ތުރުކީގައި 24 ޖޫން 2018 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އާއްމު އިންތިޚާބާއި، ރިޔާސީ އިންތިޚާބުގައި ރައީސު ރަޖަބް ތައްޔިބް އެރްދޮގާންގެ ޖަސްޓިސް އެންޑް ޑިވޮލަޕްމަންޓް ޕާޓީ (އޭކޭޕީ) އާއި ވާދަކުރުމަށް ކޯލިޝަން ހަދައިފިއެވެ. މިކޯލިޝަނަކީ އެރްދޮގާންގެ ޕާޓީއަށް ގޮންޖެހުމަކަށް ވާނެ ކޯލިޝަނެއް ކަމުގައި ލަފާކުރެވެއެވެ.
މިއަދުގެ ވަގުތެއްގައި ރަސްމީކޮށް އިއުލާންކުރުމަށް ހަމަޖެހިފައިވާ ކޯލިޝަނުގައި ހިމެނެނީ، އެންމެ ބޮޑު އިދިކޮޅު ޕާޓީ، ރިޕަބްލިކަން ޕީޕަލްސް ޕާޓީ (ސީއެޗްޕީ) އާއި، އިޔީ ޕާޓާއި، އިސްލާމީ ޚިޔާލުގެ ސާދަތު ޕާޓީ (އެސްޕީ) އާއި، ޑިމޮކްރެޓް ޕާޓީ (ޑީޕީ) އެވެ،
އަލްމާނީ (ސެކިއުލާ) ސީއެޗްޕީ އަކީ ގާނޫނު ހަދާ މަޖިލީހުގައި އެންމެ މެންބަރުން ގިނަ އިދިކޮޅު ޕާޓީއެވެ. އަލަށް އުފެއްދި އިޔީ ޕާޓީގައި ގިނައިން ތިބީ ނޭޝަނަލިސްޓުންނެވެ. އިޔީ ޕާޓީގެ ލީޑަރު މެރަލް އެކްސަނާ ވަނީ އޭނާ ރައީސުކަމަށް ކުރިމަތިލައްވާނެކަން ހާމަކުރައްވާފައެވެ.
އިދިކޮޅު ކޯލިޝަނުން ވާދަކުރަނީ ވެސް ކޯލިޝަނަކާއެވެ. އެއީ ވެރިކަންކުރާ އޭއެޗްޕީން ނޭޝަނަލިސްޓް އެކްޝަން ޕާޓީ (އެމްއެޗްޕީ) އާއި ކޯލިޝަން ހަދާފައި ވާތީއެވެ.
އަލަށް ހެދި އިދިކޮޅު ކޯލިޝަނަށް ފާޑުވިދާޅުވަމުން ތުރުކީގެ ނާއިބު ރައީސު ބަކީރް ބޯސްދާގް ވިދާޅުވެފައި ވަނީ އެކޯލިޝަނަކީ "ގަދަކަމުން ކުރެވުނު ކައިވެންޏެއް ފަދައިން ގަދަކަމުން ހަދާފައިވާ" ކޯލިޝަނެއް ކަމުގައެވެ.
ތުރުކީ އާއްމު އިންތިޚާބު ބުނާގޮތުން އެއްވެސް ޕާޓީއަކަށް މަޖިލީހުގެ ގޮނޑިއެއް ލިބޭނީ ވޯޓުލާމީހުންގެ މަދުވެގެން %10 އެ ޕާޓީއަކަށް ކާމިޔާބުކުރެވިގެންނެވެ. ކޯލިޝަން ހެދުމުން ކުދި ޕާޓީތަކުން އެކަމާ މެދު ކަންބޮޑުވާން ނުޖެހޭނެއެވެ.
2019 ވަނަ އަހަރުގެ ނޮވެމްބަރު 3 ގައި ބާއްވަން ހަމަޖެހިފައި އޮތް އިންތިޚާބު ކުއްލި ގޮތަކަށް އަވަސްކުރައްވައިގެން ރައީސު އެރްދޮގާން ވަނީ އިދިކޮޅު ފަރާތްތަކަށް ކުއްލި ސިހުމެެއް ގެންނަވާފައެވެ.
2003 ވަނަ އަހަރުން ފެށިގެން ތުރުކީގައި ވެރިކަން ކުރައްވަމުން ގެންދަވާ އެރްދޮގާނަކިީ މިޒަމާނުގެ ތުރުކީގައި އެންމެ ދިގު މުއްދަތަކަށް ވެރިކަން ކުރެއްވި ޒައީމެވެ. އޭނާ ވަނީ 2003 ވަނަ އަަހަރުން 2014 ވަނަ އަހަރަށް ބޮޑުވަޒީރުކަން ކުރެއްވުމަށްފަހު، 2014 ވަނަ އަހަރު ތުރުކީގެ ވެރިކަމުގެ ނިޒާމު ރިޔާސީ ނިޒާމަކަށް ބަދަލުކުރައްވައި ރައީސުކަމަށް ހޮވިވަޑައިގަތެވެ. މިއަހަރު އޭނާ ކުރިމަތިލައްވަނީ ރިޔާސީ ދެވަނަ ދައުރަކަށެވެ.