އިންޑޮނޭޝިޔާގެ އެއް އާއިލާއަކުން ތިން ފައްޅިއަކަށް ދިން ހަމަލާތަކެއްގައި 13 މީހުން މަރުވެއްޖެ

ސުރަބާޔާގައި ޖާނުން ފިދާވެގެން ތިން ފައްޅިއަށް ހަމަލާ ދިން އާއިލާ

އިންޑޮނޭޝިޔާގެ އެއް އާއިލާއެއްގެ 6 މީހުން އެގައުމުގެ ދެވަނައަށް ބޮޑު ރަށް ސުރަބާޔާގެ ތިން ފައްޅިއަަކަށް ޖާނުން ފިދާވެެގެން އާދީއްތަ ދުވަހު (މިއަދު) ދިން ބޮން ގޮއްވުމުގެ ހަަމަލާތަކެއްގައި 13 މީހުން މަރުވެ 40 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެއެވެ.
ފުލުހުން ބުނި ގޮތުގައި އިންޑޮނޭޝިޔާގެ ވެރިރަށް ޖަކާޓާއާ 800 ކިލޯމީޓަރު ދުރުގައި އޮންނަ ސުރަބާޔާގެ ފައްޅިތަކަށް ހަމަލާ ދިނުމުގައި ބައިވަރިވެފައި ވަނީ އެއް އާއިލާއެއްގެ 6 މީހުންނެވެ. އޭގެ ތެރޭގައި ކުޑަ ކުދިންވެސް ހިމެނެއެވެ. އަދި އަޅުކަންކުރާ މީހުން ފައްޅިތަކަށް އެއްވަމުން ދިޔަ ވަގުތާ ދިމާކޮށް ހަމަލާތައް ދެވިފައިވަނީ މަދު މިނެޓްކޮޅެއްގެ ތެރޭގައެވެ.
ފުރަތަމަ ފައްޅިއަށް ހަމަލާ ދިނީ މަންމައާއި، 10 އަހަރު ނުފުރޭ ކުޑަ ދެ އަންހެން ކުދިންނެވެ. ދެވަނަ ހަމަލާ ދިނީ އުމުރުން ގާތްގަނޑަކަށް 16 އަހަރާއި 18 އަހަރުގެ ދެ ފިރިހެން ކުދިންނެވެ.ތިންވަނަ ހަމަލާ ދީފައިވަނީ ބައްޕައެވެ. ބައްޕަ ވޭނެއްގައި ގޮސް ފުރަތަމަ ފައްޅިއަށް މަންމައާއި ކުޑަ ދެ އަންހެން ކުދިން ބާލާފައި، ދެވަނަ ފައްޅިއަށް ދެ ފިރިހެން ކުދިން ބާލާފައި ތިންވަނަ ފައްޅިއަށް ދިޔައީ ބައްޕަ އެކަންޏެވެ.
ފުލުހުން ބުނީ އެހެން ދެ ފައްޅިއަކުންވެސް ނުގޮވާ ހުރި ބޮން ފެނިފައިވާ ކަމަށެވެ.
ސުރަބާޔާގައި ދިން ހަމަލާތަކުގައި ހަމަލާ ދިން 6 މީހުންގެ އިތުރަށް މަދުވެގެން 7 މީހުން ވަނީ މަރުވެފައެވެ. މި ހަމަލާތަކަކީ 2000 ވަނަ އަަހަރުގެ ކްރިސްމަސްއާ ދިމާކޮށް ފައްޅިތަކަށް ދެވުނު ހަމަލާތަކެއްގައި 15 މީހުން މަރުވެ 100 މީހުން ޒަަޚަމްވި ފަހުން އިންޑޮނޭޝިޔާގައި ދެވުނު އެންމެ ލޭ އޮހޮރުން ބޮޑު ހަމަލާތަކެވެ.
ސިއްރު ފުލުހުންގެ އިސް އޮފިސަރަކާ ހަވާލީ ޚަބަރުތައް ބުނާ ގޮތުގައި މި ހަމަލާތައް ދިން ކަމަށް ޝައްކުކުރެވެނީ އިސްލާމިކް ސްޓޭޓް (އައިއެސް) އަށް ތާއީދުކުރާ އިންޑޮނޭޝިޔާގެ ޖަމާއަތެއް ކަމުގައިވާ ޖަމާއަތު އަންޞާރުއް ދައުލާއެވެ.
އިންޑޮނޭޝިޔާގެ 261 މިލިއަން މީހުންގެ އާބާދީގެ %10 މީހުންނަކީ ކްރިސްޓިއަނުންނެވެ. މުސްލިމުންގެ އެންމެ ބޮޑު އާބާދިއެއް އޮންނަ އިންޑޮނޭޝިޔާގައި 227 މިލިއަން މީހުން އުޅެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.