ރާއްޖޭގައި މިހާރު އަމަލު ކުރައްވަމުން ގެންދަވާ ގާނޫނޫ އަސާސީ ޑްރާފްޓް ކޮށް ދެއްވި ކެނެޑާގެ ޕްރޮފެސަރ ޑަގްލަސް ޝުމައިޒާ އަވަހާރަ ވެއްޖެއެވެ.
އޭނާ އަވަހާރަ ވެފައިވަނީ އެޕްރީލް މަހު 28 ވަނަ ދުވަހުއެވެ. އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ހޯއްދަވަމުން ގެންދަވަނިކޮށްނެވެ.
ގާނޫނޫ އަސާސީ ޑްރާފްޓް ކުރެއްވުމަށް މާލެ ވަޑައިގެން އުޅުއްވުމަށްފަހު އެންމެ ފަހުން ޕްރޮފެސަރ މާލެ ވަޑައިގެންފައިވަނީ މިދިޔަ އަހަރުއެވެ. އެފަހަރު މާލެ ވަޑައިގެންނެވީ ކްރޫޒްލައިނާއެއްގައެވެ.
އެދަތުރުފުޅުގައި ޕްރޮފެސަރ ޝުމައިޒާ ވަނީ ގާނޫނު އަސާސީ ޑްރާފްޓް ކޮމިޓީގެ ރިސޯސް ބޭފުޅުންނާ ކޮފީއަކުން ބައްދަލު ކުރައްވައިފައެވެ. ގާނޫނު އަސާސީއަށް މިހާރުވަމުންދާ ގޮތް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށް އެބައްދަލުވުމުގައި އޭނާ ވިދާޅުވި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ޝްމައިޒާއާ ބެހޭގޮތުން އެމްޑީޕީގެ ޗެއާޕާސަން އަލްއުސްތާޒު ހަސަން ލަތީފް ވިދާޅުވީ އެއީ ތަޖުރިބާހުރި އެކީގައި މަސައްކަތްކުރަން ފަސޭހަ ބޭފުޅެއް ކަމަށެވެ. އޭނާ ރާއްޖޭގެ ގާނޫނޫ އަސާސީގެ ޑްރާފްޓް ލިޔެ ދެއްވީ ރާއްޖެއަށް މިހާރު ދިމާވަމުން މިދާ ފަދަ ކަންކަމަށްވެސް ރިއާޔަތް ކުރައްވައިގެން ކަމަށާއި އަދި މިފަދަ ޙާލަތްތަކުގައިވެސް ޢަމަލުކުރާނޭ ރަނގަޅު ނިޒާމެއް ޤާއިމުކޮށްދެއްވުމަށް ކަމަށް ހަސަން ވިދާޅުވިއެވެ.
ޕްރޮފެސަރ ޝުމައިޒާއަކީ ރާއްޖޭގެ އިތުރަށް ބައެއް އެހެން ގައުމުތަކުގެ ގާނޫނޫ އަސާސީ އެކުލަވާލެއްވުމަށްވެސް އެހީތެރިވެ ވަޑައިގެންފައިވާ ބޭފުޅެކެވެ. އޭގެ އިތުރަށް އޭނާއަކީ އެންވަޔަރަންމަންޓް އެކްޓިވިސްޓެކެވެ.