
މި ދިޔަ މަހުގެ ކުރީ ކޮޅު ބޮލީވުޑް ގެ ތަރި އިރްފާން ޚާން ވަނީ އޭނާ އަށް އާދަޔާ ޚިލާފު ބައްޔެއް ޖެހިފައިވާ ކަމަށް ބުނެ އެވާހަކަ މީސްމީޑިއާ މެދުވެރިކޮށް އޭނާގެ ފޭނުންނާ ހިއްސާ ކުރިއެވެ. އަދި އޭގެ ދިހަ ދުވަސް ފަހުން އޭނާގެ ހަށިގަނޑުގައި ޓިއުމަރ އެއް އުފެދިފައިވާކަމަށް މީސްމީޑިއާގައި ލިޔެފައިވެއެވެ.
އިރުފާން މި ވަގުތު ދަނީ ގައުމުން ބޭރުގައި އޭނާގެ ބައްޔަށް ފަރުވާ ހޯދަމުންނެވެ. އިއްޔެ މީސްމީޑިއާގައި އެންމެ ބާރަށް ދެކެވެން ފެށި ވާހަކަ އަކީ އިރުފާން ގެ ހާލު އިތުރަށް ގޯސްވީ ވާހަކައެވެ. އޭނާއަށް ކެންސަރު ބަލި ޖެހި މިހާރު ވޭތިކުރަމުން ދަނީ އެންމެ ފަހު މަރުހަލާ ކަމަށެވެ. މި ވާހަކަތަކާ ގުޅިގެން އިރްފާން ގެ ތަރުޖަމާނު ވަނީ މީސްމީޑިއާ އަކީ މީހުންގެ ސިއްހީ ހާލަތު އަދާހަމަ ކުރާ ތަނަކަށް ނުހެދުމަށް ގޮވާލައިފައެވެ. އަދި މީސްމީޑިއާގައި ހިއްސާ ކުރާ ޚަބަރު ތެދުދޮގު ނުބަލައި މީޑިއާގައި ނުޖެހުމަށް އޭނާވަނީ އިލްތިމާސް ކޮށްފައެވެ. އޭނާ ބުނެފައިވާ ގޮތުގައި އިއްޔެއިން ފެށިގެން އިރްފާންގެ ސިއްހީ ހާލަތާ މެދު މީޑިއާގައި ފަތުރާފައިވަނީ މުޅީން ދޮގު ޚަބަރެވެ. އެވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތެވެ. އެހެންކަމުން މީޑިއާގެ ފަރާތުން އެދެނީ ދޮގު ޚަބަރު ނުފަތުރައި އިރްފާން އަށް ހެޔޮ ދުއާ ކޮށްދިނުމަށް ކަމަށްވެސް އޭނާ ގެ ތަރުޖަމާނު ބުނެފައިވެއެވެ.
މައުލޫމާތު: ދަ އެކްސްޕްރެސް ޓަރައިބިއުން