ޝަމީމުގެ ހުރިހާ ވިސްނުމެއް ތިމާވެއްޓަށް

ޔުނިވަރސަލް އެންޓަރޕްރައިސަސްގެ ކުރުނބާ މޯލްޑިވްސް ރިސޯޓުގެ ފުލީޓު މެނޭޖަރު މުހައްމަދު ޝަމީމަށް ހަމަ ސާބަހެވެ.

ރިސޯޓުތަކުގެ އެންމެ ދަށްފަންތީގެ މަގާމްތަކުން ޓޫރިޒަމް ދާއިރާއަށް ނުކުތް ޝަމީމް މިއަދު ހޯދައިފައިވާ ރީތި ނަމަށްޓަކައެވެ. އޭނާ ހޯދައިފައިވާ ކާމިޔާބީއަށްޓަކައެވެ. އޭނާގެ ހިތްވަރަށްޓަކައެވެ.

ކުރުނބާ މޯލްޑިވްސް އަށް 45 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަ ކުރަންޖެހުނެވެ. އެކަން ފާހަގަކުރަން ކޮންމެވެސް ކަމެއް ކުރުމަށް ޝަމީމުގެ ޑިޕާޓުމެންޓާ ވެސް ޖެނެރަލް މެނޭޖަރު ބައެއް ހަވާލުކުރެއްވިއެވެ. ޝަމީމު ކުރީ މީގެ ކުރިން ރާއްޖޭގައި ކޮށްފައިނުވާ ވަރުގެ ކަމެއް ކަމަށް ވެދާނެއެވެ.

ލޯންޗު ފަހަރު ބޭނުންކޮށްގެން ކަނޑުގައި 45 އެޅީއެވެ. އެ ފޯޓޯ އެފްބީގައި ވައިރަލް ވެގެންދިޔައެވެ. އޭނާގެ އެ ތަފާތު މަސައްކަތަށްފަހު ރާއްޖޭގެ ބައެއް ރީސޯޓުތަކާއި ބައެއް ކުންފުނިތަކުންވެސް ފަހުން އެގޮތަށް އެމީހުންގެ ހަފްލާތައް ފާހަގަކޮށްފައިވިއެވެ.

އެއީ މާޒީއެވެ. އެވާހަކަ ބާއްވަމާ ހިނގާށެވެ. ޝަމީމުގެ ހުރިހާ ވިސްނުމެއް ހުރީ ރާއްޖޭގެ ތިމާވެއްޓާ ދިމާއަށެވެ. ތިމާވެށި ހިމާޔަތްކޮށް ތިމާވެއްޓާ ރައްޓެހި ޓޫރިޒަމެއް ރާއްޖޭގައި އާލާވުމަކީ ފަރުދީ ގޮތުން އޭނާ އެދޭ ކަމެކެވެ.

ޝަމީމް ޓޫރިޒަމް ދާއިރާއަށް ނުކުތީ މީގެ 17 އަހަރު ކުރިން "ހުސްއަތާ" އެވެ. އެގޮތަށް ނުކުމެ އޭނާވަނީ 4 ރިސޯޓެއްގައި އެންމެ އާދައިގެން ވަޒީފާތައް އަދާކޮށްފައެވެ. ގާތްގަނޑަކަށް ހުރިހާ ޑިޕާޓުމެންޓްތަކެއްގައެވެ.

އޭގެ ތެރޭގައި އިންޖިނިއަރިން ޑިޕާޓުމެންޓާއި، ފުރޮންޓް އޮފީހާއި ފުޑު އެންޑް ބެވަރޭޖު ޑިޕާޓުމެންޓާއި ހައުސް ކީޕިން ހިމެނެއެވެ. އެތަންތަނުގައި އޭނާ މަސައްކަތް ކުރީ ވަރުގަދަ އަޒުމަކާއެކު ޕްލޭނެއްގެ ދަށުންނެވެ. އެހުރިހާ ތަނެއްގައި މަސައްކަތްކުރީ އޭނާއަށް އެންމެ ކަމުދާ ދާއިރާ ނުވަތަ ޑިޕާޓްމެންޓް ކަށަވަރު ކުރުމަށްޓަކައެވެ. އެދުވަސްވަރު އޭނާ މަސައްކަތް ކުރީ ޓްރެއިނިން ޕްލޭނެއްގެ ދަށުން ވެސް މެއެވެ.

