ރައީސް ޔާމީން ހުއްޓުވައިގެން މެނުވީ ގައުމުގައި މިހާރު ހިނގަމުންދާ ވިޔާނުދާ ކަންކަން ނުހުއްޓުވޭނޭ ކަމަށް ކެންދޫދާއިރާގެ މެންބަރު އަލީ ހުސައިން ރޭ ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ ޕާޓީތަކުން މ. ކުނޫޒުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަލީ ހުސައިން ވިދާޅުވީ އެބޭފުޅުން ނުކުމެ ހުއްޓުވަން މަސައްކަތް ކުރައްވަނީ ގައުމުގެ ރައުސުލްމާލުން ވައްކަން ކުރެއްވުމާއި، ކޮރަޕްޝަނާއި ފަސާދައާއި، ލާއިންސާނީ އަމަލުތައް ކަމަށެވެ.
"އަޅުގަނޑުމެން ހުއްޓުވަން މިއުޅެނީ އަބްދުﷲ ޔާމީން. އަޅުގަނޑުމެން ހުއްޓުވަން މިއުޅެނީ މިގައުމުގެ ރައުސުލްމާލުން ވައްކަން ކުރުން. އަޅުގަނޑުމެން ހުއްޓުވަން މިއުޅެނީ މިގައުމުން ކޮރަޕްޝަނާއި ފަސާދަ. އަޅުގަނޑުމެން ހުއްޓުވަން މިއުޅެނީ ލާއިންސާނީ އަމަލުތައް. މިހުރިހާ ކަމެއް ހުއްޓުވޭނީ ރައީސް ޔާމީން ހުއްޓުވައިގެން،" އަލީ ހުސައިން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރާއްޖެގެ ރިޔާސީ އިންތިޚާބު ބޯމަތިވެފައިވާއިރު ރައީސް ޔާމީނާއެކު އިންތިޚާބެއްގެ ވާހަކައެއް ދެކެވޭކަށް ނެތްކަމަށެވެ. އިންތިޚާބަކީ އެކިއެކި ކެންޑިޑޭޓުންގެ މެދުގައި ވާދަކުރެވިގެން އަދި ކެންޕޭން ކުރެވިގެން މިނިވަންކަމާއެކު ބާއްވަންޖެހޭ އެއްޗެއް ކަމަށްވެސް އަލީ ހުސައިން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެފަދަ މާހައުލެއް މިރާއްޖެއަކު މިހާރުނެތް ކަމަށެވެ. ޚިޔާލުފާޅު ނުކުރެވޭ ގޮތަށް އެއްވެ ނޫޅެވޭ ގޮތަށް ކެންޕޭން ނުކުރެވޭ ގޮތަށް އަދި މަގުމައްޗަށް ނުކުތީމައި ޖަލަށް ލެވޭގޮތަށް ބައިވެރިވާނެ އިންތިޚާބެއް އޮންނާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެބޭފުޅުން އިންތިޚާބަށް ވަޑައިގަންނަވާނީ ރައީސް އަބްދުﷲ ޔާމީން ހުއްޓުވާފައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަލީ ހުސައިން ވިދާޅުވީ މިގައުމާއި ގައުމުގައިހުރި ޑިމޮކްރަޓިކް މުއައްސަސާތަކުގެ ހައްގުގައި ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރަކުވަނީ ވަރަށްބޮޑު ގުރުބަނީއެއް ވެފައި ކަމަށެވެ. އެއީ ހަނދާން ނައްތާލައިގެން ތިބެވޭނޭވަރުގެ ކަމެއްނޫން ކަމަށާއި، އެބޭފުޅުން ތަފާތު އޮފާތައް ހުށަހަޅުއްވައިގެން އަލުން ޕީއެމަށް ގެންދިޔުމަށްޓަކައި ރައީސް ޔާމީންގެ ފަރާތްޕުޅުން ކެނޑިނޭޅި މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް އެބޭފުޅުން ޖަލުގޮޅީގައި އެ ތިއްބެވީ ޖުލުން ނުކުންނެވިދާނެ ގޮތެއް ނެތިގެން ނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ.