
ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާން ދެމެހެއްޓުމަށް ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫ ބުރަ މަސައްކަތްޕުޅުތަކެއް ކުރައްވާ ކަމަށް ޑިފެންސް މިނިސްޓަރ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އާދަމް ޝަރީފް އުމަރު މިހެން ވިދާޅުވީ ޕީޕީއެމުން ފުވައްމުލަކު ސިޓީގައި ރޭ ބޭއްވި ކެންޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ ދިވެހިރާއްޖެ ތަރައްގީކޮށް ތަހުޒީބު ކުރަންޖެހޭނީ ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލާއި އިސްލާމް ދީނާއި، ދިވެހި ޤައުމިއްޔަތު ރައްކާތެރި ކުރެވޭނެ ގޮތެއްގެ މަތިން ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، ގައުމެއް ގައުމެއްގެ ގޮތުގައި ކުރިއަށް ގެންދިޔުމަށް ބޭނުންވާނެ އެންމެ މުހިންމު އަސާސީ އެއްކަމަކީ އެ ގައުމަށް ބޭނުންވާނެ މިނިވަންކަމާއި އިސްތިޤްލާލު ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ އެކެއް ފެބުރުއަރީ ގައި ރައީސް ޔާމީން ފިޔަވައި ދެވަނަ ވެރިޔަކު ރާއްޖޭގެ ވެރިކަމުގައި ހުންނެވި ނަމަ، މި ގައުމުގެ މިނިވަންކަން ގެއްލުނީސް ކަމަށެވެ. އެ ދުވަހު ރައީސް ޔާމީން ބޭނުންކުރެއްވި ހިކުމަތު އަމަލީއާއި ކުރެއްވި މަސައްކަތްޕުޅަށް އެތައުރީފު ކުރެއްވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.