އޭނާގެ މަސައްކަތުން މިހާރު އެހުރީ އޭނާ ވަޒީފާއަދާކުރާ ފަސްވަނަ ރިސޯޓުގެ ފުލީޓު މެނޭޖަރަކަށެވެ. މި ފަސް ރިސޯޓަކީވެސް އެއް ކުންފުނީގެ ދަށުން ހިންގާ ރިސޯޓު ތަކެވެ.

ފާއިތުވި 17 އަހަރުގެ ތަޖުރިބާއަށް ބަލާއިރު އޭނާ ކަންބޮޑުވާ އެތައް ކަމެއް އެބަހުއްޓެވެ. ޓޫރިޒަމާއި ތިމާވެއްޓާ ގުޅުވައިގެންނެވެ. ޓޫރިޒަމަށް ކިރިޔާވެސް ނޭދެވޭ އަސަރެއް ކޮށްފާނެ ކަމެއް ކުރާކަށް އަދި ވާކަށްވެސް އޭނާ ނޭދެއެވެ. އެކަމަކު އެކަންކަން އެބަވެއެވެ. އޭގެ އެކަންކަމުގެ ޝަކުވާތައް ޓޫރިސްޓުންވެސް ކުރާ ކަމަށް އޭނާ ބުންޏެވެ. އެއީ މޫދަށް ކުނި އަޅުމެވެ. ތަފާތު ވައްތަރުގެ ޕްލާސްޓިކް ކޮތަޅު މޫދަށް އުކުމެވެ. އޭގެ ސަބަބުން މޫދު ތަޣައްޔަރު ވުމުގެ ފުރުސަތު ބޮޑެވެ. ރާއްޖެއިން ޓޫރިސްޓުންނަށް މި ވިއްކަނީ މޫދާއި، މޫދުއަޑީގެ މަންޒަރުތަކާއި، ރީތި ދޮންވެލި ގޮނޑުދޮށްތަކެވެ. އެހެންވީމާ އެތަންތަން ތަޣައްޔަރުވެ ބައިލިޖިކަލީ މަރުވެގެން ދިޔުމަކީ ރާއްޖެއަށް ބޮޑު ގެއްލުމަކާ ކުރިމަތިވެދާނެ ކަމެކެވެ.


"ޓޫރިސްޓުން ބޭނުންމެއް ނުވޭ ޕްލާސްޓިކް ކޮތަޅާއި، ސްޕާރީ ޕެކެޓާއި ބަބުލްގަމް ކައިފައި ހުންނަ ހުސްޕެކެޓުތައް ކަނޑުންވެސް އަދި ފަޅުންވެސް ފެންނާކަށް. ސްނޯކުލިންނަށާއި ޑައިވިންއަށް ގޮސްފައި އަންނަ ޓޫރިސްޓުންގެ ވަރަށްބޮޑު ޝަކުވާއެއް އެއީ އެ އެއްޗެހި ފެނުމަކީ،" ޝަމީމް ބުންޏެވެ.

ވެލާ، ކަހަނަބަކީ ރާއްޖޭގައި ހިމާޔަތްކޮށްފައިވާ އެއްޗެއްސެވެ. އެހެންނަމަވެސް ފަހަކަށް އައިސް ވެލައާއި ކަހަނބު ދައުތަކުގައި ޖެހި ބައެއް ހިސާބުތަކަށް ލައްގަމުންދާ ދިޔުމާއި އެފަދަ ހާލަތުގައި ތިބޭ ވެލާ، ކަހަނބު ކަނޑުމަތިން ފެނުން އިތުރުވެފައިވާ ކަމަށްވެސް އޭނާ ބުންޏެވެ. ގާނޫނީ ގޮތުން އެ ހިމާޔަތްކުރިޔަސް އަމަލީ ގޮތުން ހިމާޔަތް ނުލިބެންޏާ އޭގެ ފައިދާއެއްނެތެވެ.

