އަސްލު ލިޔުއްވީ: ޢަބްދުލްމާލިކް މުޖާހިދް (ދާރުއްސަލާމް)
ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް
ﷲ ގެ ފަޟުލުވަންތަކަމާއެކު ބަރަކާތްތެރި ރަމަޟާންމަސް ފެށުނީއެވެ. މިއީ މިފަދަ މައްސަރެއްގެ ޒަރީޢާއިން އަޅުގަނޑުމެންނަށްމަތިވެރި ނިޢުމަތްތައް ދެއްވާތޯ އަޅުގަނޑުމެންދުޢާ ކުރާ މައްސަރެކެވެ. އެއްވެސް ޝައްކެއް ނެތް ގޮތުގައި މިއީ ހެޔޮ ކަމުގެ ބަހާރު މޫސުމެވެ. މިއީ ހެޔޮ ދަރުމަ ލިބިގަތުމާއި، ފާފަތަކުން މިންޖުވެގަތުމުގެ މައްސަރެވެ.
މިއީ ހެޔޮ ކަމުގެ ސީޒަނޭވެސް އަޅުގަނޑުމެންނަށް ބުނެވިދާނެއެވެ. އަޅުގަނޑުމެންގެ އާއްމު ދިރިއުޅުމަށް ބަލާއިރު، މިއީ ވަކި މިވެނި މޭވައެއް އަޅާމޫސުމޭ ކިޔައި އުޅެމެއް ނޫންތޯއެވެ؟ އެފަދަ މޫސުމެއް އައުމާއެކު އެ މޫސުމެއްގެ ފުރިހަމަ ފައިދާ އެންމެ ރަނގަޅަށް ލިބިގަނެވޭތޯ އަޅުގަނޑުމެން މަސައްކަތް ކުރަމުއެވެ. ބޮޑެތި ކުންފުނި ތަކުން "ސޭލް" އަޅުވައެވެ. ސޭލް އަޅުވާނޭ ދުވަހަކަށް މީހުން އިންތިޒާރު ކުރެއެވެ. އެ ދުވަހެއްގެ ފައިދާ ފުރިހަމައަށް ލިބިގަނެވޭތޯއެވެ. ތެދުތެދަށް ދަންނަވާ ނަމަ ރޯދަ މަހުވެސް އަޅުވަނީ އެފަދަ ސޭލެކެވެ. އެއީ ހެޔޮކަމާއި ދަރުމައިގެ ސޭލެވެ. ދުނިޔަވީ ސޭލްތަކުގައި ސޭލް އަޅުވަނީ ވަކި އެއްޗަކުން ކޮންމެވެސް މިންވަރަކަށް އަގު ހެޔޮ ކޮށްގެންނެވެ. ކުރިން ވިއްކާ އަގަށްވުރެ އަގު ހެޔޮކޮށް ވިއްކައިގެންނެވެ. އެކަމަކު ރޯދަ މަހަކު ހެޔޮކަމާއި ދަރުމަ ލިބިގަތުމަކަށް ވަކި މިންވަރެއް ނެތެވެ. އެ މީހަކަށް ކުޅަދާނަވީ މިންވަރަކުން ސޭލްގެ ފައިދާ ލިބިގަންނާން ވީއެވެ. ހެޔޮކަމާއި ދަރުމަ ލިބިގަންނާން ވީއެވެ.
