އިސްލާމްދީނުގައި މުޖުތަމަޢާއި އިޖުތިމާޢީ ދިރިއުޅުމާ ގުޅޭ ޙައްޤުތައް (4)

(18 މޭ 2018 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ފާޑުކިޔުމާއި އިޞްލާޙަށް މަސައްކަތްކުރުމުގެ ޙައްޤު

އަރަހުށި މާތް اللّه سبحانه وتعالى ގެ ރަސޫލުން ދުނިޔޭގައި ޙައްޤު ފައުޅުކުރައްވަމުން ގެންދެވިއެވެ. މުޖުތަމަޢު އިޞްލާޙުކުރެއްވުމުގެ ވާޖިބު އަދާކުރައްވަމުން ގެންދެވިއެވެ. އެކަމުގައި އެއްވެސްކަހަލަ ނުރައްކަލަކަށް ނުވަތަ އެއްވެސްކަހަލަ ހުރަހަކަށް ކުޑަވެސް ފަރުވާލެއް ނުބަހައްޓަވައެވެ. އަރަހުށި މާތް اللّه އެކަން ބަޔާންކުރައްވައި ކީރިތި ޤުރްއާނުގައި ވަޙީކުރައްވައިފައިވެއެވެ.

الَّذِينَ يُبَلِّغُونَ رِسَالَاتِ اللَّهِ وَيَخْشَوْنَهُ وَلَا يَخْشَوْنَ أَحَدًا إِلَّا اللَّهَ وَكَفَى بِاللَّهِ حَسِيبًا (الأحزاب: ٣٩)

މާނައީ: "އެއުރެންނީ (އެބަހީ: رسول ންނީ) اللّه ގެ އެންގެވުންތައް މީސްތަކުންނަށް އަންގަވާ ބަޔެކެވެ. އަދި އެބޭކަލުން އެކަލާނގެ ދެކެ ބިރުވެތިވެތެވެ. އަދި އެބޭކަލުންނީ اللّه ފިޔަވައި އެހެން ފަރާތަކަށް ބިރުވެތިވާ ބަޔެއް ނޫނެވެ. އަދި حساب ބައްލަވަނިވި ކަލަކު ކަމުގައި اللّه ފުދިވޮޑިގެންވެއެވެ."

މުޖުތަމަޢުން ފެންނަ ވިޔާނުދާ ކަންތައްތަކާއި ނުރަނގަޅު ކަންތައްތަކަށް ފާޑުކިޔުމާއި އެކަންކަމުގެ އިޞްލާޙަށް ގޮވައިލުމަކީ، އިސްލާމްދީން ކޮންމެ މީހަކަށްވެސް ދީފައިވާ ޙައްޤެކެވެ. رسول اللّه صلّى اللّه عليه وسلّم އިރުޝާދު ދެއްވައިފައިވެއެވެ.

"قٌلِ الحَقَّ وَلَوْ كَانَ مراً"

މާނައީ: "ޙައްޤު ބަސްބުނާށެވެ! އެއީ ކޮންމެވެސް މީހަކު ނުރުހޭނެ ކަމެއް ކަމުގައި ވިޔަސްވެހެވެ."

"لاَ تَخَفُ فِى اللهِ لَوْمَةَ لاَئِمْ"

މާނައީ:" اللّه ގެ (ދީނުގެ) މުޢާމަލާތެއްގައި މަލާމާތް ކުރާ މީހެއްގެ މަލާމާތަށް ފަރުވާލެއް ނުބަހައްޓާށެވެ."

މާނައީ: "اللّه ގެ (ދީނުގެ) މުޢާމަލާތެއްގައި މަލާމާތްކުރާ މީހެއްގެ މަލާމާތަށް ފަރުވާލެއް ނުބަހައްޓާށެވެ."

މުންކަރާތަށް ފާޑުކިޔުމާއި އެކަންކަން އިޞްލާޙުކުރަން މަސައްކަތްކުރުމަކީ އީމާންކަން ބާރުއަޅާ ކަމެއް ކަމުގައި رسول اللّه صلّى اللّه عليه وسلّم ވަނީ އިރުޝާދު ދެއްވައިފައެވެ.

"مَنْ رَأَى مِنْكُمْ مُنْكَرًا فَلْيُغَيِّرْهُ بِيَدِهِ فَإِنْ لَمْ يَسْتَطِعْ فَبِلِسَانِهِ فَإِنْ لَمْ يَسْتَطِعْ فَبِقَلْبِهِ وَذَلِكَ أَضْعَفُ الإِيمَان" (مسلم، كتاب الايمان، أبو داؤد، كتاب الملاحم)

މާނައީ: "ތިޔަބައިމީހުންގެ ތެރެއިން މުންކަރާތެއް ފެނިއްޖެ މީހަކު އޭނާގެ އަތުން (ބާރުން) އެކަން ބަދަލުކުރުވާށެވެ. އެކަމަށް ކުޅަދާނަ ނުވިނަމަ އޭނާގެ ދުލުން އެކަން ބަދަލުކުރުވާށެވެ. އެކަމަށްވެސް ކުޅަދާނަވެގެން ނުވާނަމަ ތިމާގެ ހިތުން އެއީ ނުބައިކަމެއް ކަމުގައި ދެކޭށެވެ. އެއީ އީމާންކަމުގެ އެންމެ ދަށު ދަރަޖައެވެ."