ވެލާ، ކަހަނބާއި، ތަފާތު ކުލަކުލައިގެ މަސްތަކާއި، ބަގީޗާތަކީ ދިވެހި ސާފުކަނޑުތަކުގެ ޚަޒާނާއެވެ. އެ ގަންނަން އެކި ކަރަތަކުން ރާއްޖެއަށް އަންނަ ޓޫރިސްޓުންނަށް ފެންވަރު ރަނގަޅު "މުދަލެއް" ވިއްކުމަށްޓަކައި މިއީ ކޮންމެހެން ހިމާޔަތްކޮށް ބަލަހައްޓަންޖެހޭ ތަންތަނާއި ތަކެއްޗެވެ.

އޭނާގެ އެހެން ކަންބޮޑުވުމެއްވެސް އެބައޮތެވެ. އުޅަނދުފަހަރު ގިނަވުމުގެ ސަބަބުން ކަނޑަށް ތެޔޮއެޅުން އިތުރުވުމެވެ. އެއީ ދިވެހި ނޫ ކަނޑުތައް ތަޣައްޔަރުވެ އޭގެ ނޭދެވޭ އަސަރު ކަނޑުގެ ދިރުމަށް ކުރާނެ ކަމެކެވެ. އޭގެ އިތުރަށް ކަނޑަށް ކުނި އުކުމުގެ އާދައަކީ ހުއްޓައިލާންޖެހޭ ކަމެއް ކަމަށް އޭނާ ބުންޏެވެ. ގިނަ ރިސޯޓުތަކާއި ރަށްރަށުގައި ކުނި ނައްތާލާނެ ރަނގަޅު ނިޒާމެއްނެތެވެ. އެފަދަ ނިޒާމްތަކެއް ގާއިމު ކުރެވިފައިވާނަމަ ކަނޑަށް ކުނިއެޅުން މަދުކުރެވޭނެއެވެ.

ރާއްޖެ އަންނަ ފަތުރުވެރިންނަށް ރާއްޖޭގެ ހަގީގީ ރީތިކަން ދެއްކުމަށްޓަކައި ހިމާޔަތްކުރަން ޖެހޭ ތަންތަން އަދިވެސް ރާއްޖޭގައި ވަރަށްގިނަ ކަމަށް ޝަމީމް ބުންޏެވެ. "ރާއްޖޭގެ ބައެއް އަތޮޅުތަކުގައި އެބަހުރި ދުނިޔެއިންވެސް މަދުން ނޫނޫނީ ނުފެންނަ ކަހަލަ ތަންތަން. އެތަންތަން ހިމާޔަތް ނުކުރެވިއްޖެނަމަ އެރީތިކަން ޓޫރިސްޓުންނަށް ނުދެއްކޭނެ. މިސާލަކަށް އައްޑުއާއި ހުވަދު އަތޮޅުގައި އެފަދަ ތަންތަން ފުދޭ ވަރަކަށްގިނަ،" ޝަމީމް ބުންޏެވެ.

