
ރާއްޖޭގައި އިތުރު 4 އެއާޕޯޓެއް ހެދުމަށް މިހަފްތާ ނިމުމުގެ ކުރިން ކޮންޓްރެކްޓަރުންނާ ހަވާލު ކުރެވޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޕީޕީއެމްއާ އަލަށް ގުޅުނު ބައެއް މެންބަރުންގެ މެންބަރޝިޕް ފޯމު އެޕާޓީއާ ހަވާލު ކުރުމަށް ޕާޓީ އޮފީހުގައި ރޭ ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި ދެއްކެވި ވާހަކަ ފުޅުގައެވެ.
އެމަނިކުފާނު ވިދާޅުވީ ސަރުކާރުން މިހާރު ރާއްޖޭގައި ހިންގަވަމުން ގެންދަވަނީ މީގެ ކުރިން ހުވަފެނުންވެސް ދެކެފައިނުވާ ވަރުގެ ބޮޑެތި މަޝްރޫއުތަކެއް ކަމަށެވެ. އެއާޕޯޓު ތަކަކީ ވެސް އޭފަދަ މަޝްރޫއުތަކެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މި ހަފްތާގެ ބާކީ އޮތް ދުވަސްތައް ނިމޭއިރު ވަކިވަކިން އެ އެއާޕޯޓުތައް ކޮންޓްރެކްޓަރުންނާ ހަވާލު ކުރެވޭނެ ކަމަށެވެ.
އެކަމުގެ ފައިދާ މުޅި ރައްޔިތުންނަށް ލިބޭނެ ކަމަށާއި، ޚާއްސަކޮށް ކެރިގެން މަސައްކަތްކުރާ ޒުވާނުންނަށް ރަށުގައ ތިބެގެން ވަޒީފާއަދާ ކުރުމުގެ ފުރުސަތު އެފަދަ ޒުވާނުންނަށް އޮންނާނެ ކަމަށެވެ.
ރައީސް ވިދާޅުވީ އެ އެއާޕޯޓުތައް ތަރައްގީ ކުރައްވަނީ ދައުކަތުގައި ފައިސާ ވެސް ހުރެގެން ކަމަށެވެ. "މިހަފްތާގެ ބާކީ މިއޮތް ހަތަރުވަރަކަށް ދުވަހު ފަހަރަކު އެއަރޕޯޓެއް ފަހަރަކު އެއަރޕޯޓެއް ހަތަރު އެއަރޕޯޓެއްގެ މަސައްކަތް ހަވާލުކުރެވިގެންދާނެ،" ރައީސް ވިދާޅުވިއެވެ.