މުސްތަގުބަލުގައި ވެސް އަޅުގަނޑު ފެންނާނީ ފިލްމީ ދާއިރާއިން: އަމަން

ފުވައްމުލަކު ސިޓީއަށް އުފަން އަހުމަދު އަމަން އަލީ (ޓޮމް) ފިލްމީދާއިރާއަށް ނުކުތީ  2011 ވަނަ އަހަރުއެވެ. މިހާތަނަށް އޭނާ ވަނީ ޑްރާމާތަކާއެކު ޖުމްލަ 6 ފިލްމެއްގައި ހަރަކާތްތެރިވެފައެވެ. މިވީ މަދު ދުވަސްތަކުގެ ތެރޭގައި އޭނާ ވަނީ ބެލުންތެރިންގެ ތާއީދު ހޯދައިފައެވެ.

އޭނާގެ ފިލްމީ ހަޔާތް ފެށުމަށްފަހު  މިހާރު އޭނާ ވަނީ ސިޔާސީ ދާއިރާއަށްވެސް ވަދެފައެވެ. އޭނާއަކީ ހައުސިން މިނިސްޓްރީގެ ކޯޑިނޭޓަރެކެވެ. އެހެންނަމަވެސް ދެ މަސައްކަތް އެއްފަހަރާ ކުރަން އޭނާއަށް މާބޮޑު ދަތިކަމެއްނެތެވެ. ސަބަބަކީ ދިވެހި ފިލްމް އިންޑަސްޓްރީއަކީ އެހާ ބުރަކޮށް އަބަދު އުޅެންޖެހޭ ތަނަކަށް ނުވުމެވެ.

ސިޔާސީ ދާއިރާއަށް އޭނާ ވަނީ ކީއްވެ؟

ޓޮމް ބުނި ގޮތުގައި އޭނާ އެދާއިރާއަށް ވަނީ ސިޔާސީ ދާއިރާއަކީ ކުރިން ޒުވާނުންނަށް އެހާ ބޮޑަށް ހުޅުވިފައި ނުވާ ދާއިރާއަކަށް ވެފައި ރައީސް ޔާމީން ވެރިކަމަށް ވަޑައިގެން ގައުމު ހިންގެވުމުގައި ބައިވެރިވުމަށް ޒުވާނުންނަށް ފުރުސަތު ދެއްވަން ފެއްޓެވުމުން ކަމަށެވެ.

ސިޔާސީ ދާއިރާތަ ނުވަތަ ފިލްމީ ދާއިރާތަ؟

މިދުވަސްވަރު ސިޔާސީ ދާއިރާއިން ފެނުނަސް އޭނާ މުސްތަގުބަލުގައި ވެސް ފެންނާނީ ފިލްމީ ދާއިރާއިން ކަމަށް އޭނާ ބުންޏެވެ. އެހެންނަމަވެސް އޭގެ މާބޮޑު ތަފްސީލަކަށް ދާކަމަށް ޓޯމް ބޭނުމެއް ނުވިއެވެ. "އިރާދަ ކުރެއްވިއްޔާ އަޅުގަނޑުގެ ފޭނުންނަށް އަޅުގަނޑު ނުގެއްލޭނެ. އަބަދުވެސް ހުންނާނީ އެމީހުންގެ މީހެއްގެ ގޮތުގައި. އަޅުގަނޑުގެ އުފެއްދުންތައް ނުވަތަ އަޅުގަނޑު ބައިވެރިވާ އުފެއްދުންތައް މުސްތަގުބަލުގައި ފޭނުންނަށް ގިނައިން ފެނިގެންދާނެ. ދެން އެންމެ އަވަހަށް ފެންނާނީ ލަވައެއް. އެލަވަ އިރާދަ ކުރެއްވިއްޔާ މިއަންނަ އީދުދުވަހު ފެނިގެންދާނެ،" އޭނާ ބުންޏެވެ.

