އެމެރިކާ އެންބަސީ މިއަދު ޤުދުސުގައި ހުޅުވާނެ

ޤުދުސުގައި މިއަދު ހުޅުވާ އެމެރިކާ އެންބަސީގެ އިމާރާތް

އިއްޔެއިން ފެށިގެން ފަލަސްޠީނުގެ ބިމަށް ގަދަކަމުން ވެރިވެގަނެގެން އުޅޭ ޔަހޫދީ ދައުލަތް އިސްރާއީލުން ދަނީ، އިސްރާއީލުގައި ހުންނަ އެމެރިކާ އެންބަސީ ޤުދުސަށް ބަދަލުކުރުމުގެ ބޮޑު އިހްތިފާލަށް ތައްޔާރުވަމުންނެވެ. މި އިހްތިފާލުތައް ފެށުމުގެ ގޮތުން އިސްރާއީލުގެ ބޮޑު ވަޒީރު ނަތަންޔާހޫ އިއްޔެ ބޭއްވީ ޖާފަތަށް ހާޒިރުވެވަޑައިގަތް ބޭރުގެ ޑިޕްލޮމޭޓުން މަދުކަަމުންވެސް އޭނާއާއި ރައީސު ޓްރަމްޕްގެ މި ނިންމުމަށް ދުނިޔޭގެ ގިނަ ގައުމުތަކުގެ ތާއީދު ނެތްކަން އެނގެއެވެ. ނަތަންޔާހޫ ދައުވަތު ދިން 88 ގައުމުގެ ތެރެއިން ހާޒިރުވީ 33 ގައުމުގެ މަންދޫބުންނެވެ.
ޤުދުސުގައި ކުރިން އެމެރިކާގެ ކޮންސިއުލޭޓް ހިންގި އިމާރާތް އެންބަސީއަކަށް ބަދަލުކުރުމަށް ފަހު ރަސްމީކޮށް ހުޅުވުން އޮތީ މިއަދު އިސްރާއީލު ގަޑިން މެންދުރު 1 ޖަހާއިރުއެވެ. އެންބަސީގެ ދާއިމީ އިމާރާތެއް ފަހުން އެޅުމަށް ވަނީ ހަމަޖެހިފައެވެ.
އިސްރާއީލު މީހުން މިކަމާ އުފާކޮށް، މިކަމަކީ ޤުދުސަކީ އެބައިމީހުންގެ އަބަދީ ވެރިރަށް ކަމުގައި ކުރާ ދައުވާ ތެދުކަމުގެ ދަލީލެއް ކަމަށް ދެކޭއިރު، ފަލަސްޠީނު މީހުން ދެކެނީ މިއީ އެމެރިކާއިން އެމީހުންގެ 'މޫނުމަތީގައި ޖެހި އެތިފަހަރެއް' ކަމުގައެވެ. އަދި ފަލަސްޠީނުގެ މިނިވަން ދައުލަތެެއް ގާއިމުކުރުމަށް ކުރާ މަސައްކަތަށް އެޅި ހުރަހެއް ކަމުގައެވެ.
ރައީސު ޓްރަމްޕްގެ މިނިންމެވުމާ ދެކޮޅު ހަދަަނީ އެމެރިކާއިން ބޭރުން އެކަންޗެއް ނޫނެވެ. އެމެރިކާ ތެރެއިން ވެސް ދަނީ މިކަމާ ދެކޮޅު ހަދަމުންނެވެ. އެމެރިކާގެ މަޝްހޫރު ދުވަހު ނޫސް ވޮޝިންގޓަން ޕޯސްޓުގައި ލިޔެފައިވާ ގޮތުގައި ރައީސު ޓްރަމްޕް އެމެރިކާ އެންމަބަސީ ޤުދުސަށް ބަދަލުުކުރުމަށް އޭނާ ވެވަޑައިގެންނެވި ވައުދު ފުރިހަމަ ކުރައްވައިފި ކަމާމެދު ފަޚުރުވެރިވެ ވަޑައިގަންނަވާއިރު އޭނާ ވަނީ އެހެންކަމެެއް ހަނދުމަނެތިކޮށްލައްވާފައެވެ. އިސްރާއީލާއި ފަލަސްޠީނާއި ދެމެދު ސުލްހަ ގާއިމްކުރެއްވުމަކީ ޓްރަމްޕްގެ އިންތިޚާބީ ވައުދެކެވެ. ވޮޝިންޓަން ޕޯސްޓުން ދެކޭ ގޮތުގައި އެންބަސީ ޤުދުސަށް ބަދަލުކުރެއްވުމުގެ ވައުދު ފުއްދެވައިގެން އޭނާވަނީ އެނާގެ އަނެއް ވައުދު ހަގީގަތަކަށް ވާނެ މަގު ބަންދުކުރައްވާފައެވެ.
ޤުދުސަކީ އިސްރާއީލުގެ ބައިނުކުރެވޭނޭ ވެރިރަށް ކަމަށް އެމީހުން ދައުވާކުރިނަމަވެސް، މަދު ގައެމުއް ފިޔަވައި، އެންބަސީތައް ހުޅުވާފައި ވަނީ ޓެލްއަވީވުގައެވެ. 2006 ވަނަ އަހަރުން ފެށިގެން މިހާތަނަށް އެއްވެސް ގައުމަކުން ޤުދުސުގައި އެންބަސީ ހުޅުވާފައި ނުވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.