ރޯދައިގެ ފިލާވަޅު 10: ރަސޫލުﷲ صلى الله عليه وسلم ރޯދަހިއްޕެވި ގޮތް (1)

ރަސޫލުﷲ صلى الله عليه وسلم އަކީ ހުރިހާ ކަމެއްގައިވެސް މުސްލިމުންނަށް އެންމެ ފުރިހަމަ ނަމޫނާއެވެ. މާތް ﷲ ވަޙީކުރައްވާފައިވާ ފަދައިންެނެވެ. ﴿لَّقَدْ كَانَ لَكُمْ فِى رَسُولِ ٱللَّـهِ أُسْوَةٌ حَسَنَةٌ﴾ (الشورى: ٢١) (ހަމަކަށަވަރުން، اللَّه ގެ رسول އާގެ ކިބައިގައި، ތިޔަބައިމީހުންނަށް ރިވެތިވެގެންވާ ނަމޫނާއެއް ވެއެވެ.) އެހެންކަމުން، އެކަލޭގެފާނުގެ ބަސްފުޅުތަކުގައި ހިފާފަދައިން އެކަލޭގެފާނު ޢަމަލުކުރެއްވި ގޮތުގައި ވެސް ހިފަންެޖެހެއެވެ.
އިސްލާމްދީނުގައި ފަރުޟުކުރައްވާފައިވާ އަޅުކަންތަކުގެ ތެރެއިން ރޯދައިގެ އަޅުކަމަކީ މުޅި ދުވަހަށް ދެމިގެންދާ އަޅުކަމެކެވެ. އެއަޅުކަން އަދާކުރެއްވުމުގައި ރަސޫލުﷲ صلى الله عليه وسلم ޢަމަލުފުޅުތައް ބެހެއްޓެވި ގޮތް ބަލައިލުމަކީ ރޯދައަށްޓަކައި ލިބިގެންދާ މަތިވެރި ފިލާވަޅަކަށް ވާނެއެވެ.
އިތުރު އެކަލޭގެފާނު ރޯދަ ހިއްޕަވަން ފަށްޓަވަނީ ހާރު ފަރިއްކުޅުއްވުމުންނެވެ. އެކަލޭގެފާނަކީ އެއް އިރެއްގައިވެސް ގިނައިން ފަރިއްކުޅުއްވާ ބޭފުޅެއް ނޫނެެވެ. އެހެންކަމުން ހާރުދަމުގައި ވެސް އެކަލޭގެފާނު ކަންކުރައްވަނީ އެފަދައިންެެނެވެ. ފަރިއްކުޅުއްވަނީ ކަދުރުކޮޅެވެ. އެހެންނޫންނަމަ އެވަގުތަކު ލިބެން ހުރި ކާއެއްޗަކުން މަދު އެތިކޮޅެކެވެ. ދެން ހިއްޕަވަނީ ފެންފޮދެކެވެ. އާއްމު ގޮތެއްގައި އެވަގުތު ފަރިއްކުުޅުއްވަނީ ކޮންމެވެސް އަނބިކަލަކާ އެކުގައެވެ. ބައެއް ފަހަރު ޒައިދު ބްނު ޘާބިތު رضي الله عنه ފަދަ ބޭކަލުންނާއެކުވެސް ހާރު ފަރިއްކުޅުއްވާފައިވާ ކަން ސާތިބުވެއެވެ. ފަރިއްކުޅުއްވަނީ ފަތިސްނަމާދު ވަގުތާ ކައިރިކުރައްވާފައެވެ. ޞައްޙަ ޙަދީޘުން އެނގޭ ގޮތުގައި ރަސޫލުﷲ صلى الله عليه وسلم ފަރިއްކުޅުއްވުމުން އަވަދިވެވަޑައިގަތުމާ ފަތިސްނަމާދު ވަގުތާ ދެމެދު ހުންނަނީ ފަންސާހަަކަށް އާޔަތް ކިޔެވޭނެހާ ވަގުތެވެ. ދެން ބިލާލު رضي الله عنه ފަތިސްނަމާދަށް ބަންގިދެއްވުން ކޮޓަރިކޮޅުގައި ސުންނަތް ދެ ރަކުޢަތް ކުރައްވައި، ބިލާލު رضي الله عنه ޤަމަތްދެއްވަންދެން މަޑުކުރައްވައެވެ. ޤަމަތްދެއްވުމުން މިސްކިތްކޮޅަށް ނުކުމެވަޑައިގެން މީސްތަކުންނާއިގެން ނަމާދުކުރައްވައެވެ. އެއަށްފަހު، އިރުއަރަންދެން މާތްﷲ އަށް ޒިކުރުކުރައްވަން މިސްކިތްކޮޅުގައި މަޑުކުރައްވައެވެ. އިރު އަރައިގެން އައިސް ވިއްސަކަށް މިނެޓްހާއިރު ވުމުން ނުވަތަ އެއަށްވުރެ ތަންކޮޅެއް ގިނަ އިރު ވުމުން ދެ ރަކުޢަތް ނަމާދެއް ކުރައްވައެވެ.
ދުވާލުގެ ވަގުތު އަޅުކަންކުރައްވައި، ޤުރްއާން ކިޔަވައިވިދާޅުވުމުގެ އިތުރަށް، ރަސޫލުﷲ صلى الله عليه وسلم އެކިއެކި އަނބިއަނބިކަނބަލުންނާއެކު އެކަނބަލުންނަށް އެހީތެރިވެވަޑައިގަތުމުގައްޔާއި، އެކަނބަލުންނާ ސަމާސާކުރެއްވުމުގައި ހޭދަކުރައްވައެވެ. އެކަނބަލުންނާ ސަމާސާކުރައްވައި އުފާވެރި ވަގުތުކޮޅެއް ހޭދަކުރެއްވުމަކީ އެކަލޭގެފާނު އަބަދުވެސް ކުރައްވާ ކަމެކެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.