ޖުމްހޫރީ ޕާޓީން ތާއީދު ކުރަނީވެސް އަދި ރާއްޖެއަށް އެންމެ ރަނގަޅު ނިޒާމަކީވެސް ރިޔާސީ ނިޒާމް ކަމުގައި ޖުމްހޫރީ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ކުރީގެ އެޑިޔުކޭޝަން މިނިސްޓަރ ޑރ އަޙްމަދު އާސިމް ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީން ކުރިޔަށް ގެންދާ ޓައުންހޯލް ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ އާސިމް ވިދާޅުވީ ރައްޔިތުންގެ ބާރު ރައްޔިތުންގެ އަތުގައި އޮންނަ ނިޒާމަކީ ރިޔާސީ ނިޒާމު ކަމަށެވެ. އަދި ރައްޔިތުންގެ ވެރިކަމެއް ފުރިހަމައަށް ހިންގޭނީވެސް ރިޔާސީ ނިޒާމެއްގެ ތެރެއިން ކަމުގައިވެސް ޑރ އާސިމް ވިދާޅުވިއެވެ.
ޖުމްހޫރީ ޕާޓީއާއެކު އިދިކޮޅު ކޯލިޝަނުގައި އޮތް އެންމެ ބޮޑު ޕާޓީ ކަމަށްވާ އެމްޑީޕީގެ ރައީސް މުޙަންމަދު ނަޝީދު ފަހަކަށް އައިސް ވަރަށް ބޮޑަށް ބަރުލަމާނީ ނިޒާމަކަށް ތާއީދު ކުރައްވައި ވާހަކަފުޅު ދައްކަވަނިކޮށް ޖޭޕީގެ ފަރާތުން ޑރ އާސިމް ވިދާޅުވީ ރިޔާސީ ނިޒާމެއްގެ ތެރެއިން ރާއްޖޭގެ ވެރިކަން ބައްޓަންވެފައި އޮތުން އެއީ ދިވެހިންގެ ނަސީބު ކަމަށެވެ. އަދި ރިޔާސީ ނިޒާމަކީ ދިވެހިންނަށް ލިބުނު ނިއުމަތެއް ކަމަށެވެ.
ބަރުލަމާނީ ނިޒާމަކަށް ރާއްޖެ އަނބުރާލެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި ނަމަވެސް ޑރ އާސިމް ވިދާޅުވީ ރައްޔިތުން ބޭނުންވާ ބަޔަކު އިންތިޚާބުކޮށް ރައްޔިތުން ބޭނުންވާ ބަޔަކު މަގާމު ތަކަށް ލެވިގެންދާނެ ހަމައެކަނި ނިޒާމަކީ ރިޔާސީ ނިޒާމު ކަމަށެވެ.
އިދިކޮޅު ކޯލިޝަނުގައި ހިމެނޭ އެމްޑީޕީ ނޫން އެހެން ބަޔެއް ބައިވެރިން ރިޔާސީ ނިޒާމަށް ތާއީދު ކުރައްވައި ވާހަކަފުޅު ދެއްކެވި ނަމަވެސް ކުރީގެ ރައީސް މުޙަންމަދު ނަޝީދު ވިދާޅުވަމުން ގެންދަވަނީ ރާއްޖެއަށް އެންމެ ފައިދާ ބޮޑީ އަދި ހަމަޖެހުން ގެނުވާނީ މިހާރު އޮތް ރިޔާސީ ނިޒާމު ދޫކޮށް ބަރުލަމާނީ ނިޒާމަކަށް ބަދަލު ކޮށްގެން ކަމަށެވެ.