
ރައީސް މައުމޫން ތަހުގީގަށް އެއްބާރު ލެއްވުން ނުދެއްވުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށް ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ޑރ. އަބްދުﷲ ޚަލީމް ވިދާޅުވެއްޖެއެވެ.
ޑރ. ޚަލީލް ވިދާޅުވީ ރައީސް މައުމޫނަކީ ރާއްޖޭގައި 30 އަހަރުގެ ދިގު ވެރިކަމެއް ކުރައްވައި ގައުމަށް ހެޔޮބަދަލުތަކެއް ގެނެސްދެއްވި ނަމޫނާ ވެރިއެއްގެ ގޮތުގައި ހުންނެވި ބޭފުޅެއް ކަމަށެވެ. އެހެންނަމަވެސް ފެބުރުއަރީ އެކެއްގެ ހުކުމަށްފަހު އެމަނިކުފާނުގެ މައްޗަށް ބޮޑެތި ތުހުމަތު ތަކެއް ކުރެވި ފުލުހުންގެ ބަންދަށް ވަނީ ގެންގޮސްފައެވެ.
ފުލުހުންގެ ތަހުގީގަށް އެމަނިކުފާނު އެއްބާރުލެއްވުން ނުދެއްވާ ކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ. "ރައީސް މައުމޫން ފަދަ ބޭފުޅެއްގެ މައްޗަށް އެފަދަ ތުހުމަތު ތަކެއް ކުރެވިފައި ވުމުން އެމަނިކުފާނު އެބަޖެހޭ ކުށުން ބަރިއްޔަވާން. އެމަނިކުފާނުގެ ކުށެއްނެތްކަން ހާމަކޮށް ދެއްވުމަކީ އެމަނިކުފާނު ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމެއް. އެކަން ކުރެއްވުމަށް ފުލުހުންގެ ތަހުގީގަށް އެއްބާރުލެއްވުން ދެއްވަންޖެހޭނެ،" ޑރ. ޚަލީލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރައީސް މައުމޫނަކީ ޕީޕީއެމްގެ ކުރީގެ ރައީސް ކަމަށާއި އެމަނިކުފާނަށް އަދިވެސް ޕީޕީއެމްއިން ފުރުސަތު އޮންނަންވާނެ ކަމަށެވެ. "އެކަމަކު އެއަށްވުރެ ކުރިން އެމަނިކުފާނު ޖެހިވަޑައިގަންނަވާނެ ކުށެއްނެތްކަން ސާބިތު ކޮށްދެއްވަން،" ޑރ. ޚަލީލް ވިދާޅުވިއެވެ.