ކުރިޔަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ވަޑައިގެންނެވިއްޖެނަމަ ރައްޔިތުންގެ މަޖިލީހުގައި މިހާރު ތިއްބެވި މެމްބަރުންނަށް އަދި 5 އަހަރުގެ ދައުރެއް އިތުރުކޮށް ދެއްވައި، ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް ބޭއްވުމަށް ތާއީދު ކޮށްދެއްވުމަށް އެދިވަޑައިގަންނަވާނެ ކަމަށް ކުރީގެ ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި އިދިކޮޅު ފަރާތްތަކުން އެއް ކެންޑިޑޭޓް ނެރުމަށްޓަކައި އެންމެ ފުރަތަމަ ޕާޓީ ތަކުގެ މެދުގައި ބާއްވާ ރިޔާސީ ޕްރައިމަރީގައި އެމްޑީޕީގެ ޕްރައިމަރީ ޓިކެޓަށް ވާދަކުރެއްވުމަށް ކެމްޕޭން ފެއްޓެވުމުގެ ގޮތުން އައްޑޫ ސިޓީގެ ހިތަދޫގައި ރޭ ބޭއްވި ޖަލްސާގައި ވީޑިޔޯ މެދުވެރި ކުރައްވައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް އޮތުމަށް ތާއީދު ކުރުމަށް އެދިވަޑައިގަންނަވާ ކަމަށާއި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ފަހު ހުވާ ކުރައްވާނީ މި ގާނޫނު އަސާސީގެ ދަށުން ކަމަށެވެ.
ނަޝީދު ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ވޯޓު ކަރުދާސް ކޮޅުގައި އެމަނިކުފާނުގެ ނަން އޮންނާނެ ކަމާމެދު ސުވާލުވެސް ނުއުފައްދަވާ ކަމަށާއި އިންތިޚާބު ކާމިޔާބު ކުރެވިއްޖެނަމަ ރާއްޖޭގައި އަދުލް އިންސާފު ގާއިމް ކޮށްދެއްވައި، ދިވެހި ސިފައިންނާއި ދިވެހި ފުލުހުންގެ މުއައްސަސާވެސް ރަނގަޅުކޮށް ދެއްވާނެ ކަމަށެވެ.
"ޖަޒީރާ ރައީސް" ގެ ނަމުގައި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކެމްޕޭން ނަޝީދު ފެއްޓެވިއިރު ސަރުކާރު ހިންގާ ޕާޓީން ބުނަމުން ދަނީ އިންތިޚާބުގައި ނަޝީދަށް ފުރުޞަތު ނެތް ކަމަށެވެ. ނަމަވެސް އެންމެ ފަހު ވަގުތު އިންތިޚާބުން ފުރުޞަތު ލިބިވަޑައިގަންނަވާނެ ކަމަށް ނަޝީދު ދަނީ ވިދާޅުވަމުންނެވެ. އިނގިރޭސިވިލާތުގައި ދިރިއުޅުއްވާ ނަޝީދުގެ މައްޗަށް ވަނީ 13 އަހަރުގެ ޖަލު ޙުކުމެއް އިއްވާފައެވެ. އެހެންކަމުން އެމަނިކުފާނަށް އިންތިޚާބުގައި ވާދަކުރެއްވެން އޮތީ ޖަލު ޙުކުމުގައި ގާނޫނީ އިމުގެ ތެރެއިން ލުޔެއް ލިބިގެންނެވެ.