ރޯދައިގެ ފިލާވަޅު 4: ރޯދައިގެ ދަރުމަ އެތައް ގުނައަަކަށް އިތުރުކުރާނެ ގޮތް

عَنْ زَيْدِ بْنِ خَالِدٍ الْجُهَنِيِّ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّم: "مَن فَطَّرَ صَائِمًا كَانَ لَهُ مِثْلُ أَجْرِهِ غَيْرَ أَنَّهُ لا يَنْقُصُ مِنْ أَجْرِ الصَّائِمِ شَيْئًا" (رواه الترمذي وقال حديث حسن صحيح)

ޒައިދު ބްނު ޚާލިދު އަލްޖުހަނީ رضي الله عنه ގެ އަރިހުން އައްތިރިމިޛީ ރިވާކުރެއްވިއެވެ. ރަސޫލުﷲ صَلَّى اللَّهُ عَلَيْهِ وَسَلَّم ޙަދީޘުކުރެއްވިއެވެ. ރޯދަވެރިއަކު ރޯދަވީއްލާނެ އެެއްޗެއް ދިިން މީހާއަށް އެ ރޯދަވެރިޔާގެ ދަރުމައާ އެެއްވަރަށް ދަރުމަ ލިބޭނެއެވެ. އެއީ އެ ރޯދަވެރިޔާގެ ދަރުމައިން އެެއްވެސް އެއެްޗެއް އުނިވުމެެއް ނެތިއެވެ.

ފަޤީރުންނާއި ނިކަމެތިންނަށް ޞަދަޤާތްދީ އެބައިމީހުންގެ ބޭނުންތައް ފުއްދައިދިނުމަކީ އިސްލާމްދީން އަބަދުވެސް ބާރުއަޅާފައިވާ ކަމެކެވެ. ރަމަޟާން މަހަކީ ހުރިހައި އެޔޮ ކަމެއްެގެ ދަރުމަ އެެެެެތައް ގުނައަކަށް އިތުރުވެގެންދާ މަތިވެރި މައްސަރަށް ވާއިރު، އެމައްސަަރުގައި ކުރެވޭ ޞަދަޤާތުގެ ދަރުމަވެސް ވަނީ އިތުރުކުރައްވާފައެވެ.

މިގޮތުން، ރަމަޟާން މަހުގައި ދެވޭނޭ އެންމެ ބޮޑު ޞަދަޤާތަކީ ރޯދަވެރިޔަކު ރޯދަވީއްލާނެ ތަކެތި ދިނުމެވެ. ނުވަތަ ރޯދަވެރިޔަކަށް ރޯދަވީއްލުމެއް ދިނުމެވެ. ކޮންމެ ރޯދަވީއްލުމަކަށް އެ ރޯދަވީއްލުން ދޭ މީހާއަށް ރޯދައެެއްގެ ދަރުމަ ލިބޭނެއެވެ. މިމަތިވެރި ޞަދަޤާތް ކުރުމުން އެންެމެ ރޯދައަކުން އެތައް ރޯދައެއްގެ ސަވާބު ހޯދުނީއެވެ. އަވަށްޓެރިންނާއި، ގާތްތިމާގެ މީހުންނަށް ރޯދަވީއްލާނެ ތަކެތި ދިނުމަކީ މިކަން އެންމެ ފަސޭހައިން ކުރެވޭނެ ގޮތެވެ.

ޙަދީޘުތަކުން އެނގޭ ގޮތުގައި ރަމަޟާން މަހުގައި ރަސޫލުﷲ صَلَّى اللَّهُ عَلَيْهِ وَسَلَّم އެެހެން ދުވަސްތަކަށްވުރެ ބޮޑަށް ދީލަތިވެވަޑައިގަންނަވައެވެ. އެކަލޭގެފާނު އަމަލުކުރެއްވި ގޮތަށް އަމަލުކުރުން އެއީ އެންމެ ރަނގަޅު ގޮތެވެ. މި މަތިވެރި ނަބަވީ އިރުޝާދުން ލިބޭ ފިލާވަޅަކީވެސް އެއީއެވެ.

ފަހެ، ރޯދައަށް ހުރެ ތިމާގެ މުދަލުން ހޭދަކުރުމަކީ މާތް ﷲގެ ނިޢުމަތް ހަނދުމަކޮށްދޭނޭ ކަމެކެވެ. އެހެނީ، އިންސާނާއަށް ނިޢުމަތުގެ އިޙްސާސު ކުރެވެނީ އެ އަތުން ބީވެގެންދާ ހިނދުއެވެ. ތިމާ އަތުން ހޭދަކުރާ ކޮންމެ ފަހަރަކު، ތިމާ މިހޭދަކުރަނީ މާތް ﷲ ތިމާއަށް ދެއްވި ނިޢަމަތްކަން އިޙްސާސުކުރެވޭނެއެވެ.

ރޯދައަށް ހުރެ ޞަދަޤާތްކުރުމަކީ ރޯދައިގެ ދަރުމަ އިތުރުވުމުގެ އިތުރަށް ފާފަފުއްސެވުމުގެ ސަބަބެއް ވެސް މެއެވެ. އެހެން ބައެއް ޙަދީޘުތަކުން އެނގޭ ގޮތުގައި ޞަދަޤާތްދިނުމަކީ ފާފަ ފޮހެވޭ ކަމެކެވެ.

ރޯދަވެރިއަކަށް ދެވޭނެ އެންމެ ރަނގަޅު ޞަަދަޤާތަކީ އޭނާއަށް ރޯދަވީއްލާނެ އެެއްޗެެއް ދިނުން ކަމުގައިވާއިރު، މަދުވެގެން އެކަކަށް ކޮންމެ ދުވަހަކު ރޯދަވިއްލާނެެ އެއްޗެއް ދިނަސް އެއް ރޯދައިން އެ ހޯދުނީ ދެ ރޯދައިގެ ދަރުމައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.