އަންވަރު އިބްރާހީމް މިނިވަންވެވަޑައިގެންފި

އަންވަރު އިބްރާހީމް މިއަދު މެލޭޝިޔާގެ ޝާހީ ގަނޑުވަރުގައި ރަސްގެފާނު ސުލްޠާން މުޙައަމަދު 5 އާ ބައްދަލުކުރައްވނީ

ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދެވި، މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު، ކުރީގެ އިދިކޮޅު ޒައީމު، އަދި ޕާރްޓި ކެއަދްލާން ރަކްޔަތު (ޕީކޭއާރް- ޕީޕަލްސް ޖަސްޓިސް ޕާޓީ) ގެ މުއައްސިސު އަންވަރު އިބްރާހީމް މިއަދު ޖަލުން މިނިވަންވެޑައިގެންފިއިވެ. އޭނާއަށް ރަސްގެފާނު މިއަދު ހެނދުނު މާފުދެއްވުމާއެއު އޭނާ ވަނީ މިއަދު ހެނދުނު މެލޭޝިޔާ ގަޑިން 11:30 ގައި (މާލޭ ގަޑިން 8:30 ގައި) ކުއަލަލަމްޕޫރުގެ ޗެރާސް ރިހެބިލިޓޭޝަން ހޮސްޕިޓަލުން ނުކުމެވަޑަައިގެންފައެވެ.
އެތަނުން ނުކުމެވަޑަތުމަށް ފަހު އޭނާ ސީދާ ވަޑައިގަތީ ރަސްގެފާނުގެ ފައިންޕުޅު ދެކެވަޑައިގަތުމަށް ޝާހީ ގަނޑުވަރަށެވެ. އޭނާ ވަނީ މެންދުރު 12 ޖެހިއިރު ރަސްގެފާނު ސުލްޠާނު މުޙައްމަދު 5 ވަނައާއި އިސްތާނާ ނެގާރާ ގަނޑުވަރުގައި ބައްދަލުކުރެއްވުމަށް ފަހު އޭނާގެ ގެކޮަޅަށް ވަޑައިގަންނަވާފައެވެ.
ބަދު އަޚްލާޤީ މައްސަލައެއްގައި 2015 ވަނަ އަަަހަރުން ފެށިގެން 2 ވަނަ ޖަލުހުކުމެއްގައި ހުންނެވި އަންވަރު އިބްރާހީމް ފުރަތަމަ ޖަލަށް ލެވުނީ މިހާރުގެ ބޮޑު ވަޒީރު މަހާތީރު މުޙައްމަދު ކުރިން ބޮޑުވަޒީރުކަން ކުރެއްވި އިރު 1999 ގައެެވެ. އެފަހަރު އޭނާ ޖަލުން މިނިވަންވެޑައިގަތީ 2004 ވަނަ އަހަރުގައެވެ.
މިއަދު މިނިވަންވެ ވަޑައިގަތުމަށް ފަހު އޮސްޓްރޭލިޔާގެ ފެއަރފެކްސް މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި އޭނާ ވިދާޅުވީ ބަރިސާން ނާސިއޮނާލް ބަލިވުމަކީ މެލޭޝިޔާގައ 'ރަން ޒަމާނެއްގެ' ފެށުން ކަމުގައެވެ. އެހެންނަމަވެސް ސަމާލުވެ ތިބުމަށް އެދިވަޑައިގަންނަވަމުން އޭނާ ވިދާޅުވީ "އެންމެ އިންތީޚާބަކުން ޑިމޮކްރަސީ ބިނާނުކުރެވޭނެ" ކަމުގައެވެ.
ބޮޑުވަޒީރު މަހާތީރު މުހައްމަދު ވިދާޅުވިފައި ވަނީ 2 އަހަރަށް ފަހު އޭނާ ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވައި އަންވަރު އިބްރާހީމް އެ މަގާމަށް ގެންނަވާނެ ކަމުގައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.