ސިޔާސީ ދާއިރާއަށް ވަނުމުން ބައެއް ފޭނުން ގެއްލުނު

ސިޔާސީ ދާއިރާއާއި ފިލްމީ ދާއިރާގައި އެއްފަހަރާ އުޅުމަކީ އެހާ ފަސޭހަކަމެއް ނޫނެވެ. އެހެންނަމަވެސް ޓޮމް އެގެންދަނީ އެއްފަހަރާ އެ ދެމަސައްކަތްވެސް ކުރަމުންނެވެ. އެކަމުގެ ސަބަބުން އޭނާގެ ބައެއް ފޭނުންވެސް ގެއްލިފައި އެބަހުއްޓެވެ. ބައެއް މީހުންގެ ފާޑުކިޔުންތައްވެސް ވަރަށް ބޮޑަށް އަމާޒުވާ ކަމަށް އޭނާ ބުންޏެވެ. އެހެންނަމަވެސް އޭނާގެ ވިސްނުން ވަރަށް ތަފާތެވެ. ފާޑުކިޔުންތަކަށް އޭނާ ދެނީ ބީރުކަންފަތެވެ. އެއީ މާބޮޑު ކަމަކަށް ހަދައިގެން އުޅެން އޭނާ ބޭނުމެއްނޫނެވެ. "ކޮންމެ ދިމާއެއްގައި ކޮންމެ ކަމެއްގައި އުޅުނަސް ފާޑުކިޔާނެ. ފިލްމީދާއިރާގައި އުޅުނަސް ފާޑުކިޔާނެ. ސިޔާސީ ދާއިރާގައި އުޅުނަސް ކިޔާނެ. ނޫޅުނަސް ކިޔާނެ. އެހެންވީމާ ފާޑުކިޔާ މީހުންނަށް އިހުތިރާމް ކުރުން ނޫންގޮތެއް ނޯންނާނެ. އެއީ ހުއްޓޭނެ ކަމެއްނޫން. ޚާއްސަކޮށް ރާއްޖޭގެ ފިލްމް އިންޑަސްޓްރީ ކުޑަވެފައި ކަންކަން ހަޖަމެހިފައި އޮންނަ ގޮތުން މީހުންނަށް ފާޑުކިޔުމުގެ ފުރުސަތުވެސް ލިބެނީ،" އޭނާ ބުންޏެވެ.

ފިލްމު ކުޅުމަކީ އާމްދަނީ ހޯދަން ރަނގަޅު ކަމެއް

ޓޮމް ބުނިގޮތުގައި ފިލްމު ކުޅުމަކީ ވެސް އާމްދަނީ ހޯދުމަށް ކުރަން ވަރަށް ރަނގަޅު މަސައްކަތެއް ކަމަށެވެ. އެހެންނަމަވެސް އިންޑަސްޓްރީ ކުޑަވުމުގެ ސަބަބުން އެ ދާއިރާ ތަރައްގީވާން ދަތިތަކެއް އެބަހުރި ކަމަށް އޭނާ ބުންޏެވެ. "މައްސަލައަކީ މިދާއިރާއިން ފުރުސަތު އާންމުކޮށް ލިބެނީ މޭލޭގައި އުޅޭ މީހުންނަށް. މުޅި ރާއްޖެއަށް މިކަން ފެތުރިގެން ނޫނީ އެންމެ ރަނގަޅަށް ދާއިރާ ކުރިއަށް ނުދާނެ. ރަށްރަށުން މާލެދާން ބަލާއިރު ތިބެން މިޖެހެނީ ބޮޑު އަގުގައި ތަންތަން ކުއްޔަށް ހިފައިގެން. އެއީ އެންމެ ރަނގަޅު ގޮތެއް ކަމަށް ވަރަށްގިނަ މީހުން ގަބޫލެއް ނުކުރޭ. އެއްވަރުގެ ފުރުސަތު ހަމަހަމަކޮށް ލިބޭ ކަމަށްވާނަމަ ވަރަށް ރަނގަޅުވާނެ ދިވެހި ފިލްމް އިންޑަސްޓްރީ،" އޭނާ ބުންޏެވެ.

ޓޮމްގެ މެސެޖު

ޓޮމް ބުނިގޮތުގައި ކޮންމެ ދާއިރާއެއްގައިވެސް އުޅެވޭނީ އެންމެނާވެސް ގުޅިގެންނެވެ. އިހުތިރާމްކޮށްގެންނެވެ. ސީނިއަރ ސްޓާރެއް ޖޫނިއަރ ސްޓާރެއް އެކަމުގައި ތަފާތު ވެގެން ނުވާނެ ކަމަށެވެ.

ޓޮމް ގަބޫލުކުރާ ގޮތުގައި ސޯޝަލް މީޑިއާއިން ދިމާވާ މީހުންނާވެސް ވަރަށް ގާތްކޮށް ވާހަކަ ދެކެވެންޖެހޭނެއެވެ.  އެއްވެސް ބޮޑާކަމެއް ނެތި އެންމެނާވެސް ވާހަކަ ދެކެވެންވާނެ ކަމަށްވެސް އޭނާ ބުންޏެވެ.

"ސްޓާރުންވެސް އެކަކު އަނެކަކަށް އިހުތިރާމް ކުރަންޖެހޭނެ. އެކެއްގެ ޚިޔާލަށް އަނެކަކު ތާއިދުވެސް ކުރަންޖެހޭ. މި އިންޑަސްޓްރީއަކީ އެންމެން ގުޅޭ އިންޑަސްޓްރީއަކަށްވެ އެންމެން އެކަތި ގަނޑަކަށް ވެގެން އުޅެން ދިމާކޮށްފިނަމަށް މި އިންޑަސްޓްރީ ކުރިއަށްވެސް އަރާނެ،" އޭނާ ބުންޏެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.