
ސްރީލަންކާގައި ފަރުވާ ދެމުން ދަނިކޮށް އިއްޔެ އަވަހާރަވި ރާއްޖޭގެ ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ އަބްދުލް މަޖީދު އަބްދުލް ބާރީގެ މައްޗަށް ޣައިބަށް ކުރެވޭ ކަށުނަމާދު މިއަދު މަޣްރިބް ނަމާދަށް ފަހު މައްކާގައި ހުންނަ މަސްޖިދުލް ޙަރާމް އާއި މަދީނާގައި ހުންނަ މަސްޖިދުއްނަބަވީގައި ކުރުމަށް ނިންމައިފިއެވެ.
ޑރ މަޖީދުގެ ދަރިކަލެއް ކަމަށްވާ އަޙްމަދު ފިރާޝް ވިދާޅުވީ މުސްލިމުންގެ އެންމެ މުގައްދަސް ދެ ޙަރަމްގައި ބައްޕާފުޅުގެ މައްޗަށް މިއަދު މަޣްރިބް ނަމާދަށް ފަހު ޣައިބަށް ކަށުނަމާދު ކުރުން އޮންނައިރު ތޯއިފްގެ މިސްކިތެއްގައިވެސް ބައްޕާފުޅުގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރާނެ ކަމަށެވެ. މައްކާ އާއި މަދީނާގެ ދެ ޙަރަމްފުޅާއި ތޯއިފްގައި ޣައިބަށް ކަށުނަމާދު ކުރެވޭއިރު ރާއްޖޭގެ އިސްލާމީ މަރުކަޒުގައިވެސް މަޖީދުގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރުމަށް ވަނީ ހަމަޖައްސާފައެވެ.
ޑރ މަޖީދުގެ މައްޗަށް މައްކާ އާއި މަދީނާގެ ދެ ޙަރަމްފުޅުގައި ކަށުނަމާދު ކުރެވޭއިރު އެމަނިކުފާނުގެ ތައުލީމީ ޙަޔާތުގެ ބޮޑުގައި ހޭދަކުރެއްވީވެސް މަދީނާގައި ހުންނަ އިސްލާމީ ޔުނިވާސިޓީގައެވެ. ކީރިތި ޤުރުއާން ތަފްސީރުގެ ރޮނގުން އެމަނިކުފާނު ޕީއެޗްޑީ ހާސިލް ކުރެއްވީ މަދީނާގެ އިސްލާމިކް ޔުނިވާސިޓީންނެވެ.
ޑރ މަޖީދު މިއަދު މެންދުރު ނަމާދަށް ފަހު ވަނީ ފަސްދާނުލެވިފައެވެ. އެމަނިކުފާނު ފަސްދާނު ލެވިފައި ވަނީ ސްރީލަންކާގައެވެ.