެވެ.
"ނޭނގޭ މީހުންނަކަށް މީހުން ތިޔަ ކަހަލަ މެސެޖެއް ނުފޮނުވާނެ-!"
އެ ދުވަހުގެ ޒުވާބު ވަރަށް ކުރުކޮށް ނިމިއްޖެ އެވެ. އެއީ އަހަރެން ނިންމާލަން ވެގެން ނިންމައިލީއެއް ނޫނެވެ. ސަލީމާ މާ ގިނަ ވާހަކައެއް ނުދައްކަ އެވެ. އެހެންވީމާ ނިންމާލަން މަޖުބޫރު ވީއެވެ.
އެކަމަކު އެ ދުވަހުގެ ފަހުން އެ ކަހަލަ ކުދިކުދި މައްސަލަތައް ޖެހެން ފަށައިފި އެވެ. އަންހެނުން ފޯނު ކޮށްގެން މާ ގިނަ އިރު މީހަކާ ވާހަކަ ދައްކާ ކަމުގައި އަހަރެންނަށް އިހްސާސް ކުރެވެން ފަށައިފި އެވެ. އަހަރެން ފެނުނީމާ އަވަސް އަވަހަށް ފޯނު ކަނޑާލާ ކަން ވެސް އެނގިއްޖެ އެވެ.
"ކަލޭ ސިއްރުން ވާހަކަ ދައްކަނީ ކާކާ-؟" އަހަރެން އެއް ދުވަހަކު އަހައިލީމެވެ.
"އެއީ ތިމާގެ ކުއްޖެއް-" އޭނާ ވަރަށް އާދައިގެ ގޮތަކަށް ބުނެލި އެވެ.
އެކަމަކު އެ ވާހަކަ ވެސް އަހަރެންނަކަށް ގަބޫލެއް ނުކުރެވުނެވެ. އަހަރެންނަށް ނާންގައި، ސިއްރުން ކޮންމެވެސް ފިރިހެނަކާ ގުޅުން ހިންގަނީ ކަމަށް ޝައްކު ކުރެވެން ފަށައިފި އެވެ. ދެ މީހުންގެ މެދުގައި ހިނގާ ހަމަ ނުޖެހުން ބޮޑު ވެގެން ދިޔަ ހިސާބަކީ މިއީ އެވެ. އޭގެ ފަހުން އަހަރެންނަށް ކަމުދާ ކަހަލަ ގޮތަކަށް ސަލީމާ އަކަށް އެއްވެސް ކަމެއް ކުރެވޭ ކަމަކަށް ނުވެ އެވެ. ކިތަންމެ ރަނގަޅަކަށް ކަމެއް ކޮށް ދިނަސް އަހަރެން ޝަކުވާ ނުކުރާ ކަހަލަ ގޮތަކަށް ކަމެއް ނުކުރެވެ އެވެ.
އަހަރެން އެކަނި ހުރެގެން ބައެއް ފަހަރަށް ވިސްނަމެވެ. މި ވަނީ ކީއްބާވައެވެ؟ އަންހެނުން ދެކެ އަހަރެން ލޯބި ނުވަނީ ބާވައެވެ؟ ކުރިން ހިތުގައި އޮތް ލޯތްބަށް ވީ ކީއް ހެއްޔެވެ؟
މި ސުވާލުތަކުގެ ޖަވާބެއް އަހަރެންނަކަށް ލިބޭ ގޮތެއް ނުވި އެވެ. އެންމެ ފަހުން ޚިޔާލުގެ ދުނިޔެއަށް ވެރިވާން ފެށީ ރުޅިވެރިކަމުގެ އަސަރެވެ. އަހަރެން ރުޅި އައިސްގެން ސުވާލު ކުރަން ފެށީމާ ސަލީމާ ހިނިތުން ވެލަނީ އެވެ. ނުވަތަ ފިނި ރާގަކަށް ކޮންމެވެސް އެއްޗެކޭ ބުނެފައި ނިންމައިލަނީ އެވެ. އެހެން ހެދީމާ އަހަރެންގެ ރުޅި ދިޔައީ ހައްތަހާ ގަދަ ވަމުންނެވެ.