އޭނާ ބުނީ ރާއްޖޭގެ ޑައިވް ސައިޓުތަކާއި މުރަކަތައް ހިމާތް ކުރުމަށްޓަކައި ވަރަށް އަވަހަށް ޔޮޓްމެރީނާތައް ވެސް ރާއްޖޭގައި ގާއިމް ކުރަންޖެހޭ ކަމަށެވެ. މިހާރު އޮންނަ ގޮތުން ރާއްޖެ އަންނަ ޔޮޓުތައް ބޭނުން ތަނަކަށް ނަގިލި ލުމުގެ ފުރުސަތު އެބައޮތެވެ. އެއީ ގައު ތަކާއި ފަރުތަކާއި މުރަކަތައް ހަލާކުވެސް ސަރަހައްދު އެއްކޮށް މަރުވުމުގެ ފުރުސަތު އޮތް ކަމެކެވެ. އެއީ ޑައިވް ސައިޓުތައް ވެސް ހަލާކު ވުމުގެ ފުރުސަތު އޮތްކަމެއް ކަމަށް އޭނާ ބުންޏެވެ. ނައިޓް ފިޝިން އަށް ދާ މީހުންވެސް ޖެހުނުތަނަކަށް ނަގިލި ނުލުމަށް އޭނާ ސަމާލުވާންޖެހޭ ކަމަށް ވެސް އޭނާ ބުންޏެވެ.

މިހުރިހާ ކަމަކަށްވުރެ ބޮޑަށް އޭނާ ކަންބޮޑުވަނީ ފަޅުހިއްކައިގެން ރާއްޖޭގައި ރިސޯޓު ހަދާތީއެވެ. އޭގެ ބަދަލުގައި ފުލޯޓިން ރިސޯޓު ނުހަދަންވީ ކީއްވެތޯ އޭނާ ސުވާލު ކުރިއެވެ. "ފަޅު ހިއްކައިގެން ރިސޯޓު ހެދުމުން ވަގުތީ ރަށެއް އެބަ ބިނާކުރެވޭ. އެކަމަކު އެކަން ކުރަން ވެލިނެގުމުން ބައިވަރު ވެލިތައް އެކިދިމަދިމާއަށް ފެތުރި ފަރުތަކުގެ މައްޗަށް އަރައި މުރަކަތައް މަރުވޭ. އެއީ ވިސްނާލަންޖެހޭ ކަމެއް. މިހާރުވެސް ހިއްކައިގެން ރިސޯޓު ހެދުމުމުގެ މަސައް އެބަކުރޭ. މިހެންވާ ކަމަށްވާނަމަ ކޮން ފަރަކަށްތޯ ގެސްޓުން ސްނޯކްލިންއަށް ދާނީ؟" އަމިއްލައަށް ފީނައި މުރަކަ އިންދައި ފަރުތައް އާލާކުރުމުގެ މަސައްކަތް ވެސް ކުރާ ޝަމީމު ސުވާލު ކުރިއެވެ.

ކުރުނބާ ރިސޯޓާ އެންމެ ކައިރިން ހުޅުމާލެ ހިއްކުމުން ދުނިޔެއަށް މަޝްހޫރު ޑައިވިން ސައިޓުތަކެއް ގާތްގަނޑަކަށް ނެތިގެން ގޮސްފައިވާ ކަމަށް ވެސް އޭނާ ބުންނެވެ.

މިހުރިހާ ކަމަކަށް ބަލާއިރު ރާއްޖެއަށް އެންމެ ރަނގަޅީ ގުދުރަތީ ރީތިކަން ނުގެއްލޭ ގޮތަށް ރާއްޖެ ވަންތަ ޖާޒީރާ ޓޫރިޒަމެކެވެ. "ރާއްޖޭގެ ރިތިކަމާއި ފަރުތައް ހުރި ގޮތަށް ބަހައްޓާފައި ފުލޯޓިން ރިސޯޓު ކޮންސެޕްޓް ރާއްޖެއަށް އަންނަން އެބަޖެހޭ. އޭރުން އެކޯ ފްރެންޑްލީ ޓޫރިޒަމެއް ރާއްޖޭގައި އާލާ ކުރެވިދާނެ. އެއީ ދޮންވެލި ފުނިތަކާއި ފަރުތަކާއި މޫދު އަޑީގެ ރީތިކަން ހިމާޔަތް ކުރުމަށް އޮތް އެންމެ ރަނގަޅު އެއް ކޮންސެޕްޓް ކަމަށް ފެންނަނީ،" ގދ. ފިޔޯރިއަށް އުފަން ޝަމީމް ބުންޏެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

3 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.