'އަހާ' ފޯރަމްގެ 11 ވަނަ ބައްދަލުވުން ބާއްވައިފި

ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕަބްލިކް ސަރވިސް މީޑިއާ (ޕީ.އެސް.އެމް) ގުޅިގެން ކުރިއަށްގެންދާ 'އަހާ' ފޯރަމްގެ 11 ވަނަ ސިލްސިލާ ބައްދަލުވުން ރޭ ބާއްވައިފިއެވެ.

މިއީ ރައްޔިތުންނަށް ސަރުކާރުގެ ސިޔާސަތުތައް ސާފުކޮށްދެއްވުމަށާއި، ދައުލަތުގެ ވަޒީރުންނާ ސުވާލުކުރުމުގެ މާޙައުލެއް ތަނަވަސްކޮށްދިނުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެން ކުރިއަށްގެންދާ ސިލްސިލާ ފޯރަމެކެވެ.

މި ބައްދަލުވުމުގެ ވަޒީރުންގެ ޕެނަލުގައި ބައިވެރިވެވަޑައިގަތީ، ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމާއި، ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑޮކްޓަރ އިސްމާޢީލް ޝަފީޢު އަދި ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބެވެ.

2 ގަޑިއެއްހާއިރަށް ލައިވް ޕްރޮގްރާމެއްގެ ގޮތުގައި ގެނެސްދޭ މި ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާ ވަޒީރުންނާ ކުރަން ބޭނުންވާ ސުވާލުތައް ފޮނުވުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލުމުގެ އިތުރުން، ފޯރަމް ކުރިއަށްދާ ތަނަށް ހާޒިރުވެގެން ސުވާލުކުރުމާއި، ޕީއެސްއެމް އެއަރ އެޕް މެދުވެރިކޮށް ސުވާލު ހުށަހެޅުމުގެ ފުރުޞަތުވެސް ހުޅުވާލައެވެ. މިގޮތުން، މިރޭގެ ބައްދަލުވުމުގައިވެސް، މިވަގުތު ހުރި ކަންބޮޑުވުންތަކާއި އެނޫންވެސް އެކި ކަންކަމާ ގުޅޭގޮތުން އާންމުން ވަނީ ގިނަ ސުވާލުތަކެއް ވަޒީރުންނަށް ހުށައަޅާފައެވެ. އަދި ރައްޔިތުންގެ ސުވާލުތަކަށް، ވަޒީރުން ވަނީ ތަފްސީލީ ގޮތެއްގައި އަދާހަމަ މައުލޫމާތު ހިއްސާކުރައްވާފައެވެ.

'އަހާ' ފޯރަމަކީ، ވެރިކަން ހިންގުމުގެ ނިޒާމު ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށްގެންދިއުމަށާއި، ރައްޔިތުންނާ ގާތުން ހުޅުވާލެވިފައިވާ ސަރުކާރެއް ޤާއިމުކުރުމުގެ އިތުރުން، ޢާންމުންގެ ޚިޔާލާއި މަޝްވަރާ ހޯދައި، ސަރުކާރުގެ ޖަވާބުދާރީވުން އިތުރުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން 2024 ވަނަ އަހަރު ތަޢާރުފުކުރެއްވި ސިލްސިލާ ފޯރަމެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.