ކާވެނީގެ ރަސްމިއްޔާތަށް މެގަން އާ އެކު ވަޑައިގަންނަވާނީ ވަލީ އަހުދު ޗާލްސް

މާދަމާ އޮންނަ ކާވެނީގެ ރަސްމިއްޔާތަށް މެގަން އާއެކު ޖޯޖް ޝެޕަލް އަށް ވަޑައިގަންނަވާނީ ހެރީ ގެ ބައްޕާފުޅު ޕްރިންސް ޗާލްސް އެވެ.

ޝާހީގެ ކާވެނީގެ އަދާހަމަތައް ޝާހީ ގަނޑުވަރުން ގެންދަވަނީ ހާމަކުރައްވަމުންނެވެ. މިއަދު ޝާހީ ގަނޑުވަރުން ނެރުއްވި ބަޔާނުގައި ހާމަކުރައްވާފައިވާ ގޮތުގައި މެގަން ވަނީ އޭނާގެ ކާވެނީގެ ރަސްމިއްޔާތު އޮންނަ ހޯލަށް އޭނާ ގެންގޮސްދެއްވުމަށް ޕްރިންސް ޗާލްސްގެ އަރިހުން އެދިވަޑައިގެންފައެވެ. އަދި ވަލީ އަޙުދު ޗާލްސް ވަނީ ޝާހީ އާއިލާ އަށް މެގަން އަށް މަރުހަބާ ވިދާޅުވާން ފުރުޞަތު ލިބިވަޑައިގެންނެވުމުން އުފާފުޅު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

މީގެ ކުރީން ކާވެނިގެ ރަސްމިއްޔާތަށް މެގަން ވަޑައިގަންނަވަން ހަމަޖެހިފައި އޮތީ އޭނާގެ ބައްޕަ ތޯމަސް އާ އެކުގައެވެ. ނަމަވެސް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ހިތުގެ އޮޕަރޭޝަނަކަށް ފަހު އޭނާ އޮތީ އަދިވެސް ހޮސްޕިޓަލުގައެވެ. މިދިޔަ ހަފްތާގައި އޭނާ އާއި މެގަންގެ ދައްތަ ސަމަންތާ ރާވައިގެން ޝާހީ ކައިވެންޏަށް ތޯމަސް ތައްޔާރުވާ މަންޒަރު ފެންނަ ފޮޓޯތަކެއް ނަގައި ވިއްކާލާފައިވާ ކަމަށްވެސް މީޑިއާއިން ރިޕޯޓު ކުރިއެވެ.

ޝާހީ ކާވެންޏަށް މުޅި ދުނިޔެވެސް އޮތީ ތައްޔާރުވެފައެވެ. ބުރާސްފަތި ދުވަހު ކާވެނީގެ ރިހާސަލް އެއް ބާއްވާފައިވާ ކަމަށްވެސް ޝާހީ ގަނޑުވަރުން ވަނީ ހާމަކުރައްވާފައެވެ. އަސްކަރިއްޔާގެ 250 މީހުން މި ރަސްމިއްޔާތުގެ ކަންކަމުގައި ބައިވެރިވާނެއެވެ. އިއްޔެ ބޭއްވި ހެދުން ރިހާސަލްގައި ސަލާމަތި ބާރުތަކުންވެސް ބައިވެރިވިއެވެ.

އަދި އެސްޓީ ޖޯޖް ޝެޕަލްގެ ކޮއަރ ރިހާސަލްވެސް އިއްޔެވަނީ ބާއްވާފައެވެ.

މެގަން އާއި ހެރީގެ ހެދުން ހެޔޮވަރުކުރުމާއި ހެދުމުގެ ރިހާސަލް ވެސް ރޭ ޝާހީ ގަނޑުވަރުގައި އޮތެވެ. ރިހާސަލް އަށް މެގަން އާއި ހެރީ ވަޑައިގެންނެވި މަންޒަރު ނޫސްވެރީންވަނީ ވީޑިއޯ ކޮށްފައެވެ.