ސަރުކާރުގެ ފަރާތުން ނުވަތަ ވެރިކަމުގެ ފަރާތުން ކުރާ ކަންތައްތަކަށް ތާއީދުކޮށް އެކަންކަން ޙިމާޔަތްކުރަން ނުވަތަ އިޢުތިރާޟްކޮށް ފާޑުކިޔުމަށް އިސްލާމްދީން ކަނޑައަޅައިފައިވާ އުޞޫލުތަކުގައިވާ ގޮތުން ޙިމާޔަތްކޮށް ތާއީދުކުރަންވާނީ ހެޔޮކަންކަމަށެވެ. ސަރުކާރުގެ އެ ފިޔަވަޅެއްގެ ސަބަބުން ޝަރީޢަތް ތަންފީޛުވެ އުރެދުންތައް ހުއްޓުވެމުންދާނަމައެވެ. އެ ޙާލަތުގައި އެކަމާ ބައިވެރިވާންޖެހެއެވެ. ނަމަވެސް ސަރުކާރުން މުންކަރާތްތައް އާލާކުރާނަމަ ސަރުކާރަށް އެއްބާރުލައިގެން ނުވާނެއެވެ. އެކަންކަމާ ދުރުހެލިވާން ޖެހެއެވެ. على كرّم اللّه وجهه ރިވާކުރައްވައިފައިވެއެވެ. رسول اللّه صلّى اللّه عليه وسلّم ޙަދީޘްކުރެއްވިއެވެ.

"لاَ طَاعَةَ فِي مَعْصِيَةِ إِنَّمَا الطَّاعَةُ فِي الْمَعْرُوفِ" (بخارى، كتاب اخبار الآحاد، مسلم، كتاب الامارة)

މާނައީ: "އުރެދުމަކަށް ވެވޭ އަމުރަކަށް ކިޔަމަންވުމެއް ނެތެވެ. ކިޔަމަންވުން އޮތީ ހެޔޮކަންތައްތަކުގައެވެ."

عبد اللّه بن عمر رضى اللّه عنهما ގެ އަރިހުން، رسول اللّه صلّى اللّه عليه وسلّم ގެ އިރުޝާދެއް ރިވާވެގެން އައިސްފައިވެއެވެ.

"السَّمْعُ وَالطَّاعَةُ عَلَى الْمَرْءِ الْمُسْلِمِ  فِيمَا أَحَبَّ وَكَرِهَ مَالَمْ يُؤْمَرَ بِمَعْصِيَةٍ فَإِنْ أُمِرَ بِمَعْصِيَةٍ فَلاَ سَمْعَ وَلاَ طَاعَةَ" (بخارى، كتاب الاحكام، مسلم، كتاب الامارة)

މާނައީ: "މުސްލިމު ފިރިހެނުންގެ މައްޗަށް އޭނާގެ އަމީރުގެ ވާހަކަ އަޑުއަހައި ކިޔަމަންވުންހުއްޓެވެ. އޭނާ ރުހޭ ކަންތައްތަކުގައްޔާއި ނުރުހޭ ކަންތައްތަކުގައިވެސް މެއެވެ. އޭނާއަށް އުރެދުމަކަށް އަމުރު ނުވެވޭހައި ހިނދެއްގައެވެ. އުރެދުމަކަށް އަމުރުވެވިއްޖެނަމަ އަޑުއެހުމެއް ކިޔަމަންވުމެއް ނުވެއެވެ."

نواس بن سمعان رضى اللّه عنه ރިވާކުރައްވައިފައިވެއެވެ. رسول اللّه صلّى اللّه عليه وسلّم ޙަދީޘްކުރައްވައިފައިވެއެވެ.

"لاطَاعَةَ لِمَخْلُوقٍ فِي مَعْصِيَة الخَالِقِ" (مشكوة المصابيح، كتاب الامارة والقضاء بحواله شرح السنة)

މާނައީ: "ޚާލިޤުވަންތަ ފަރާތަށް އުރެދެވޭ ކަމެއްގައި މަޚްލޫޤަކަށް ކިޔަމަންވުމެއް ނުވެއެވެ."

އިސްލާމްދީން އެ ދީނުގެ އަހުލުވެރީން ދެކެން ބޭނުންވަނީ މުޖުތަމަޢުގެ ޙަރަކާތްތެރި، ޢަމަލީ މެންބަރުންގެ ގޮތުގައެވެ. އެކަމަށްޓަކައި އެ ދީން ވަނީ މުސްލިމުންނަށް ނުހަނު ހަރުދަނާ އިންތަކެއް ފާހަގަކޮށްދީފައެވެ. އިސްލާމްދީން ކުރަހައިދީފައިވަނީ ޢަމަލީ ދަނޑުގައި މުސްލިމުން ޙަރަކާތްތެރިވާނަމަ އިސްލާމީ މުޖުތަމަޢަކީ ކަށިގަސްތަކުން ހުސްވެފައިވާ، އަމްނުއަމާންކަމާއި ޞުލްޙަމަސަލަސްކަމުގެ ގުލްޒާރަކަށް ވެގެންދާނެކަމީ ޝައްކެއްހުރި ކަމެއް ނޫނެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.