
'ދަ އެކްސިޑެންޓަލް ޕްރައިމް މިނިސްޓަރ' ގައި ޑޮކްޓަރ މަންމޯހަން ސިންގހް ގެ ރޯލު ކުޅޭނީ އަނޫޕަމް ޚޭރް އެވެ. ފިލްމުގެ ޝޫޓިން ލަންޑަންގައި ފެށިގެން ކުރިއަށް އެބަދެއެވެ. މި ފިލްމުގެ ފުރަތަމަ ލުކް މިހާރު ވަނީ އާއްމުކޮށްފައެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި މަންމޯހަން ސިންގހްގެ ރޯލު ކުޅެން އެންމެ އެކަށީގެންވާ މީހަކީ އަނޫޕަމް އެވެ. އެހާވެސް ވައްތަރެވެ.
'ދަ އެކްސިޑެންޓަލް ޕްރައިމް މިނިސްޓަރ' އަކީ ޑޮކްޓަރ މަންމޯހަން ސިންގހް ގެ ހަޔާތުގެ މައްޗަށް ސަންޖޭ ބަރޫ ލިޔެފައިވާ ބަޔޮގްރެފީ އެއްގެ މައްޗަށް ކުޅޭ ފިލްމެކެވެ. މަންމޯހަން ސިންގހް އަކީ 2004 ވަނަ އަހަރުން ފެށިގެން 2014ވަނަ އަހަރާއި ހަމައަށް އިންޑިއާގެ ބޮޑުވަޒީރު ކަން ކުރައްވައިފައިވާ ވަރުގަދަ ޝަޚްސިްޔަތެކެވެ. ސިޔާސީ ލީޑަރެއްގެ އިތުރުން އޭނާ އަކީ އިގްތިސާދީ މާހިރެއްވެސް މެއެވެ. މި ފިލްމުން ފެނިގެންދާނީ މަންމޯހަން ސިންގހްގެ ސިޔާސީ ހަޔާތެވެ. ފިލްމުގެ ޑައިރެކްޓްރަކީ ހަންސަލް މެހްތާ އެވެ.

އަނޫޕަމް ގެ އިތުރުން އަކްޝަޔޭ ކަންނާވެސް ފިލުމުގެ މުހިއްމު ރޯލަކުން ފެންނާނެއެވެ. އޭނާ ފެނިގެންދާނީ ސިޔާސީ ކޮމެންޓޭޓަރެެއްގެ ގޮތުގައެވެ. ފިލްމިގައި ސޯނިޔާ ގާނދީ ގެ ރޯލު ކުޅެނީ ޖަރުމަނަށް އުފަން ސުޒޭން ބަރނަރޓް އެވެ. ޕްރިޔަންކާ ގާނދީގެ ރޯލު ކުޅެނީ އާހަނާ ކުމާރް އެވެ. ފިލްމު ސިނަމާތަކުގައި އަޅުވާނީ މިއަހަރުގެ ޑިސެންބަރު މަހުގެ 21ވަނަ ދުވަހުއެވެ.