އެސްއެމްއެސް އަކުން ހުރިހައި ކަމެއް ނިމުނީއެއް ނޫނެވެ. ފަހަކަށް އައިސް މާ ގިނައިން އޭނާގެ މޯބައިލް ފޯނަށް ގުޅަން ފަށައިފި އެވެ. އަހަރެން ވަގަށް ނަންނަބު ނަގައިގެން ވަކި މީހަކު ބަލައިފީމެވެ. އެ މީހަކީ އަހަރެންވެސް ދަންނަ މީހެކެވެ.
އެ މީހާޔާ ސުވާލު ކުރުމަކީ ބޭނުން ކަމެއް ކަމަކަށް އަހަރެންނަކަށް ނުފެނުނެވެ. އެހެންވީމާ އަހަރެން ސުވާލު ކުރީ ސަލީމާ އާ އެވެ.
"ފަހުމީ ކަލެއަށް ފޯނު ކުރަނީ ކީއްކުރަން-؟"
"އެކި ފަހަރު އެކި ކަންކަމު- ބައެއް ފަހަރަށް ގުޅަނީ އޭނާގެ ޝޮޕަށް ބޭނުންވާ އެއްޗެހި ފައްސަން ވެގެން-" ސަލީމާ މަޑުމައިތިރި ކަމާއެކު ޖަވާބު ދިނެވެ.
"އެހައި ގިނައިން ފޯނު ކުރަނީ ހަމަ އެއްޗެހި ފައްސަން ވެގެންތަ-؟"
ސަލީމާ ކުރަން ހުރި މަސައްކަތް ހުއްޓާލާފައި އަހަރެންނާ ދިމާއަށް ބަލައިލި އެވެ.
"ޝާހިދު އަހަރެންނަށް ޝައްކު ކުރަނީތަ-؟ އަހަރެން އޭނާއާ ހިތާވެގެން އުޅެނީއޭ ހީވަނީތަ-؟"
ކުއްލިއަކަށް އެހައި ސާފު ކޮށް އޭނާ ސުވާލު ކޮށްލީމާ އަހަރެންނަކަށް ބުނާނޭ އެއްޗެއް ނޭނގުނެވެ.
"އަހަރެން އެހެންނެއް ނުބުނަން-"
"އާނ- އެހެންނެއް ނުބުނޭ- އެކަމަކު އަހަރެން ދެއްކި ވާހަކަ ގަބޫލެއް ނުކުރެވޭ- އޭގެ މާނައަކީ އެހެން ހީކުރަނީއޭ- ނޫންތަ-؟"
އެ ދުވަހު ގިނަ ވާހަކަ ދެއްކީ ސަލީމާ އެވެ. އޭނާގެ ވަފާތެރިކަން އަހަރެންނަށް އަންގައިދޭން ވަރަށް ގިނަ ވާހަކަ ދެއްކި އެވެ. ބައެއް ވާހަކަ އަހަރެން ގަބޫލު ކުރީމެވެ. އެކަމަކު ގިނަ ވާހަކަތައް އަހަރެންނަށް ފެނުނީ އަހަރެންގެ ލޮލުގައި އަނދުނެއް އަޅުވަން ވެގެން ދެއްކި ވާހަކަތަކެއް ކަމުގަ އެވެ. އެހެންވީމާ ހިތުގައި އޮތް ރުޅިވެރިކަން ފިލައިގެން ދިއުމުގެ ބަދަލުގައި ހައްތަހާ ގަދަ ވެގެން ދިޔައީ އެވެ.
* * *
ގިނަ ދުވަސް ވާ ވަރަކަށް ހިތުގައި އުފެދިފައި ހުރި ފާރުގަނޑު ދިޔައީ ބޮޑު ވަމުންނެވެ. ބޮލުގައި ރިއްސުން ދިޔައީ ގަދަ ވަމުންނެވެ. އެންމެ ފަހުން ހުރިހައި ކަމެއް ނިމުނީ ވަރިއާ ހަމައިންނެވެ. އޭނާ ވަރި ކުރި ދުވަހަކީ އަހަރެންގެ ހުރިހައި މައްސަލައެއް ހައްލުވީ ދުވަސްކަމަށް އަހަރެން ހީކުރީމެވެ. އެކަމަކު މައްސަލަތައް ފެށުނު ދުވަހަކީ އެއީ އެވެ. އެކަން އަހަރެންނަށް އެނގުނީ މާ ފަހުންނެވެ. އޭރު އޮތީ ވަގުތު ފާއިތު ވެފަ އެވެ.
