ރޯދައިގެ ފިލާވަޅު 2: ރޯދަވެރިޔާގެ އަނގައިގެ މީރުވަސް

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏"‏لَخُلُوفُ فَمِ الصَّائِمِ أَطْيَبُ عِنْدَ اللَّهِ تَعَالَى مِنْ رِيحِ الْمِسْكِ‏"‏‏. (صحيح البخاري، كتاب الصيام، باب فضل الصيام)
އަބޫ ހުރައިރާ ގެ އަރިހުން އަލްބުޚާރީ ރިވާކުރައްވާފައި ވެއެވެ. ރަސޫލުﷲ ޙަދީޘުކުރެއްވިއެވެ. ހަމަކަށަވަރުން ރޯދަވެރިޔާގެ އަނގައިގެ ވަސް މާތް ﷲގެ ޙަޟްރަތުގައި ގޮމަކަސްތޫރީގެ ވަހަށް ވުރެ ރަނގަޅުވެގެން ވެއެވެ.
މިޙަދީޘުން ބަޔާވެގެން ދަނީ ރޯދަވެރިޔާއަށް މާތް ﷲ ދެއްވާ މަތިވެރި ދަރަޖައެވެ. އެއީ އޭނާ މާތް ﷲއަށްޓަކައި ވާ ޤުރްބާނީގެ ސަބަބުން އޭނާއަށް ދެއްވާ ދަރަޖައެވެ.
ރޯދަވެރިޔާ މާތް ﷲއަށްޓަަަކައި ދެކަމެެއް ޤުރުބާންކުރެއެވެ. އިންސާނީ ޠަބީޢަތް ނިޔާކުރާ ގޮތުން އިންސާނާ އެންމެ ބޭނުންވާ ދެކަމެވެ. އެއީ ކެއިން ބުއިމާއި، ޝަހުވާނީ އެދުމެވެ. މިދެކަމުން ދުރުހެލިވެގެން އޭނާ ހުންނަނީ މާތް ﷲގެ ދަރުމައަށް އަދައިގެންނެވެ.
މާތް ﷲގެ ދަރުމައަށް އަދައިގެން ކާބޯތަކެއްޗާއި ދުރުހެލިވުމުގެ އިތުރަށް، ދުވަހުގެ ބޮޑު ބައިގައި އޭނާ ހުންނަނި ދަތް ނުއުނގުޅައެވެ. އަދި އުނގުޅާއިރުވެސް އުނގުޅަނީ ރޯދަ ނުގެއްލޭވަރަށް ކުޑަކޮށެވެ. އެހެެންކަމުން، އޭނާގެ އަނގައިން ނުބައިވަސް ދުވާފާނެތީ އޭނާ ކަންބޮޑުވެއެވެ.
އެ ކަންބޮޑުވުމުގެ ބަދަލު މާތް ﷲ އޭނާއަށް ދެއްވާފައި ވަނީ ވަރަށް ފުރިހަމަ ގޮތުގައެވެ. އެއީ ގިޔާމަތް ދުވަހު މާތް ﷲގެ ޙަޟްރަތަށް ދާއިރު އޭނާގެ އަނގައިގައި ގޮމަކަސްތޫރީގެ ވަހަށް ވުރެ މީރުވަސް ދުވުމެވެ. މިއީ ކިހާބޮޑު މަތިވެރިކަމަކާ ދަރަޖައެެއް ތޯއެވެ؟
ރޯދައިގެ އަޅުކަން އެހެން އަޅުކަންތަކާއި ތަފާތުވެފައި ދެއްވާ ދަރުމަވެސް ތަފާތުކަން މި ޙަދީޘުން އެނގިގެން ދެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.