ފުޑުކޯޓުގެ ފުރަތަމަ ކެފޭ މިއަދު ހުޅުވައިފި

މާލެ މާފަންނު ކޮޅުގައި ތަރައްގީ ކުރަމުންދާ ފުޑުކޯޓުގެ ތަކުގެ ތެރެއިން ފުރަތަމަ ކެފޭ މިއަދު ހުޅުވައި ޚިދުމަތް ދެއްވަން ފަށްޓަވައިފި ކަމަށް ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ ފުރަތަމަ ކެފޭ މިއަދު ހުޅުވިޔަސް ދެންހުރި ކެފޭތައްވެސް ހުޅުވުމުގެ މަރުހަލާ މިހާރު ކުރިއަށް ދަމުންދާ ކަމަށެވެ. "ފުޑުކޯޓުތަކުގެ ކެފޭތަކުގެ ތެރެއިން ފުރަތަމަ ކެފޭ މިއަދު ވަނީ ހުޅުވާފައި. ދެންހުރި ހުރިހާ ކެފޭތަކެއް ހުޅުވުމުގެ މަރުހަލާ ކުރިއަށްދަނީ،" މިނިސްޓަރ ވިދާޅުވިއެވެ.

ހާބަރުގައި ކުރިން ހިންގި 40 "ކަޑަ" ނެގުމަށްފަހު ހައުސިން މިނިސްޓްރީން މިހާރުވަނީ އެތަން ޒަމާނީ ފެންވަރަށް ތައްޔާރުކޮށް ކެފޭތަކުގެ އަދަދު ވަރަށް ބޮޑަށް މަދުކޮށްފައެވެ. މިހާރު އެތަނުގައި ތަރައްގީ ކޮށްފައިވަނީ ޖުމްލަ 26 ކެފޭއެވެ.

މި ފުޑުކޯޓައް ތަރައްގީ ކޮށްފައިވަނީ އެސްޓީއޯއާ ހަވާލުކޮށްގެން އެތަނުންނެވެ. އެސްޓީއޯއުން ކުރިންވެސް ވިދާޅުވެފައިވަނީ އެތަނުގައި ތިން ސައިޒެއްގެ ކެފޭތައް ހުންނާނެ ކަމަށެވެ. އެއީ 960 އަކަފޫޓާއި، 1260 އަކަފޫޓާއި 1660 އަކަފޫޓުގެ ކެފޭތަކެކެވެ.

ފުޑުކޯޓުތަކުގެ މަސައްކަތް އެސްޓީއޯއަށް ނިންމާލެވިފައިވަނީ ކުރިން ކަނޑައެޅި މުއްދަތަކަށްވުރެ ލަހުންނެވެ. އެގޮތަށް އެކަންދިމާވީ ތަފާތު އެތައް ސަބަބުތަކާ ހެދިއެވެ. އެތަންތަން ނިންމައި މިހާރުވަނީ ކުއްޔަށް ދޫކުރުމުގެ މަރުހަލާގައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.