ފުޓުބޯޅައާ އެއް ފެންވަރަށް ކުރިކެޓް ގެންގޮސް ދެއްވުމަށް ރައީސް އެދިވަޑައިގެންފި

ފުޓުބޯޅައިގެ ރޮގުން ދިވެހިރާއްޖެ މި ސަރަހައްދުގައި ވިދާލާފައިވާ މިންވަރަށް ނޫނީ އެއަށްވުރެ ބޮޑު ކާމިޔާބަކާ ހަމައަށް ކްރިކެޓް ގެންގޮސްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އެދިވަޑައިގެންފިއެވެ.

އެމަނިކުފާނު މިކަމަށް އެދިވަޑައިހެންނެވީ ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ރައީސް މުޙައްމަދު އަފްލާޙް، އިންޓަރނޭޝަނަލް ކްރިކެޓް ކައުންސިލް (އައި.ސީ.ސީ) ގެ ބޯޑުން އޭޝިއާ ބައްރަށް ކަނޑައަޅުއްވާ މެންބަރުކަމަށް ހޮވިވަޑައިގެންނެވުމުން އޭނާއަށް މަރުހަބާ ވިދާޅުވުމަށް ރައީސް އޮފީހުގައި މިއަދު އޭނާއާ ކުރެއްވި ބައްދަލުވުމުގައެވެ.

ރައީސް ވަނީ ކްރިކެޓަށް ޒުވާނުން ތަމްރީނުކުރުމަށް ކުރެވެންހުރި މަސައްކަތްތައް ކޮށްދެއްވުމަށްވެސް އެދިވަޑައިގެންފައެވެ.

ސައުތު އޭޝިއާއަކީ ކްރިކެޓް ކުޅުމަށް ފޯރިހުންނަ ވަރުގަދަ ޓީމުތަކެއް ހިމެނޭ ރީޖަނެއްކަން ފާހަގަކުރައްވަމުން ދިވެހިރާއްޖެއިންވެސް މި ރީޖަންގައި ވާދަކުރެވޭވަރުގެ ކްރިކެޓް ޓީމެއް އުފައްދަވައިދެއްވުމަށް ވެސް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ. އަދި އިންޓަރނޭޝަނަލް ކްރިކެޓް ކައުންސިލް މެދުވެރިކޮށް ކްރިކެޓްގެ ރޮނގުން ރާއްޖެއަށް ގެނެވެންހުރި ތަރައްޤީތައް ގެނެސްދިނުމަށާއި، މި ރޮނގުން ސްކޮލަރޝިޕްތައް ހޯދައިދިނުމަށްވެސް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

އެކަންކަން ކުރުމަށް ސަރުކާރުން ވެދެއްވެންހުރި ހުރިހާ ރޮނގަކުން އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށާއި ޚާއްސަގޮތެއްގައި ކުޅިވަރުގެ ދާއިރާއަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ބިނާކޮށްދެއްވުމުގައި އެހީތެރިވެދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ރައީސްގެ ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ކުޅިވަރުގެ ކަންކަމުގައި ބަހައްޓަވާ ގާތްކަމަށާއި ކޮށްދެއްވާ މަސައްކަތްތަކަށް ޝުކުރުއަދާކުރެއްވިއެވެ. އަދި އައި.ސީ.ސީ. ގެ ބޯޑުން އޭޝިއާ ބައްރަށް ކަނޑައަޅުއްވާފައިވާ މެންބަރެއްގެ ހައިސިއްޔަތުން ދިވެހިރާއްޖެއަށާއި މި ރީޖަނަށް ކޮށްދެވެންހުރި ހުރިހާ މަސައްކަތެއް ކޮށްދެއްވާނެކަމުގައި އަފްލާޙު ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުކޮށްލެއްވުމުގައި އައި.ސީ.ސީ.ގެ ބޯޑުގެ މެންބަރުކަމަށް ކުރިމަތިލެއްވި ފުރަތަމަ ފަހަރުވެސް ވަރަށް ފުރިހަމަ ނަތީޖާއަކުން އިންތިޚާބު ކާމިޔާބުކުރެއްވުމަކީ ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ފަޚުރެއްގެ ގޮތުގައި ފާހަގަކުރައްވައި މިކާމިޔާބު ލިބިވަޑައިގެންނެވީ މުޙައްމަދު އަފްލާޙުގެ ތަޖުރިބާއިންނާއި މަސައްކަތްޕުޅުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މިނިސްޓަރ އޮފް ޔޫތް އެންޑް ސްޕޯޓްސް އިރުތިޝާމް އާދަމާއި މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވް އިބްރާހީމް އިސްމާޢީލް ޢަލީ އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ކޮމިއުނިކޭޝަންސް ސްޓްރެޓެޖިސްޓް އިބްރާހީމް އިމްޖާދު ޖަލީލް ބައިވެރިވެ ވަޑައިގެންނެވިއެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.