މާދަމާ، މޭ މަހުގެ 16ވާ ބުދަ ދުވަހަކީ މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމުގައި ކަނޑައަޅައިފިއެވެ.
މިނިސްޓްރީ އޮފް އިސްލާމިކް އެފައެރޒް އިން އާއްމުކުރި 1439ވަނަ އަހަރުގެ ރަމަޟާން މަހުގެ ހަނދާ ބެހޭ ބަޔާނުގައި ހާމަކޮށްފައިވާ ގޮތުގައި މާދަމާ އަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމުގައި ކަނޑައެޅީ "ހިޖްރީ ސަނަތުން 1439ވަނަ އަހަރުގެ ޝަޢުބާން މަހުގެ 29 ވާ އަންގާރަ ދުވަހުގެ އިރު އޮއްސޭ އިރު ދިވެހިރާއްޖެ އާއި އިސްލާމީ ބައެއް ގައުމުތަކުގެ އުދަރެހުގައި 1439ވަނަ އަހަރުގެ ރަމަޟާން މަހުގެ ހުޅެވި ހަނދު ފެންމަތިވެފައި ހުންނާނޭ ކަމަށް އިތުބާރު ހުރި ފަލަކީ ހިސާބުން ޔަޤީންވާތީ" އެވެ.
މިނިސްޓަރ ޑރ ޒިޔާދު ބާގިރު ސޮއި ކުރައްވާފައިވާ އެ ބަޔާނުގައި ރަމަޟާން މަހުގެ ރޯދައިގެ ފަރުޟު އަދާ ކުރުމަށް ފަރުވާތެރިވުމަށާއި ﷲގެ ރުއްސެވުމާއި މަޣްފިރަތަށް އެދި ހެޔޮ ކަންތައްތައް ގިނަ ކުރުމަށް ރައްޔިތުންނަށް ނަސޭހަތްތެރިވެފައި ވެއެވެ.