މާފުށީ ޖަލުގެ ޤައިދީންނަށް ޚާއްސަކޮށް ފުޓްސަލް މުބާރާތެއް ފަށައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ މާފުށީ ޖަލުގައި ޙުކުމް ތަންފީޛުކުރަމުންދާ ޤައިދީންނަށް ޚާއްސަކޮށް “އިންމޭޓްސް ފުޓްސަލް ކަޕް 2026” އިއްޔެ ފަށައިފިއެވެ.

މިއީ ޕްރިޒަން ކްލަބާ ގުޅިގެން، ޤައިދީންގެ ދުޅަހެޔޮ ސިއްޙަތެއްގައި ބޭއްތިއްބުމަށާއި، ކުޅިވަރުގެ ތެރެއިން ޤައިދީން ރިހެބިލިޓޭޓްކުރުމަށް ރާވައިގެން ހިންގާ ޕޮރޮގްރާމްތަކާ ގުޅުވައިގެން ބާއްވާ މިފަދަ ދެވަނަ މުބާރާތެކެވެ.

މި މުބާރާތް އިފްތިތާހުކޮށްދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޞަބާޙްއެވެ. ޑެޕިއުޓީ ކޮމިޝަނަރ ގެ އިތުރުން، މާފުށީ ޖަލުގެ ޑިރެކްޓަރ، ޑެޕިއުޓީ ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް ޢަބްދުﷲ އަމީން، ޕްރިޒަން ކްލަބްގެ ރައީސް ޑެޕިއުޓީ ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް ޢަބްދުލ ޣަނީ، މާފުށީ ޖަލުގެ ސީނިއަރ މެނޭޖްމަންޓް އަދި އޮފިސަރުން މި ރަސްމިއްޔާތުގައި އަދި މެޗް ބައްލަވާލެއްވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

މި މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ޓީމް ޔުނިޓް 5ބީ އަދި ޓީމް ޔުނިޓް 3 އެކެވެ. އަދި މި މެޗް 0-1 ން ކާމިޔާބުކުރީ ޓީމް ޔުނިޓް 3އެވެ.

2026 ނޮވެމްބަރު 05 ން 2026 ނޮވެމްބަރު 25 އާ ހަމައަށް ކުރިއަށްދާ މިމުބާރާތްތުގައި 14 ޓީމަކަށް ބެހިގެންވާ ގޮތަށް 266 ޤައިދީން ބައިވެރިވެފައިވެއެވެ. އަދި މި މުބާރާތް ކުރިއަށްދާނީ 5 ގްރޫޕަކަށް ބަހައިގެން ލީގު އުސޫލުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.