އެމްޑީޕީ އާ މެދު އަޅާނެ ފިޔަވަޅެއް އަދި ކަނޑައެއް ނާޅަން: އީސީ

ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދު ވޯޓު ދެއްވަނީ: ފޮޓޯ ސޯޝަލް މީޑިއާ

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ އެންގުމާ ޚިލާފަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވައިފައިވާތީ އެ ޕާޓީއާ ދެކޮޅަށް ފިޔަވަޅު އަޅަން ނިންމަވާފައި ވިޔަސް އަޅާނެ ފިޔަވަޅުތަކެއް އަދި ކަނޑަ ނާޅާކަމަށް އެ ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އީސީގެ ރައީސް އަހުމަދު ޝަރީފް އާދަމް ވިދާޅުވީ "މިއަދު ކޮމިޝަނުން ނިންމީ އެމްޑީއާމެދު ފިޔަވަޅުއަޅަން. އެހެންނަމަވެސް ބަލަންޖެހޭ ބައެއް ކަންކަން ހުރީމައި އަޅާނެ ފިޔަވަޅެއް ކަނޑައެއް ނާޅަން،" ކަމަށެވެ.

ޝަރީފް ވިދާޅުވީ އެމްޑީޕީގެ އެހަރަކާތަކީ ޕާޓީއަށްވުރެ ބޮޑަށް ޕާޓީގެ ލީޑަރޝިޕުން ހިންގި ހަރަކާތެއް ކަމަށް ކޮމިޝަނަށް ބުރަވެވިފައިވާ ކަމަށެވެ. އެހެންވީމާ ޕާޓީގެ ލީޑަރޝިފްގެ އެންމެ އިސް ފަސް ބޭފުޅުންގެ މައްސަލަ ބަލައި ދިނުމަށް މިހާރުވާނީ ޕޮލިހުގައި އެދިފައި ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް (ކޮމިޝަނަށް) ބޮޑަށް ބުރަވެވުނީ އެއީ ޕާޓީގެ ލީޑަރޝިޕުން ހިންގި ހަރަކާތެއް ކަމަށް. އެހެންވީމައި ޕާޓީގެ ލީޑަރޝިޕުގައި ތިބި ފަސް މީހުން ގާނޫނާއި ގަވާއިދާ ޚިލާފަށް ކުރިކަމާ ދޭތެރޭ ފިޔަވަޅުއަޅައި ދިނުމަށް އަޅުގަނޑުމެންވާނީ ޕޮލިހުގައި އެދިފައި،" ޝަރީފް ވިދާޅުވިއެވެ.

އެއީ އަދި ޕާޓީއާމެދު ފިޔަވަޅެއް އެޅުން ނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ. ޕާޓީއާމެދު ފިޔަވަޅު އެޅުމާބެހޭ ގޮތުން ގޮތެއް ނިންމާނީ މިހާރު ރާއްޖެއިން ބޭރުގައި ވަޑައިގެން އުޅުއްވާ އީސީ ގެ މެންބަރު އެނބުރި ރާއްޖެ ވަޑައިގަތުމުން އިތުރަށް ބަލަންޖެހޭ ކަންކަން ބެއްލެވުމަށްފަހު ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީއާމެދު ފިޔަވަޅުއަޅަން އީސީން ނިންމެވީ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދު ވާދަ ކުރެއްވުމަކީ ގާނޫނާއި ގަވާއިދާ ޚިލާފު ކަމެއް ކަމަށްވާތީ އެމަނިކުފާނު ބައިވެރި ކުރައްވައިގެން ޕްރައިމަރީ ނުބޭއްވުމަށް އަންގަވާފައި ވަނިކޮށް އެއަށް ތަބާނުވުމުންނެވެ.

އީސީން ވިދާޅުވެފައިވަނީ ރައީސް ނަޝީދަކީ ޕްރައިމަރީގައި ވާދަ ކުރެއްވުމުގެ ޝަރުތު ހަމަވާ ބޭފުޅެއް ނޫންކަމަށެވެ. އެއީ އެމަނިކުފާނުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމެއް އައިސްފައިވާތީ ކަމަށް އީސީން ވިދާޅުވިއެވެ.

އެހެންނަމަވެސް އީސީގެ އެންގެވުން ބޮލާލައި ޖެހުމަށްފަހު އެމްޑީޕީން ވަނީ ޕްރައިމަރީ ބާއްވައި ރިޔާސީ ޓިކެޓު ވެސް ރައީސް ނަޝީދަށް ރަސްމީކޮށް އަރުވައިފައެވެ. އެކަން އެގޮތަށް ކުރެއްވީ ޕްރައިމަރީ ހުއްޓުވަން ކޯޓުން އަމުރުވެސް ނެރުއްވައިފައި ވަނިކޮށް ނެވެ.

އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ ފަސް ބޭފުޅަކާމެދު ފިޔަވަޅު އަޅުއްވަން އީސީން ނިންމަވައި ފުލުހުންނަށް ހުށަހެޅުއްވި ކަމެއްވެސް އަދި އެ ފަސް ބޭފުޅުންނަކީ ކޮބައި ކަމެއްވެސް އެނގިވަޑައިގެންފައި ނުވާކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.