ޕްރިންސް ހެރީ އާއި މެގަންގެ ކާވެންޏަކީ ދުނިޔޭގެ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ހަފްލާ އެކެވެ. ކާވެނީގެ ހަފްލާ ބާއްވަން ދެ ހަފްތާ އަށް ވެފައިވާ އިރު ޝާހީ އާއިލާ އިން ދަނީ ޝާހީ ގަނޑުވަރުގެ ޓްވިޓަރ މެދުވެރިކޮށް ކާވެނީގެ ތައްޔާރީ ތަކުގެ އަދާހަމަތައް އާއްމުންނާ ހިއްސާ ކުރަމުންނެވެ.
ޝާހީ ގަނޑުވަރުގެ ޓްވިޓަރ އިން ހުކުރު ދުވަހު އާއްމުކުރި އަދާހަމައިގައި ބުނާ ގޮތުން ހެރީ އާއި މެގަންގެ ކާވެނީގެ ހަފްލާގައި މެގަންގެ މަންމަ އާއި ބައްޕަ ބައިވެރިވާނެއެވެ. މެގަންގެ މަންމަ އާއި ބައްޕަ ހަފްލާގައި ބައިވެރިވާނެކަން ޝާހީ ގަނޑުވަރުން ރަސްމީކޮށް އިއުލާން މިކުރީ މެގަންގެ ބޭބެ ހެރީ އަށް ސިޓީ އަށް ފޮނުވާފައި ވަނިކޮށެވެ. ސިޓީގައި މެގަންގެ ބޭބެ އެދިފައިވަނީ މެގަން އާއި ކާވެނި ނުކުރުމަށެވެ. އޭނާ ވަނީ މެގަންގެ ބޮލުގައި ބޮޑެތި ތުހުމަތުތަކެއް އަޅުވާފައެވެ. އެގޮތުން މެގަންގެ ބައްޕަ އާއި އާއިލާ ފަގީރު ދިރިއުޅުމެއް އުޅެންޖެހިފައިވަނީ މެގަން އާ ހެދި ކަމަށް އޭނާ ބުނެފައިވެއެވެ. އަދި މެގަން އަކީ ރަނގަޅު މީހެއް ނޫންކަމަށާއި ފައިސާގެ ދަހިވެތި ކަމުގައި އުޅޭ މީހެއްކަމަށް އޭނާގެ ސިޓީގައި ބުނެފައިވެއެވެ.
މެގަންގެ ބައްޕަ ކާވެނީގެ ހަފްލާގައި ބައިވެރިވާނެކަން ޝާހީ އާއިލާއިން އިއުލާން ކުރީ މެގަންގެ އާއިލާގެ އެއްވެސް މެންބަރަކަށް ކާވެންޏަށް ދައުވަތު ދީފައިނުވާ ކަމަށް މީޑިއާގައި ރިޕޯޓްކޮށްފައި ވަނިކޮށެވެ. އުމުރުން 36 އަހަރުގެ މެގަން އޭނާގެ ލޯބިވެރިޔާ ޕްރިންސް ހެރީ އާއި ކާވެނި ބައްލަވައިގެންނާނީ މި ހިނގާ މޭ މަހުގެ 19ވަނަ ދުވަހު ވިންޑްސަރ ކާސްލްގެ އެސްޓީ، ޖޯޖް ޝެޕަލް ގައެވެ. މަންމަ އާއި ބައްޕަ ފިޔަވައި އާއިލާގެ އެހެން މެންބަރަކަށް ދައުވަތު ދީފައިނުވާ ކަމަށް ޕީޕަލް ޑޮޓް ކޮމް އިން ރިޕޯޓް ކުރެއެވެ.
ޕްރިންސް ހެރީ އާއި މެގަންގެ ކާވެނީގެ ހަފްލާގައި ހެރީގެ މަންމާފުޅު ޕްރިންސެސް ޑަޔާނާގެ އާއިލާ އިން ވެސް ބައިވެރިވާނެއެވެ. އަދި ހެރީގެ ބައްޕާ ފުޅު ޕްރިންސް ވިލިއަމް އާއި އޭނާގެ އަނބިކަނބަލުން ކެމީލާ ބައިވެރިވެވަޑައިގަންނަވާނެއެވެ. ހެރީގެ މަންމާފުޅަށް އަރުވާ ތަހިއްޔާ އެއްގެ ގޮތުން ކާވެނީގެ ހަފްލާގައި ބޭނުންކުރާ މާތަކުގެ ތެރޭގައި ޑަޔާނާއަށް އެންމެ ކަމުދާ މާ، ހުދު ފިނިފެންމާ ހިމަނާފައިވެއެވެ. އަދި މެގަންގެ އެންގޭޖްމަންޓް އަނގޮޓިކޮޅުގައި ޑަޔާނާގެ ގަހަނާ ތަކުގެ ތެރެއިން 2 ޖަވާހިރު ހިމަނާފައިވެއެވެ. ހަފްލާއަށް ތައްޔާރު ވުމުގެ ގޮތުން ހެރީ އާއި މެގަން މިވަގުތު ތިއްބެވީ ރަސްމީ މަސައްކަތުން ޗުއްޓީ ނަންގަވައިގެންނެވެ.
ޝާހީގެ ކާވެނީގެ ހަފްލާގައި މަޝްހޫރު ގިން ފަންނާނުން ހިމެނެއެވެ. އޭގެ ތެރޭގައި ހޮލީވުޑްގެ މަޝްހޫރު ތަރި ޖޯޖް ކްލޫނީ އާއި އޭނާގެ އަންހެނުން އަމާލް ކުލޫނީ، މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޑެވިޑް ބެކަމް އާއި އޭނާގެ އަންހެނުން ވިކްޓޯރިއާ ބެކަމް އަދި ބޮލީވުޑްގެ މަޝްހޫރު ތަރި އަދި މެގަންގެ ގާތް އެކުވެރިޔާ ޕްރިޔަންކާ ޗޯޕްރާ ހިމެނެއެވެ. ޕްރިޔަންކާ ވަނީ ދާދި ފަހުން ޓައިމްގެ އެންމެ ނުފޫޒު ގަދަ 100 މީހުންގެ ތެރޭގައި މެގަންގެ ހިމެނުމުން މެގަން އާ ބެހޭ ގޮތުން ޓައިމް އަށް ތަހިއްޔާ އެއް ލިޔެދީފައެވެ. އެ ތައހިއްޔާ ގައި ބުނާ ގޮތުން މެގަން އަކީ ވަރަށް ސާދާ މިޒާޖެއްގެ ލާމަސީލު މީހެއް ކަމަށެވެ. އަބަދުވެސް އަމިއްލަ ނަފްސަށް ވުރެ އެހެން މީހުން އިސްކުރާ ކަމަށް އޭނާ ބުެނފައިވެއެވެ. ސެލެބްރިޓީންގެ އިތުރުން ދަރުމައަށް މަސައްކަތް ކުރާ 2000 ވުރެ ގިނަ ފަރާތްތަކަށް މި ކާވެންޏަށް ވަނީ ދައުވަތު ދީފަައެވެ.
ހެރީ އާއި މެގަން އަކީ ޚަައިރާތަށް މަސައްކަތް ކުރާ ދެ މީހުންނެވެ. ހަޔާތުގެ ބައިވެރިއަކަށް މެގަންފަދަ ހިތް ތިރި މީހަކު ލިބުމަކީ ހެރީގެ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށް އޭނާ ބުނެފައިވެއެވެ.