ރަށްރަށަށް މިހާރު ބޭނުންވަނީ އެރަށަށް އޭޓީއެމް މެޝިން ފަދަ ޚިދުމަތްތައް އައުމަށް ކަމަށް ޕީޕީއެމްގެ ނާއިބު ލީޑަރު އަދި ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ރުމާލު 2 ޖަގަހައިގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ރަށްރަށަށް ދިޔުމުން މީހުން ކުރިން ކުރި ޝަކުވާ މިހާރު ނުކުރާ ކަމަށެވެ. މީހުން ކުރިން ކުރާ ޝަކުވާއަކީ ބަނދަރުގެ ދަތިކަމާއި ނަރުދަމާގެ ދަތި ކަމުގެ ވާހަކަ އެވެ. އެހެންނަމަވެސް އެވާހަކައިގެ ބަދަލުގައި މިހާރުދައްނީ އޭޓީއެމްފަދަ ޚިދުމަތުގެ ވާހަކަ ކަމަށް އޭނާ ވިދާޅުވިއެވެ.
"ބައެއް ރަށްރަށަށް ދިޔުމުން މިހާރު ބުނަނީ ތިމަންނަ މެންނަށް މިހާރު އެންމެ ދަތިވަނީ ރަށުގައި އޭޓީއެމެއް ނެތީމައޭ. ކުރިން ދާތަނުން ބުނާނެ ފެނާ ނަރުދަމާ ވަރަށް ސަކަރާތޭ. ބަނދަރުގެ ކަންތައްވެސް. އަޅުގަނޑު ނުދަންނަވަން ހުރިހާ ރަށެއްގައި ހުރިހާ ކަމެއް ހަމަޖެހުނީއެކޭ. އެކަމަކު ބޮޑެތި އާބާދީ ހުރި ތަންތަތާގައި މައިގަނޑު މިކަހަލަ ކަންކަން ހަމަޖެހިއްޖެ،" މިނިސްޓަރ ވިދާޅުވިއެވެ.
އެހެންވެ ރައްޔިތުން މިހާރު ބޭނުން މިވަނީ އޭޓީއެމް މެޝިން ކަމަށް އޭނާ ވިދާޅުވިއެވެ. އޭޓީއެމްގެ ފަސޭހަ މާލޭގައި އުޅޭ މީހުންނަށްވެސް ލިބޭގޮތަށް ރަށްރަށުގައި އުޅޭމީހުން އެފަސޭހަ ބޭނުންވާ ކަމަށްވެސް ޒަމީރު ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ރަށުގައި ތިގެން އާމްދަނީ ހޯދުމުގެ ފުރުސަތު ފަހިވެ ފިހާރަތަކުގައި ކާޑާ އެއްޗެހި ބޭނުން ކުރަން ފެށީމައި ރަށްރަށުގައި އުޅުއްވާ ބޭފުޅުންވެސް މިހާރު ބޭނުންވަނީ "އޭޓީއެމް ކާޑު" ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްގީ ވުމުގެ ސަބަބުން ކުރިން ބޭސްފަރުވާއަށް ގައުމުން ބޭރަށްދާދިޔުން ވެސް މަދުވެފައިވާ ކަމަށެވެ. ކުރިން ޗުއްޓީއެއް ލިބޭއިރަށް އޮންނަނީ ބޭސްފަރުވާއަށް ދާން ޖެހިފައި ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ބަދަލުގައި ރާއްޖެއިން ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތް ލިބެން ފެށުމުން ބޭސް ފަރުވާއަށް ބޭރަށް ކުރަންޖެހޭ ޚަރަދު ސަލާމަތްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެހެން ކަންކަމަށް ޚަރަދުކުރާނެ ފައިސާ އޭގެ ސަބަބުން ރައްޔިތުންގެ އަތުގައި މިހާރު ހުންނަ ކަމަށްވެސް ވިދާޅުވިއެވެ. މިއީ މި ސަރުކާރުން ގެނެސް ދެއްވި ހެޔޮ ބަދަލެއް ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ޕީޕީއެމްގެ ހުރިހާ ވިސްނުމެއްވެސް މިހާރު ހުރީ ކުރިއަށްއޮތް ރިޔާސީ އިންތިޚާބަށް ކަމަށެވެ. އެއަށްވުރެ ބޮޑު އިސްކަމެއް ޕާޓީން މިވަގުތު ދެއްވާ އެއްވެސް ކަމެއްނެތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.