ރާއްޖެ ވަށައިގެންވާ މާހައުލާއި އެމާހައުލުގައިވާ ދިރުންތަކުގެ އަގުވަޒަންކުރާ ބަޔަކަށް ދިވެހިން ވާންޖެހޭ ކަމަށް ތިމާވެއްޓާބެހޭ މިނިސްޓަރު ތާރިގު އިބްރާހީމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ދުނިޔޭގެ ދިރޭތަކެތީގެ ނަސްލުތަކަބެހޭ ދުވަހާ ގުޅިގެން އެމަނިކުފާނު ނެރުއްވި ބަޔާނެއްގައެވެ.
އެމަނިކުފާނު ވިދާޅުވެފައިވަނީ ދިރުންތަކާއި އެ ދިރުންތަކުގެ މާހައުލަކީ ހުރިހާ ގޮތަކުންވެސް އަޅުގަނޑުމެންނާ ގުޅިފައިވާ ވަސީލަތްތަކެއް ކަމަށެވެ. ކަނޑުތަކުގެ ދިރުންތަކާއި އެ މާހައުލަށް ދިވެހިން ވަރަށްބޮޑަށް ބަރޯސާވެފައިވާ ތަނެއް ކަމަށާއި އެހެންނަމަވެސް އިންސާނުންގެ އަމަލުތަކުގެ ސަބަބުން އެތައް ދިރުމެއް ދުނިޔެއިން ނެތިވަމުންދާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
ދިރޭތަކެތީގެ މުހިންމު ކަމާނެހޭ ގޮތުން އެމަނިކުފާނު ވިދާޅުވެފައިވަނީ މިއަހަރު ކުރީކޮޅު ޓޫރިޒަމް މިނިސްޓްރީން ކޮށްފައިވާ ސާވޭއަކުން ދައްކާ ގޮތުގައި ރާއްޖެއަށް އަންނަ ޓޫރިސްޓުގެ ތެރެއިން 33 އިންސައްތަ މީހުން ފެހުރެހި ބަލަން ބޭނުންވާ ކަމަށެވެ. އެހެން ކަމުން އެމަހުގެ ސަބަބުން އެކަނިވެސް ރާއްޖޭގެ އިގްތިސާދަށްކުރާ ފައިދާއާ ބެހޭ ގޮތުން ވިސްނާލަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ކަން މިހެން އޮތްކަމަށް ވިޔަސް ފެހުރެހި އައިސް އުޅޭ ސަރަހައްދު ތަކުގައި ފެހުރިއްސަށާއި އޭގެ ކާނާއަށް ބައެއް މީހުން ގެއްލުންވާ ގޮތަށް ވަރަށްގިނަ މީހުންގެ އަމަލުތައް ބަހައްޓާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވެފައިވެއެވެ. އަދި ކަނޑަށް އުކައިލެވޭ ކުންނާއި ޕްލާސްޓިކް ފަދަ ތަކެތި ފެހުރިހި ފަދަ ދިރުންތަކުގެ ނޭވާލާ ނިޒާމާއި ގޮހޮރުގެ ތެރެއަށް ވަނުމުގެ ސަބަބުން ނޭވާލާ ނިޒާމަށް މައްސަލަ ދިމާވުމާއި ގޮހޮރުގައި ކުނި ގިނަވުމުގެ ސަބަބުން މަރުވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ. ދިވެހި ކަނޑުތަކުގައި ކުނިބުނި ގިނަވާ ކަމަށްވާނަމަ ފެހުރިހި ފަދަ މަސްތައް ކަނޑުން މަދުވުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށް ވެސް ވިދާޅުވެފައިވެއެވެ.