ލޭބޯފަނި (25)

(20 މޭ 2018 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ފީރޯޒާ ތެޅިގެންފައި ކަހަލަ ގޮތަކަށް ބުނެލިއެވެ. "އެއްގޮތަކަށްވެސް ތިޔަ ހެންނެއް ނުހަދާނަން- އަހަންނަށް ތިޔަ ކަހަލަ އިތުބާރު ނުކުރޭ- އަހަރެމެންގެ ލޯތްބަށް ޖާއިޒު މަންޒިލެއް ލިބޭނީ ކާވެނި ކޮށްގެން- ދަރިފުޅު މަރައިލާން އުޅުމަކީވެސް ބޮޑު ފާފައެއް-"

"ފާފައާއި ސަވާބުގެ ވާހަކަ ނުދައްކާ- މީހުން އަހަރެމެންގެ މޫނަށް ކުޅު ޖަހާނެ-"

"ބައްޕަ އަހަރެންގެ މޫނަށް ކުޅު ޖެހި ގޮތަކަށް ދުނިޔެއަކަށް ކުޅެއް ނުޖެހޭނެ- އަހަރެން މިހާރު މިިހިރީ އަގު ވެއްޓުމާއި ބަދުނާމުވުމުގެ ހައްދުން ބޭރުގައި- މި ކުއްޖާއަކަށް އެއްވެސް ކަމެއް ވިޔަކަ  ނުދޭނަން- އަކްބަރު މިއަދު އަހަންނާ އިނދޭ-"

އަކްބަރު ބުންޏެވެ. "ކާވެންޏަކީ އަހަންނާއި ފީރޯޒާއާ ދެމީހުންގެ އެކަނި ކަމެއް ނޫން- އެއީ މުޅި އާއިލާގެ ކަމެއް- އެއީ ތުއްތު ކުދިންގެ ކުޅިވަރެއް ނޫން-"

"މިއީ ތުއްތު ކުއްޖެއްގެ ކުޅިވަރެއް- މި ދަރިފުޅަށް އަހަރެމެންގެ ދެމީހުންގެ އުނގުގައި ކުޅެން އޮންނާނޭ ފުރުސަތު ނުދީފިނަމަ، އަހަރެންގެ ލޯބި އަކްބަރަށް ބޮޑު މުސީބާތަކަށް ވެދާނެ-"

"ފީރޯޒާ- ފިރިހެނުންނަކީ އިންޒާރުގެ އަޑު އަހާ ބައެއް ނޫން- އެހެންވީމާ އަންހެނެއްގެ ހުދޫދުގައި ހުރެގެން ވާހަކަ ދައްކާ-"

"އަހަރެން އަންހެނަކަށް ވަނީ އަކްބަރުގެ ލޯބީގައި އެކަނި- އެހެން ނޫނީ އަހަރެން މިއީ ބަލާވެރިކަމެއް ފަދަ ޠޫފާނެއް- މާދަމާ މި ވަގުތު ޖެހުމުގެ ކުރިން އަކްބަރު އަހަންނާ ކާވެނި ނުކުރިއްޔާ އަހަރެން ގާނޫނީ ވަކީލުންގެ ކުލަބަށް ދާނަން- އަކްބަރު ޝަރީޢަތަށް ގެންދާނަން-"

ދެބެއިން ކަންބޮޑު ވެފައި އެކަކު އަނެކަކާ ދިމާއަށް ބަލައިލިއެވެ. ދެން އަކްބަރު ބުންޏެވެ. "ތިޔައީ ދައކަން ފަސޭހަ ވާހަކައެއް- ކުރާކަށް ފަސޭހަ ކަމެއް ނޫން- ޝަރީޢަތަށް ދިޔައީމާ އަހަރެމެން ދެމީހުންވެސް ކުށްވެރި ވާނެކަން ނޭނގެނީތަ-؟ ދެ މީހުންނަށްވެސް އިއްވާނީ މަރުގެ ޙުކުމް- ރަޖަމު ކުރާނީ-"

"ތިޔަކަން އެނގޭ- އެކަމަކު އަހަރެމެންގެ ދަރިފުޅަށް ގާނޫނީ ހިމާޔަތް ލިބޭނެކަންވެސް އެނގޭ- އެ ކުއްޖާފުޅުގެ ކުށެއް ނެތް ކަމަށް ޝަރީޢަތުން ކަނޑައަޅާނެ- އެއީ އަހަރެމެން ދެމީހުންގެ ފާފައިގެ ބައިވެރިއެއް ނޫން- އެ ކުއްޖާފުޅު އުފަން ކުރުވުމުގެ ބައިވެރިންނަކީ އަހަރެމެން ދެ މީހުން-"

