ރާއްޖޭގައި ހަރަކާތްތެރިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން ޕީޕީއެމް ފިޔަވައި އެހެން ހުރިހާ ޕާޓީތައް ވަނީ ނުކުޅޭދޭ ހާލަތަށް ގެނެސްފައި ކަމަށް ޖުމްހޫރީ ޕާޓީން ވިދާޅުވެއްޖެއެވެ.
އެޕާޓީގެ ސެކްރެޓަރީޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ މިހާތަނަށްވެސް އިލެކްޝަންސް ކޮމިޝަނުން ޕާޓީތަކާ ގުޅިގެން މަސައްކަތްތަކެއް ކުރައްވައިފައި ނުވާ ކަމަށެވެ. އަދި ސިޔާސީ ހަރަކާތްތައް މިނިވަން ކަމާއެކު ހިންގުމުގެ ފުރުސަތު ގެއްލިފައިވާއިރު އިލެކްޝަންސް ކޮމިޝަނުން އެކަންކަމާދު އެއްވެސް ފަރުވާލެއް ނުބަހައްޓަވާ ކަމަށްވެސް ވިދާޅުވިއެވެ.
ސިޔާސީ ޕާޓީތަކާއެކު ބައްދަލުވުންތައް ބާއްވައި ޚިޔާލު ހޯދުމުގެ ކުރިން "ޕާޓީތައް ދެމިތިބުމަށް ބޭނުންވާ ކާނާ ލިބެން އެބަޖެހޭ. އެއީ މިނިވަން ކަމާއެކު ސިޔާސީ ހަރަކާތްތައް ހިންގުމުގެ ފުރުސަތު. އެ ފުރުސަތު ލިބިފައި ވަނީ ހަމައެކަނި ޕީޕީއެމަށް. އެހެން ޕާޓީއަކަށް ނެތް އެފުރުސަތު. އެކަންކަން ބަލަން އީސީ ވަނީ ނުކުޅެދިފައި. ޕާޓީތަކުގެ ހަރަކާތް ހުއްޓި ނުކުޅޭދޭ ހާލަތަށް އައިސްފައި ތިއްބާ އިލެކްޝަންސް ކޮމިޝަނުން މިއުޅުއްވަނީ ކޮން "ވިންދެއް" ބައްލަވަންތޯ،" ސަމީރު ވިދާޅުވިއެވެ. އޭނާ އެހެން ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ޕާޓީތަކާ ބައްދަލު ކުރައްވަން ދެއްވި ދައުވަތާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުންނެވެ.
އޭނާ ވިދާޅުވީ އެންމެފަހުން އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީތަކަށް ދެއްވި ދައުވަތަށް ގުޅިފައިވާ ޕާޓީތަކުންވެސް ދާން ތައްޔާރުވި ކަމަށެވެ. އެހެންނަމަވެސް އެންމެފަހު ވަގުތު އެބައްދަލުވުން ކެންސަލްކުރައްވައި އީސީން ބޭނުންފުޅުވީ ޕާޓީތަކާ ވަކިވަކިން ބައްދަލު ކުރެއްވުމަށް ކަމަށް ވިދާޅުވިއެވެ.
"ކެރިވަޑައި ނުގަތް ހުރިހާ ޕާޓީތަކާ އެއްކޮށް ބައްދަލު ކުރައްވަން. އެއީ އަޅުގަނޑުމެންގެ ޝަކުވާތަކާއި މައްސަލަތަކުގެ އަޑު އެއްސެވުމުގެ ގާބިލްކަން ނެތުމުން ނުވަތަ ބައްދަލު ކުރައްވަން ޖެހިލުންވެ ވަޑައިގަންނަވާތީ އެގޮތަށް ކަންތައް ކުރެއްވީ،" ސަމީރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ސިޔާސީ ހުރިހާ ޕާޓީތަކަށްވެސް ހައްގުތައް އެއްވަރަކަށް ލިބެންޖެނޭ ކަމަށެވެ. އެކަމަކު އެންމެ ޕާޓީއަކަށް ފިޔަވައި އެ ހައްގުތައް ލިބެމުންދާތަނެއް ނުފެންނަ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުގެ އަމަލާއި ބަސް ހުންނަ ގޮތުން އެތަނުގެ މަގުސަދާއި ނިޔަތާ މެދުވެސް މިހާރު ޝައްކު ކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.