ހެއްވާ: އަވަސް ޚިދުމަތް

އިބްރާހީމް މަނިކަކީ (އަޞްލު ނަމެއް ނޫން) ވަރަށް މަޝްހޫރު ހެއްވާބައި ކުޅޭ މީހެކެވެ. ހާޟިރު ޖަވާބު ނުވަތަ ކުއްލި ޖަވާބު ދިނުމުގައި ވަރަށް ނަން ހިނގާފައިވާ މީހެކެވެ. ޓެލެޑްރާމާ އާއި، ރޭޑިއޯ ޑްރާމާ އިން ރާއްޖެ އަށް ވަރަށް ބޮޑަށް މަޝްހޫރު ވެފައިވާ ކުޅަދާނަ ފަންނާނެކެވެ. އެހެން ނަމަވެސް  ފަހުން އެ ދާއިރާ ދޫކޮށްލިއެވެ. (މިހާރު އޭނާ ވަނީ ނިޔާ ވެފައެވެ. މާތް ﷲ އޭނާއަށް ސުވަރުގެ މިންވަރު ކުރައްވާށިއެވެ.)

އެއް ދުވަސްވަރެއްގައި އޭނާ މާލޭގެ މަޝްހޫރު ހޮޓަލެއްގެ ކޮށިގަނޑުގައި ސޭޓަކަށް އިނީތީ ފެނުނެވެ. އެ ދުވަސްވަރު އެ ހޮޓަލަކީވެސް ވަރަށް މަޝްހޫރު ހޮޓަލެކެވެ. ގިނަ ބަޔަކު ދާ ތަނެކެވެ. ހޮޓަލުގެ މަތީ ބުރި އަކީ މުނިފޫހި ފިިލުވުމުގެ ޙަރަކާތްތަކެއް ހިނގާ ތަނަކަށް ވާތީ އެހެން ހޮޓާ ތަކަށް ވަންނަ މީހުންނަށް ވުރެ އެ ހޮޓަލަށް ވަންނަ މީހުންގެ ޢަދަދު ގިނައެވެ.

އަޅުގަނޑުވެސް ރައްޓެހި ދެ ތިން ކުއްޖަކާ އެކީ އެ ހޮޓަލަށް ސައި ބޯން ހިނގައްޖައީމެވެ. ހޮޓަލަށް ވަދެ، މޭޒު ދޮށުގައި އިށީނދެ ތިބޭތާ ފަނަރަ ވަރަކަށް މިނިޓް ވީ އިރުވެސް މީހަކު ޚަބަރު ވެސް ބަލައެއް ނުލިއެވެ. ވޭޓަރުން ކޮޅުކޮޅު މައްޗަށް ހިނގައެވެ. ވޭޓަރަކަށް ގޮވައިލީމާ އަތުގެ އިޝާރާތުން މި އަންނަނީއޭ ބުނެފައި ދިޔަ ގޮތަކަށް އޭނާގެ ވެސް ޚަބަރެއް ނުވިއެވެ.

އެހެން ތިބޭތާ ކުޑަ އިރުކޮޅެއް ފަހުން އިބްރާހީމް މަނިކު ކޮށިގަނޑުގައި އިނދެފައި ތެދުވެގެން އަޅުގަނޑުމެން ތިބި މޭޒުގެ ކައިރިން ލާފައި ދާތީ ފެނިއްޖެއެވެ.

"އިބްރާހީމް މަނިކާ-" އަޅުގަނޑު ގޮވައިލީމެވެ.

އޭނާ ވަރަށް ބާރަށް އައިސް އަޅުގަނޑުގެ ކައިރިއަށް ހުއްޓިއްޖެއެވެ.

"މިހާރު މި ތާނގައި ހިން ދިރުވައިލަ ދިރުވައިލާ ތިބޭތާ އެއް ގަޑި އިރު ވެއްޖެ- އަދި މީހަކު ޚަބަރުވެސް އަހައެއް ނުލާ-" އަޅުގަނޑު ބުނެލީމެވެ.

ކަމަކަށް ލަސް ވެއްޖެ ނަމަ ލަސްވީ ވަގުތު ބުނާ އިރު އެއް ގަޑި އިރު ނުވަތަ ދެ ގަޑި އިރޭ ބުނުމަކީ އަޅުގަނޑުމެންގެ އާދަ އެކެވެ. ކަމަކަށް ލަސް ވެގެން އުޅޭ އިރު ފަސް މިނިޓް ވެސް އޮންނާނީ އެއް ގަޑި އިރަށް ވެފައެވެ.

"އެހެންތަ-؟" އޭނާގެ މޫނު މައްޗަކުން ދެރަ ވުމުގެ ނުވަތަ ކަންބޮޑު ވުމުގެ އެއްވެސް އަސަރެއް ނުފެނެ އެވެ.

"ތަންކޮޅެއް އަވަސް ކޮށެއް ނުދެވޭނެތަ-؟" އަޅުގަނޑު އަހައިލީމެވެ.

"ނޫނޭ- އަވަސް ނުކުރެވެންވީ ކީއްވެގެން-؟ އަވަސް ކުރުމުގެ ކަންތައް ހަމަ މިހާރު މި ހަމަ ޖައްސަނީ-"

މިހެން ބުނެފައި އިބްރާހީމް މަނިކު ހިނގައްޖެއެވެ. ދިޔަ ބާރު މިނުގައި އެނބުރި އައިސް އަޅުގަނޑުގެ އަތަށް ކުޑަ ކުޑަ ކަރުދާސްކޮޅެއް ދީފިއެވެ. އެ ކަރުދާސްކޮޅުގައި "-/20 ރުފިޔާ" މިހެން ޖަހާފައި އޮތެވެ.

"މިޔޯ-؟" އަޅުގަނޑު ޙައިރާން ވެފައި އިބްރާހީމް މަނިކާ ދިމާ އަށް ބަލައިލީމެވެ.

އޭނާ ބުންޏެވެ. "ތިޔައީ ބިލު- އަހަރެން ކުރާ ކަމަކީ ބިލު ހެދުން- އަހަރެންގެ ކަންތައް ތިޔަ އޮތީ އަވަސް ކޮށްދީފައި-"

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.