ރޯދައިގެ ފިލާވަޅު 6: ރަމަޟާން މަސް ނިމޭ އިރު ފާފަ ނުފުއްސެވުނު މީހާ

عَنْ أَبِي هُرَيْرَةَ رضي الله عنه قَالَ: قَالَ رَسُولُ اللَّهِ صلى الله عليه وسلم: ‏ "‏ ...... رَغِمَ أَنْفُ رَجُلٍ دَخَلَ عَلَيْهِ رَمَضَانُ ثُمَّ انْسَلَخَ قَبْلَ أَنْ يُغْفَرَ لَهُ ....... ‏" (جامع الترمذي، كتاب الدعوات عن رسول الله صلى الله عليه وسلم)‏
އަބޫހުރައިރާ ގެ އަރިހުން އައްތިރްމިޛީ ރިވާކުރައްވާފައި ވެއެވެ. ރަސޫލުﷲ ޙަދީޘުކުރެއްވިއެވެ. ރަމަޟާން މަސް އެމީހަކާ ދިމާވެ، އޭނާގެ ފާފަ ފުއްސެވުމުގެ ކުރިން އެ މަސް ނިމިއްޖެ މީހާ ނިކަމެތި ވެއްޖެއެވެ. (ޖާމިޢުއް ތިރްމިޛީ، ޙަދީޘު: 3545)
މި ޙަދީޘުގައި އައިސްފައިވާ رَغِمَ أَنْفُ رَجُلٍ މި އިބާާރާތުގެ ލަފްޒީ މާނައަކީ "އޭނާގެ ނޭފަތް ވެއްޔާ މޮޑެވިިއްޖެއެވެ." މިއީ މިފަދައިން ނިކަމެތިވާ އެތައް ބައެއްގެ ވާހަކަ އައިސްފައިވާ ދިގު ޙަދީޘެއްގެ ބައެކެވެ. މި ޙަދީޘުގެ ބަައެއް އެހެން ރިވާޔަތްތަކުގައި އައިސްފައިވާ ފަދައިން ރަސޫލުﷲ صلى الله عليه وسلم އެއް ދުވަހަކު މިންބަރަށް އަރާވަޑައިގަތް އިރު، ކޮންމެ ހަރުފަތަކަށް އަަރާވަޑައިގަތުމަށް ފަހު އާމީން ވިދާޅުވިއެވެ. ދެން އެކަލޭގެފާނު މިންބަރުގައި އިިށީނދެ ވަޑައިގަތުމުން އަޞްޙާބުބޭކަލުން އެކަލޭގެފާނު އާމީން ކިއުއްވީ ކޮންކަމަަކަށްތޯ ދެންނެވުމުން އެކަލޭގެފާނު ވިދާޅުވީ ކޮންމެ ހަރުފަތަކަށް އަރާވަޑައިގަތުމުން ޖިބްރީލު عليه السلام ދުޢާއެއް ކުރެއްވުމުން އެކަލޭގެފާނު އާމީން ވިދާޅުވީ ކަމުގައެވެ. މި ޙަދީޘުގައި އައިސްފައި މިވަނީ އޭގެތެރެއިން އެއް ދުޢާއެވެ.
ވީއިރު، ރަމަޟާން މަސް އައިސްފައި ދާއިރު އެމީހެެއްގެ ފާފަ ނުފުއްސެވުނު މީހާ ހިމެނިގެން ގޮސްފައިވަނީ އެބައެއްގެ މައްޗަށް ޖިބްރީލު ދުޢާ ކުރެއްވި މީހުންގެ ތެރެއިންެނެވެ. ހަމަކަށަވަރުންވެސް ޖިބްރީލު عليه السلام އެމީހެއްގެ މައްޗަށް ދުޢާކުރައްވައި، ރަސޫލުﷲ صلى الله عليه وسلم އެ ދުޢާއަށް އާމީން ވިދާޅުވެއްޖެ މީހާ ވާނީ އަބާއްޖަވެރިންގެ ތެރެއިންނެވެ.
މި ކަމަށް ވިސްނާލާއިރު، ލިބޭ އެންމެ ބޮޑު ފިލާވަޅަކީ ރަމަޟާން މަސް އައުމުން ފަޖުރުލީއްސުރެ އިރު އޮއްސެންދެން ނުކައި ހުރެ ރޯދައިގެ ވާޖިބު އަދާކޮށްލިއަސް އަދި ނުފުދޭ ކަމެވެ.
ރަަމަޟާން މަހަކީ ގިނަގިނައިން ޤުރްއާން ކިޔަވައި، ރޭއަޅުކަންކޮށް، ޒިކުރުކޮށް، ފާފަފުއްސެވުން އެދި ދުޢާ ދަންނަވަންވީ މައްސަރު ކަމެވެ. އީމާންކަމާއެކު، މާތް ﷲގެ ޖަރުމައަށް އަދައިގެން އެމަހުގައި ރޯދަހިފައި ރޭއަޅުކަންކޮށްފި މީހާގެ ފާފަ މާތް ﷲ ފުއްސަވާނެއެވެ. އަދި އެފަދަ ރޯދަވެރިއަކު ޖިބްރީލު عليه السلام ކުރެއްވި ދުޢާގައި ނުހިމެނޭނެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.