ސަލްމާ ބުންޏެވެ. "މޮޔަވީތަ-؟ ކަލޭ ބޭނުން ވަނީ މުޅި ދުނިޔޭގެ ކުރިމަތީގައި ބަދުނާމު ވުމަށް ފަހު މަރުވާންތަ-؟"

"އަބުރުވެރިކަމާއެކު ދިރިއުޅެންޏާ އަހަރެން އުޅޭނީ އަކްބަރާ އެކީގައި- ބަދުނާމުގެ މަރަކުން މަރު ވަންޏާ މަރު ވާނީވެސް އަކްބަރާ އެކީގައި- އަހަރެންގެ ދިރިއުޅުމުގެ އައްވަލަކީވެސް އާޚިރަކީވެސް އަކްބަރު- ބޭނުން ވަނީ ކޮން ކަހަލަ ދިރިއުޅުމެއްތޯ، ނޫނީ ކޮން ކަހަލަ މަރެއްތޯ ކަނޑައަޅަން އަހަރެން އަކްބަރަށް މި ދެނީ ސައުވީސް ގަޑިއިރު-"

ފީރޯޒާ މިހެން ބުނެފައި ދުރަށް ހިނގައިގެންފިއެވެ. ދެބެއިން އޭނާ ދާތަން ބަލަން ތިބީއެވެ. ދުރަށް ގޮސް އޮބައިލީމާ ސަލްމާ ބުންޏެވެ. "މާ ކަންތައް ބޮޑު ނުކުރޭ، އަކްބަރު- އޭނާގެ ކޮޓަރިއަށް ގޮސް އޭނާ ރުއްސޭތޯ ބަލާ-"

"އަހަރެން ދުވަހަކުވެސް އެއްވެސް އަންހެނަކު ރުއްސަން އާދޭހެއް ނުކުރަން- ފައިވާން އަބަދުވެސް އޮންނަނީ އަހަރެންގެ ފައިތިލައިގެ ދަށުގައި- ބޮލަކު ނޫން- ފީރޯޒާއާ އަހަންނަށް އެހެން މީހުންނަށްވުރެ ބޮޑަށް ގަޔާ ވެވުނީ- އެކަމަކު އިންޒާރު ދޭން ފެށީމާ ދެން ގެންގުޅެން ޖެހޭނީ ފައިތިލައިގެ ދަށުގައި-"

"އަރައިރުންވުމާއި، ތަޅާފޮޅުމާއި، ކޯޓަށް ދުވުމުގައި ކަލެޔާ ބައްޕަޔާ ދެ މީހުން ތިޔައީ އެއްވަރުގެ ދެ މާހިރުންކަން އަހަރެން ދަންނަން- އެކަމަކު މި އަންހެން ކުއްޖާއަކީ ކިހައި ވަރެއްގެ ބަލާއެއް ކަމެއް ކަލެއަކަށް ނޭނގޭ- ލޯބީގެ ބޭނުން ކޮށްގެން ކަލޭ ބޭނުން ވަރަކަށް އޭނާ ލޫޓުވާ- އެކަމަކު ލޫޓުވޭ ކަމުގެ އިހުސާސް އޭނާއަށް ކުރެވޭ ގޮތް ހަދައިފިއްޔާ ބޮޑު މުސީބާތަކަށް ބަދަލު ވާކަށް ލަހެއް ފަހެއް ނޯންނާނެ-"

"ތިޔަ ބުނަނީ އެ މުސީބާތް ދެކެ އަހަރެން ބިރު ގަންނާށޭތަ-؟ ހަރާން ދަރިއަކު ވިހަން އުޅޭ މީހަކާ އަހަރެން އިންނާން ވީއޭތަ-؟ ދައްތާ- ދައްތަވެސް މިހާރު އަހަރެން ރުޅި އަރުވަނީ- އަހަރެމެންގެ އާއިލާއަކީ އަބުރު ގެއްލިފައިވާ އަންހެނުން ޅީދަރިންނަށް ހަދާ އާއިލާއެއްތަ-؟ ދައްތަ ގަބޫލު ކުރަނީ އެއީ ބޮޑު މުސީބާތެއް ކަމަކަށްނު-؟ އެ މުސީބާތުގެ ފެންވަރު އަހަރެން ކިޔައިދެންތަ-؟ އޭނާ އަހަރެން ބަދުނާމު ކުރަން ގަސްތު ކޮށްފިއްޔާ، ގެންގޮސް ރަންޑީޚާނާއަކަށް ލާނަން- ކަސްބީ އަންހެނަކަށް ހަދައިލާނަން-"

އޭނާ ރުޅި އައިސްގެން ނުކުމެގެން ހިނގައްޖެއެވެ.

