ރޯދައިގެ ފިލާވަޅު 12: ރަމަޟާންމަހުގެ ރޭއަޅުކަމުގެ މާތްކަން

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ "‏ مَنْ قَامَ رَمَضَانَ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ ‏"‏‏. (صحيح البخاري، كتاب الإيمان، باب تطوّع قيام رمضان من الإيمان) (صحيح مسلم، كتاب صلاة المسافرين وقصرها، باب الترغيب في قيام رمضان وهو التراويح)

އަބޫހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެން ވެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘުކުރެއްވިއެެ. އީމާންކަމާއެކު، ހަމަ އެކަނި މާތް ﷲގެ ދަރުމައަށް އަދައިގެން ހުރެ ރަމަޟާންމަހު ރޭއަޅުކަން ކޮށްފި މީހާގެ އިސްވެދިޔަ ފާފަ މާތް ﷲ ފުއްސަވާނެއެވެ. (އަލްބުޚާރީ، ޙަދީޘު: 37 އަދި މުސްލިމް، ޙަދީޘު: 759)

ރަމަޟާން މަހަކީ އަޅުކަމާއި ތަޤްވާގެ މައްސަރެވެ. އަހަރުގެ އެހެން ދުވަސްތަކާއި ޚިލާފަށް ދަރުމައާއި ސަވާބު އިތުރުވެގެންދާ މައްސަރެވެ. އެހެންކަމުން އެމައްސަރުގައި ކުރެވޭ އަޅުކަންވެސް އެހެން މައްސަރުތަކަށްވުރެ އިތުރުވެއެވެ. ނަމާދުކުރުމާއި، ޤުރްއާން ކިޔެވުމާއި ޒިކުރުކުުރުމުގައި އެމައްސަރުގެ ވަގުތުތައް ހޭދަކުރުން ގިނަވެއެވެ.

މިގޮތުން، ރަމަޟާންމަހުގައި ކުރެވޭ އެންމެ ޚާއްޞަ އެއް އަޅުކަމަކީ ޤިޔާމުއްލައިލިއެވެ. ރޭއަޅުކަމެވެ. ނުވަތަ ތަރާވީޙު ނަމާދެވެ. އެނަމާދު ރަމަޟާންމަހުގައި ފުރިހަމައަށް އަދާކޮށްފި މީހަކަށް ލިބޭ ދަރުމައަކީ އޭނާގެ އިސްވެ ގަޮސްފައިވާ ފާފަތައް ފުއްސަވައިދެއްވުމެވެ.

ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ތަރާވީޙު ފުރިހަމަ ގޮތުގައި ކުރުމަކީ ކޮންމެ ރެެއަކު ޖަމާޢަތުގައި އިމާމާއެކު އޭނާ ތަރާވީޙު ނިންމަަންދެން ހުރުމެވެ. ކޮންެމެ ރެއަކުވެސް އޭނާއާއެކު ފަށައި އޭނާއާއެކު ނިންމުމެވެ. އަލްއިމާމު އަޙްމަދު އަދި އައްތިރްމިޛީ ރިވާކުރައްވާފައިވާ ޙަދީޘެއްގައި، އިމާމާ ނިންމާލާފައި ދަންދެން އޭނާއެކު ހުރެއްޖެ މީހާއަށް ރޭއަޅުކަމުގެ ފުރިހަމަ ދަރުމަ ލިބޭނެ ކަމުގައި އައިސްފައި ވެއެވެ.

ރަސޫލުﷲ صلى الله عليه وسلم ރަމަޟާން މަހުގެ ރޭއަޅުކަމުގައި ކުރައްވާފައި ވަނީ އެގާރަ ރަކުއަތެވެ. އެހެންނަމަވެސް، އެއީ އަދަދު ކަނޑައެޅިފައިވާ އަޅުކަމެއް ނޫންކަމުގައްޔާއި، ބޭނުން އަދަދަކަށް ކުރެވޭނެ ކަމުގައި ޢިލްމުވެރިން ވިދާޅުވެއެވެ. އެެހެނީ، އަލްބުޚާރީ އާއި މުސްލިމް ރިވާކުރައްވާފައިވާ ޙަދީޘެއްގައި ވާގޮތުން، ރޭއަޅުކަމާ ބެހޭ ގޮތުން މީހަކު ސުވާލު ދެންނެވުމުން ރަސޫލުﷲ صلى الله عليه وسلم ޙަދީޘކުރެއްވީ ދެ ރަކުއަތުން ދެރަކުއަތުން ކުރަމުންގޮސް ފަތިސްވާން ކައިރިވެއްޖެ ކަމުގެ ބިރު ހީވުމުން ވިތުރު ކޮށްފައި ނިންމާލުމަށެވެ.  

އިސްވެދިޔަ ފާފަތައް ފުއްސަވާނެ ކަމަށް ޙަދީޘުކުރައްވާފައިވާ ބަސްފުޅުގެ މާނައަކީ ކުރިން ކުރެވިފައިވާ ކުދި ފާފަތަކެވެ. އެހެނީ، ބޮޑެތި ފާފަތައް ތައުބާވުމުން ނޫނީ ނުފުއްސަވާނެެއެވެ. އަދި އެހެން ބައެެއްގެ ހައްގަށް އަރައިގެންފައި ވާނަމަ، އެ ބަޔަކު އެ ހައްގު ނުކަނޑަނީސް އެ ފާފަ ނުފުއްސަވާނެއެވެ.

ރަމަޟާންމަހުގެ ދަރުމަ ފުރިހަމަ ގޮތުގައި ލިބިގަތުމަށްޓަކައި ރޭއަޅުކަމަށް ފަރުވާ ކުޑަނުކުރުމަކީ މިޙަދީޘުން ލިބޭ އެންމެ މަތިވެރި ފިލާވަޅެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.