ހެރީ އާއި މެގަން ޑްރެސް ރިހާސަލް އަށް ގަނޑުވަރަށް ވަޑާއިގަންނަވަނީ

ބުދަ ދުވަހު ހެރީ އާއި މެގަން ވަނީ ކާވެނީގެ ހަފްލާގެ ބްރައިޑްސް މެއިޑުންނާއި ޕޭޖް ބޯއިން ހޮއްވަވާފައެވެ. ބްރައިޑްސްމެއިޑުންގެ ތެރޭގައި ޕްރިންސް ވިލިއަމްގެ ދަރިކަނަބަލުން ޕްރިންސެސް ޝާލޮޓް ހިމެނެއެވެ. އަދި ޕާޖެބޯއިންގެ ތެރޭގައިވެސް ވިލިއަމް ގެ ދޮށީ ދަރިލަލުން ޕްރިންސް ޖޯޖް ހިމެނެއެވެ. ކޭޓްގެ ކޮއްކޯފުޅު ޕިޕާ މިޑްލްޓަންގެ ކާވެނީގެ ހަފްލާގައި ވެސް ޖޯޖް އާއި ޝާލޮޓްވަނީ ބައިވެރިވެވަޑައިގެންފައެވެ.

ޕްރިންސް ޖޯޖް އާއި ޝާލޮޓް ޕިޕާ މިޑްލްޓަންގެ ކާވެނީގެ ރަސްމިއްޔާތުގައި

ކާވެނީގެ ކޭކް ތައްޔާރު ކުޜާ މަންޒަރާއި ޒީނަތްތެރިކުރުމަށް ބޭނުންކުރާނެ މާމެލާމެލީގެ އަދާހަމަ ވެސް ޝާހީ ގަނޑުވަރުން އިއްޔެވަނީ އާއްމުކުރައްވާފައެވެ.

ނަމަވެސް މެގަންގެ ކާވެނީގެ ހެދުމުގެ ތަފްސީލު ހޮނިހިރު ދުވަހުގެ ކުރީން އާއްމު ނުކުރައްވާނެ ކަމަށްވެސް ޝާހީ ގަނޑުވަރުން ހާމަކުރައްވާފައި ވެއެވެ.

ހެރީ އާއި މެގަންގެ ކާވެންޏަށް އާއްމުންގެ ގިނަ ބަޔަކުވެސް ދަނީ ތައްޔާޜު ވަމުންނެވެ. ރޮއިޓަރސް އިން ވަނީ މަގުމަތީގައި މީހުން ކޭމްޕް ޖަހައިގެން ތިބި މަންޒަރު އާއްމުކޮށްފައެވެ. މި މީހުންގެ ތެރޭގައި އިނގިރޭސި ވިލާތުގެ މީހުންނާއި އެހެން ގައުމުތަކުން ކާވެނީގެ ހަފްލާ ބަލާލަން ދިޔަ މީހުން ހިމެނެއެވެ.

ޝާހީ އާއިލާއަށް ތާއީދުކުރާ މީހުން. އިއްޔެއިން ފެށިގެން ގިނަބަޔަކު ދަނީ މަގުމައްޗަށް އެއްވާން ފަށާފައި

ޝަހީ ކާވެނީގެ ހަފްލާގައި ބައިވެރި ވުމާސް މެގަން ގެ "ސޫޓް'ގެ ކާސްޓް ވެސް ވަނީ އިނގިރޭސި ވިލާތަށޤ ގޮސްފައެވެ. ކާވެނީގެ ހަފްލާގައި ބައިވެރިވާ ސެލެބްރިޓީންގެ ތެރޭގައި ޑޭވިޑް ބެކަމް އާއި އަންހެން ވިކްޓޯރިއާ ބެކަމް، އަމާލް ކްލުނީ އާއި ޖޯޖް ކްލޫނީ އަދި މެގަންގެ ގާތް އެކުވެރިއެއް ކަމުގައި ވާ "ކުއަނޓިކޯ'ގެ ތަރި ޕްރިޔަންކާ ޗޯޕްރާ ހިމެނެއެވެ.

ކާވެނިގެ ރަސްމިއްޔާތު ޓީވީ އިން ލައިވް ކުރާނެއެވެ. އަދި ޔޫޓިއުބު މެދުވެރިކޮށް އޮންލައިންކޮށް ބަލައިލެވޭނެ ލިންކެއް ޝާހީ ގަނޑުވަރުން ވަނީ އާއްމު ކުރައްވާފައެވެ.  ކާވެންޏަށް ޚާއްޞަ ހޭޝްޓެގެއްވެސް ވަނީ އާއްމުކުރައްވާފައެވެ. އެއީ #RoyalWedding އެވެ. މި ހޭޝްޓެގު ބޭނުންކޮށްގެންނާއި ޝާހީ ގަނޑުވަރުގެ މީސްމީޑިއާ އެކައުންޓު ތަކުން ކާވެނީ ގެ އަދާހަމަތައް ފެންނާނެއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.