
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެންބަރު ކަމާއި، ރައީސް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ބޭފުޅަކު މިއަދު އައްޔަން ކުރައްވައިފިއެވެ.
އެމަގާމަށް އައްޔަން ކުރައްވައިފައިވަނީ ގދ. ފަރެސްމާތޮޑާ، ރޭއަލިވާގެ އަޙްމަދު ޝިފާއު އެވެ. އެ މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން އޭނާ ހުންނެވީ ކަސްޓަމްސްގެ ސްޕްރިންޓެންޑެންޓު ގެ މަގާމުގައެވެ. ޝިފާއުއަކީ ގާނޫނީ ވަކީލެކެވެ.
ޝިފާއު އެ މަގާމަށް އައްޔަން ކުރެއްވީ، ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސަކަށް ހުންނެވި ހުސައިން ފާއިޒު ރަޝާދު އެމަގާމުން އެޕްރީލްމަހު 26 ގައި އިސްތިއުފާ ދެއްވުމުންނެވެ.
ޓްރައިބިޔުނަލްގެ މެންބަރުކަމާއި ރައީސް ކަމަށް ޝިފާއު އައްޔަން ކުރައްވައިފައިވަނީ ފުލްޓައިމް މެންބަރެއްގެ ގޮތުގައެވެ.
އެ މަގާމަށް ޝިފާއު އައްޔަން ކުރެއްވުމުން އޭނާ ވިދާޅުވީ "މިއީ ވަރަށް ޒިންމާދާރު ވަޒީފާއެއް. އެހެން ކަމުން އަޅުގަނޑާ ރައީސް މަތިކުރެއްވި މި މަސްއޫލިއްޔަތު ﷲ ގެ އިރާދަފުޅާއެކު އެންމެ ރަނގަޅަށް އަދާކުރާނަން،" ކަމަށެވެ.