
ޔާޝް ޖޯހަރް ގެ ފަނަރަ އަހަރުވީ ދިގު ހުވަފެން ހަގީގަތަކަށް ވާން އުޅޭ ކަމުގެ ފެހި ސިގްނަލް އޭނާގެ ދަރިފުޅު ކަރަން ޖޯހަރް ދީފިއެވެ. އެ ޕްރޮޖެކްޓަކީ 'ކަލަންކް' އެވެ. ކަރަން ވަނީ އޭނާގެ އިންސްޓެގްރާމްގައި މި ވާހަކަ އިއުލާން ކޮށްފައެވެ. އޭނާ ބުނެފައިވާ ގޮތުގައި ފިލްމް ޑައިރެކްޓް ކުރާނީ އަބީޝެކް ވަރްމަން އެވެ.
'ކަލަންކް' އިން ބޮލީވުޑްގެ މަޝްހޫރު ގިނަ ތަރީންތަކެއް ފެނިގެން ދާނެއެވެ. އޭގެ ތެރޭގައި ވަރުން ދަވަން އާއި އާލިއާ ބަޓް އާއި ސޮނާކްޝީ ސިންހާ އާއި އަދިތްޔާ ރޯއި ކަޕޫރް އާއި ސަންޖޭ ދަތު އަދި މަދޫރީ ޑިކްސިޓް ހިމެނެއެވެ. ރިޕޯޓްތައް ބުނާ ގޮތުން 'ކަލަންކް' އަކީ 1940 ގެ އަހަރު ތަކުގެ ތެރޭގައި ބޯދަރު ސަރަހައްދު ގެ ތާރީޚީ އަދި ޖަޒުބާތުން ފުރިގެންވާ ހާދިސާތަކެއް ދައްކުވައިދޭނެ ފިލްމެކެވެ. މި ފިލްމާ ގުލޭ ދިރާސާތައް ކުރުމަށް ކަރަންގެ ބައްޕަ ޔާޝް ޕަކިސްތާންގެ ލާހޫރަށް ދިޔަ ކަމަށް ތުންތުން މަތީން ކިޔައި އުޅެއެވެ. ފިލްމުގެ ވާހަކަ ލިޔެފައިވަނީ ޝިބާނީ ބަތީޖާ އެވެ. ފިލްމުގެ ސްކްރީން ޕްލޭ ލިޔެފައިވަނީ އަބީޝެކް އެވެ.
ވަރުގަދަ ކާސްޓަކާ އެކު 'ކަލަންކް' އިއުލާން ކުރި އިރު ފިލްމް ނެރޭނެ ތާރީޚްވެސް ވަނީ އާއްމު ކޮށްފައެވެ. ފިލްމު ނެރޭނެ ކަމަށް ވަނީ 2019ވަނަ އަހަރުގެ އޭޕްރިލް މަހުގެ 19ވަނަ ދުވަހުއެވެ. ފިލްމް ޕްރޮޑިއުސް ކުރަނީ ފޮކްސް ސްޓަރ ސްޓޫޑިއޯ އާއި ދަރްމާ ޕްރޮޑަކްޝަންސް އަދި ނަދިއަދްވާލާ ގްރޭންޑްސަން އެންޓަރޓެއިންމަންޓް އިންނެވެ.