* * *
އަހަރެން ވަރި ކުރީމާ ސަލީމާ ދިޔައީ އޭނާގެ މަންމަގެ ގާތަށެވެ.
އޭގެ ފަހުން އެތައް އަހަރެއް ފާއިތު ވެގެން ދިޔަ އިރުވެސް ސަލީމާ މީހަކާ ނީނދެ އެވެ. އަދި ފަހުމީ އަކާ އޮތް ގުޅުމެއްވެސް އަހަރެން ހީކުރި ވަރަކަށް ފުޅާ ވެގެންނެއް ނުދިޔަ އެވެ. އެންމެ ބޮޑަށް ޙައިރާންވީ ކަމަކީ ފަހުމީ އެހެން މީހަކާ އިނދެގެން ދަރިންވެސް ލިބުނު ކަމެވެ.
ސަލީމާ އާ އަލުން އިންނަން އަހަރެން މަސައްކަތް ކުރީމެވެ. އެކަމަކު އޭނާ އެއްބަހެއް ނުވިއެވެ. އޭނާ ބުންޏެވެ.
"ޝައްކު ބައްޔަކީ ވަރަށް ބިރުވެރި ބައްޔެއް- ބޭހެއް ނެތް ބައްޔެއް- ޝާހިދަށް ތިޔަ ވަނީ ޝައްކު ބަލި ޖެހިފައި-"
އަހަރެން ފަހުން ވިސްނާލީމެވެ.
ޝައްކު ބައްޔަކީ ކޮބައިބާވައެވެ؟ އެ ބަލި ޖެހެނީ ކިހިނެއް ބާވައެވެ؟
މި ސުވާލު ތަކުގެ ޖަވާބަކަށް އުފެދުނީ ވެސް ސުވާލު ތަކެކެވެ.
ސަލީމާ އާ ފަހުމީ ނުގުޅި ނަމަ އަހަރެންގެ ހިތުގައި ޝައްކު އުފެދުނީސް ހެއްޔެވެ؟ ދެމަފިރިންގެ މެދުގައި ޝައްކު އުފެދެނީ އެއްވެސް ސަބަބަކާ ނުލައި ހެއްޔެވެ؟
މިއިން ސުވާލަކަށް އެދެވޭ ޖަވާބެއް ލިބޭނޭ ކަމެއް ނުވަތަ ނޫން ކަމެއް ނޭނގެ އެވެ. އެކަމަކު އެނގޭ ކަމަކީ ޝައްކު ބައްޔަކީ އަމިއްލަ އަށް އޭގެ ފަރުވާ ހޯދަން ޖެހޭ ބައްޔެއް ކަމެވެ. ފަރުވާއެއް ނުހޯދިއްޖެ ނަމަ ހަލާކު ވެގެން ދާނީ އަމިއްލަ ދިރިއުޅުމެވެ. އަހަރެންނަށް ފަހުން ވިސްނުނު ގޮތުގައި ޝައްކު ބައްޔަށް އޮންނަ ހަމައެކަނި ފަރުވާ އަކީ ވާހަކަ ދެއްކުމެވެ. ދެމަފިރިންގެ ދެމެދުގައި އުފެދޭ މައްސަލަތަކުގެ ޙައްލު ހޯދަން މަޑުމައިތިރިކަމާއެކު ވާހަކަ ދެއްކުމެވެ. އަހަރެންގެ ދިރިއުޅުން މިހާރު މި އޮތް ގޮތަށް ބަދަލު ވެގެން ދިޔައީ ޝައްކު ބަލީގެ ސަބަބުންނެވެ. ޝައްކު ބަލި އުފެދުނީ ވާހަކަ ދައްކަންވާ ގޮތަށް ވާހަކަ ނުދެއްކުނީމަ އެވެ. ކުށްވެރި ވަނީ ސަލީމާ ކަމަށް ވިޔަސް، ނުވަތަ އަހަރެން ކަމަށް ވިޔަސް ޙަޤީޤީ ސަބަބަކީ ދެމަފިރިންގެ ދެމެދުގައި އޮންނަންވާ ވާހަކައިގެ ގުޅުން ނެތުމެވެ.
(ނިމުނީ)