ފީރޯޒާ އެ މީހުންގެ ލޯމައްޗަށް ގެއްލުނު ކަމުގައި ވިޔަސް ދުރަކަށް ނުދެއެވެ. އެ މީހުންގެ ވާހަކަ އަޑު އަހަން ފިލައި އިނީއެވެ. އަކްބަރުގެ ކަންތައް ހުރި ގޮތާއި، ވާހަކައަށް ބަލާފައި އޭނާގެ ހިތަށް އެރިއެވެ. އޭނާއަށް ސައުވީސް ގަޑިއިރުގެ ވަގުތު ދީގެން، ވަގުތު ނަގައިލުމުގެ ބޭނުމެއް ނެތެވެ. އެކަހަލަ ނިރުބަވެރި، ބިންވެރި ގާތިލުންގެ ކިބައިން ސަލާމަތް ވާނޭ ގޮތުގެ ތަދުބީރު އަވަހަށް ކުރަން ވީއެވެ.

ތިން މީހުންވެސް ގެންދިޔައީ އެ މީހެއްގެ އަމިއްލަ ވިސްނުމާ ފިކުރާ އެއް ގޮތަށް ރޭވުންތައް ރާވަމުންނެވެ. އަކްބަރު ފީރޯޒާ އާ އިނަސް ނުވަތަ ނީނަސް، ފީރޯޒާ އެގެއިން ނެރެލާން އޭނާ ވަނީ ނިންމައިފައެވެ. އެ ދެމީހުންގެ މައްސަލަގަނޑު މާ ހޫނު ވެގެން ހިނގައްޖެނަމަ، ދެ މީހުންގެ މުއާމަލާތުގައި ދައްލާލަކަށް ވުމުގެ އިލްޒާމު އޭނާގެ ބޮލުގައި އެޅިގެން ދާނޭކަން ހަމަ ޔަގީނެވެ.

އޭނާ ބާރަށް ހިނގާފައި ގޮސް ކޮޓަރިއަށް ވަދެ، އެތެރެއިން ދޮރު ތަޅުލުމަށް ފަހު، މަންގްލާ ޑޭމްގެ އޮފީހަށް ފޯނު ކޮށްފައި ޖަވާދަށް ގޮވައި ދޭށޭ ބުނެފިއެވެ.

"ތިޔައީ ކޮން ބޭފުޅެއްތޯ-؟"

"މިއީ ޖަވާދުގެ އަނބިމީހާ، ސަލްމާ-"

"މަޑު ކޮށްލައްވާ-"

ކުޑަ އިރުކޮޅެއް ފަހުން އިވުނީ ޖަވާދުގެ އަޑެވެ. "ސަލްމާ ރާނީ- އަހަރެން ދެކެ ލޯބި ތިޔަ ވަނީ ހާދަހާ ވަރަކަށޭ- ގެއިން އައިތާ އަދި މިވީ އެއް ގަޑި އިރާ ސާޅީސް މިނިޓު- މިހާރު ތިޔަ ފޯނު ކުރީ-"

"ތިޔައީ ކޮން ސަކަރާތެއް- ވާހަކަ ދައްކަން ފަށައިފިއްޔާ ހުއްޓައިލާކަށް ޖަވާދަކަށް ނޭނގޭނެ- އިހަށް އަހަރެން ދައްކާ ވާހަކަ އަޑު އަހާބަލަ-"

"އާނ- ބުނޭ- އަހަރެން މިހިރީ އަޑުއަހަން-"

"އަހަރެމެން މިތިބީ މި ގެ ލޯބީގެ ގަނޑުވަރަކަށް ހަދައިގެންނެއްނު-؟"

"އާނ- ދެނޯ-؟"

"މި ގަނޑުވަރުގައި ތިން މަސް ދުވަސް ފަހުން އަހަރެމެންގެ ދަރިފުޅު އުފަން ވާނެ-"

"އާނ- އެ ދުވަހަކީ އަހަރެން ބޮޑު ޕާޓީއެއް ބާއްވައި، ފާހަގަ ކުރާނޭ ދުވަހެއް-"

"އޭގެ ކުރިން ހިތާމައާއި މުސީބާތުގެ ދުވަހެއްވެސް ފާހަގަ ކުރަން ވާނެ- މި ގޭގައި ހަރާން ދަރިއެއް ވިހަންވެސް ތައްޔާރު ވަމުން އެބަދޭ-"

"ކީކޭ-؟ ކީކޭ ތިޔަ ކިޔަނީ-؟ ކާކު ވިހަން އުޅެނީ-؟"

"ޖަވާދުގެ ކޮއްކޮ، ފީރޯޒާ-"

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.