ﷲ ގެ ތައުފީގާއެކު ހެޔޮހާލުގައި ލަހައްޓަވައިފިނަމަ މި މައްސަރުގެ ފައިދާ ލިބިގަތުމަކީ ހަމަ ކޮންމެ މީހަކުވެސް ކުރަން ޖެހޭނޭ ކަމެކެވެ. އެންމެ ފުރަތަމަ އަޅުގަނޑުމެން ކުރަން ޖެހޭ ކަމަކީ އަނެއްކާވެސް މިފަދަ މާތް މައްސަރެއް އަޅުގަނޑުމެންނަށް ގެނެސް ދެއްވީތީ ﷲ އަށް ޙަމްދުކޮށް ޝުކުރުވެރިވުމެވެ. މި ދިޔަ އަހަރު އަޅުގަނޑުމެންގެ ގާތްތިމާގެ މީހުންނާއި ރައްޓެހިންގެ ތެރެއިން އެތައް ބަޔަކު އަޅުގަނޑުމެންނާއެކު ރޯދަ ހިފިއެވެ. އެތައް ބަޔަކު އަޅުގަނޑުމެންގެ ކުރިމަތީން ޢުމްރާއަށް ދާން ފުރިއެވެ. އެތައް ބަޔަކު އަޅުގަނޑުމެންނާއެކު ރޯދަ ވީއްލިއެވެ. އަޅުގަނޑުމެން ޢީދު ފާހަގަ ކުރީ އެތައް ބަޔަކާ އެކީގައެވެ. އޭގެ ތެރެއިން އެތައް ބަޔަކު މިހާރު ވަނީ މި ދުނިޔެ ދޫކޮށްފައެވެ. އެމީސްމީހުންނެއް އަޅުގަނޑުމެންގެ ތެރެއަކު ނެތެވެ. އެމީހުންނަކަށް މި އަހަރުގެ ރޯދަ މަހުގެ ނަސީބެއް ނުލެއްވިއެވެ. އެހެންވީމާ އަޅުގަނޑުމެން ހިމެނިފައިވަނީ ނަސީބުވެރިންގެ ތެރޭގައެވެ. އަނެއްކާވެސް މިފަދަ މާތް މައްސަރެއްގެ ފައިދާ ލިބިގަނެވޭނޭ ފުރުސަތު ފަހިކޮށް ދެއްވީތީއެވެ. ފޮތްފޮތުން އެނގޭ ގޮތުގައްޔާއި، ޢިލްމުވެރިންގެ ބަސްފުޅުތަކުން އެނގޭ ގޮތުގައި ބައެއް ސަލަފުއްޞާލިޙުން ރޯދަ މަސް އައުމުގެ އެތައް މައްސަރެއ ކުރީން ދުޢާ ކުރައްވާން ފައްޓަވައެވެ. ރޯދަ މަސް އަންނަ އިރު އެ މައްސަރުގެ ފައިދާ ލިބިގަނެވޭނޭ ފަދަ ހެއު ސިއްހަތެއްގައި ލަހައްޓަވާތޯއެވެ. ރޯދަ މަސް އަންނާންދެން ދުނިޔޭގައި ލަހައްޓަވާތޯއެވެ.
ރޯދަމަސް އައުމުން އެފަދަ މީސްމީހުން ހިތް ފުރޭންދެން އަޅުކަން ކުރެއެވެ. ރޯދަ ހިފައެވެ. ރޭ އަޅުކަން ކުރެއެވެ. ކީރިތި ޤުރްއާން ކިޔަވައެވެ. ސަދަގާތް ދެއެވެ. ޚައިރާތު ކުރެއެވެ. ޢިލްމު ހާސިލު ކުރެއެވެ. ހެޔޮ އަމަލުތައް ކުރެއެވެ. ހުރިހައި ނުބައި ކަމަކުން ސަލާމަތް ވެގެން ތިބެވޭތޯ ބަލައެވެ. މި މައްސަރުގެ ތެރޭގައި ކުރާ އަޅުކަން ނުވަތަ ހެޔޮ ކަންތައްތައް ﷲ ތަޢާލާ ގަބޫލު ކުރައްވާތޯ ނުވަތަ ނޫންތޯ ހިތަށް އަރައި ބިރުން އުޅެތެވެ. ރޯދަ މަސް ނިމިގެން އެތައް ދުވަހެއް ފާއިތުވެގެން ދާއިރުވެސް ރޯދަމަހުގެ އަމަލުތައް ގަބޫލު ކުރައްވާތޯ ދުޢާ ކުރުންމަތީ އެފަދަ މީސްމީހުން ދެމިތިބެނީ އެހެން ވެގެންނެވެ. އިންސާނެއްގެ ހަޔާތުގައި އަނެއްކާވެސް ރޯދަ މަހެއް ބައްދަލު ކުރުމާއި، އެ މައްސަރު ރޯދަ ހިފުމުގެ ތައުފީގު ލިބުމާއި، ރޭ އަޅުކަން ކުރެވޭނޭ ގޮތް މެދުވެރި ވުމާއި، ކީރިތި ޤުރްއާން ކިޔެވޭނޭ ހަކަތަ ހުރުމާއި، ސަދަގާތާއި ޚައިރާތުގެ ފުރުސަތު ލިބުމާއި، މައިންބަފައިންނަށް ހެއުކޮށް ހިތުމާއި، ރަހިމުގެ ގުޅުން ދެމެހެއްޓުމާއި، މިނޫންވެސް ހެއު އަމަލުތައް ކުރެވޭނޭ މަގު ފަހިވުމަކީ ހަމަ ހަގީގަތުގައިވެސް ބޮޑު ނިއުމަތެކެވެ. އުމުރު ދިގުވުމާއި، ދިގު އުމުރުގެ ބޭނުން ކޮށްގެން ﷲ އަށް ކިޔަމަން ގަތުމުގެ ފުރުސަތު ދެއްވުމަކީ ﷲ ތަޢާލާގެ ބޮޑެތި ނިޢުމަތްތަކުގެ ތެރެއިން ނިޢުމަތެކެވެ.