ހައްޔަރު (3)

(16 ސެޕްޓެމްބަރ 2026 ގައި ޝާއިޢުކުރި ބަޔާގުޅޭ)

އޭނާގެ ދައްތަ ހަމަ ދެންމެ ބުނެފައިވާ އެއްޗެއް ހަނދާން ނެތުނީތޯ މުދައްސިރު ސުއާލު ކުރިއެވެ. މުދައްސިރުބޭބެއޭ ނުކިޔާ ސާހިބާއޭ ބުނަން ދައްތަ ލަފާދިންކަން ، މުދައްސިރު ހަނދާން ކޮށްދިނެވެ. ކަފިކަފިލާފައި އޮތް މަގެއްގެ ކުރުމަގެއް ހޯދައިގެން ދުވެފައި އައިސް އޭނާގެ ކާރުގެ ކުރިމައްޗަށް ތޮއްޔިބު އަރާނީ އާދަޔާޚިލާފު ކަމެއް އޮވެގެންކަން މުދައްސިރު ދެނެގަތެވެ. އެހެންކަމުން ، ހިނިތުންވެލާފައި ، އޭނާ ސަމާސާ ކޮށްލީކަމަށާއި ވެގެން އުޅެނީ ކީއްތޯ މުދައްސިރު ސުއާލު ކުރިއެވެ.

ކަންބޮޑުވާ ޒާތުގެ ކަމެއް ދިމާވެގެން ، ދައްތަ ކަންބޮޑުވެފައި ހުރީމަ ، ވާހަކައިގެ ބަހުރުވަޔާއި އަދަބުވެރިކަން ، މިއަދު ބަދަލުވެފައިހުރީކަމަށް ތޮއްޔިބު ބުންޏެވެ. އޭނާއާވެސް ދައްތަ މިއަދު މުޅިން ވާހަކަ ދައްކަނީ އެގޮތަށެވެ. ތޮއްޔިބު ދުވަމުން އެއައީ ، ދައްތަގެ ފަރާތުން މުދައްސިރުގެ ކިބައިން މަޢާފަށް އެދުމަށެވެ. ދެމީހުން އެ ވާހަކަ ދައްކަމުންގޮސް ، ޖާވިދު ކުރީ ދުވަހު އައި ވާހަކަޔާއި ކަން ހިނގައިދިޔަ ގޮތް މުދައްސިރަށް ތޮއްޔިބު ކިޔައި ދެވުނެވެ. އެކަހަލަ ކަމެއް ދިމާވީމާ ، އަމްދުން އަޅައިލާނެ މީހަކުނެތް ޒުވާން އަންހެންކުއްޖަކު ކަނބޮޑުވާނެކަން މުދައްސިރަށްވެސް އެނގެއެވެ.

ޚާންސާހަބާ އެންމެ ބޮޑަށް އިދިކޮޅު ދުޝްމަނަކަށް ހުންނަނީ ޖާވިދުގެ ބޭބެޔެކެވެ. އެއީވެސް ޖާވިދު ފަދައިން ގުންޑާއެކެވެ. މީހުންނާ ދެކޮޅުވެގެން އުޅެން ހަދައިގެން ޒުވާން ޢުމުރުގައި ފަޔަށް ލިބުނު ގެއްލުމެއްގެ ސަބަބުން އޭނާ ހިނގަނީ އަސާހިފައިގެން ކޮރުޖަހަމުންނެވެ.

ޖާވިދުއާ ބައްދަލުކޮށްލުމަށްޓަކައި ، ބޭބެއައި ދުވަހެކެވެ. އެންމެ ފުރަތަމަވެސް ޖާވިދު ، ބޭބެގާތުބުނީ އޭނާއަށް ކުއްޖަކު ދެކެ ލޯބި ވެވުނު ވާހަކައެވެ. އަދި ވަރަށް އަވަހަށް ، ދިހަވަރަކަށް ދުވަހުގެ ތެރޭގައި ކައިވެނިކުރަން ނިންމާފައިވާ ވާހަކައެވެ. އެވާހަކަޔަށް ބޭބެ ވަރަށް އުފާކުރިއެވެ. އެކަމަކު ބޭބެ އެއައީ ، ހިތާމަވެރި ޚަބަރެއް ހިފައިގެންނެވެ. ބޭބެގެ މީހުންގެ ތެރެއިން ތިންމީހަކު ، ޖާވިދުމެންގެ ދޮންމަންމަގެ ދޮށީދަރި ޝޭރުދިލް ގެ މީހުން އަނިޔާކޮށް މަރައިފިއެވެ. ބޭބެގެ މީހުން މެރީ ޝޭރުދިލްގެ ކިތައްމިހުންކަމެއް ޖާވިދުގާތު ، ބޭބެއެއް ނުބުނެއެވެ.

ޝޭރުދިލްއަކީ ވަރަށްބޮޑު އަނިޔާވެރިއެއް ކަމަށާއި ، ޖާވިދުގެ ނިޔާވެފައިވާ މަންމަޔަށް ، ވަރަށް އިހާނެތި ބަސްތައް ޝޭރުދިލް ރައްދުކުރިކަމަށް ބޭބެ ބުންޏެވެ. ބޭބެގެ ބަސްތަކުން ، ޖާވިދުގެ ހިތުގައި ޝޭރުދިލްގެ މައްޗަށް ކުރިން އުފެދިފައި އޮތް ރުޅިއާއި ނަފުރަތު އިތުރަށް ބޮޑުވިއެވެ. ޝޭރުދިލްއަކީ ޚާންސާހަބުގެ ވިޔަފާރީގެ ހުރިހާކަމެއް ބަލަހައްޓާ މީހާއެވެ. އެއީ ޚާން ސާހަބުގެ ހަގުއަނބީގެ އެންމެ ދޮށީ ދަރިއެވެ. ޖާވދުގެ ދޮންމަންމަގެ ދޮށީ ދަރިއެވެ. ދެމީހުންގެ މެދުގައި އަބަދުވެސް ޒުވާބާއި އަރައިރުން އޮވެއެވެ. ޖާވިދު ބޭނުންވަނީ ބައްޕަގެ މުދާ ބަހާފައި އޭނާއަށްވާބައި ދިނުމަށެވެ. އެހެންނަމަވެސް ، ބީބީޖާން އެކަމާ ދެކޮޅެވެ. ބީބީޖާން ބޭނުންވަނީ ޖާވީދަކީވެސް އޭނާގެ ދަރިއެއްގެ ގޮތުގައި ބަލައިގެން ހުރިހާކުދިންވެސް އުޅުމަށެވެ. ޖާވިދުގެ މަންމަ ނިޔާވިތަނާ ، ބީބީޖާން އާ ޚާން ސާހަބު ކައިވެނި ކުރިއިރު ، ޚާންސާހަބުގެ ހަމައެކަނިހުރި ކުއްޖަކީ ޖާވިދެވެ. ބީބީޖާންގެ ތިން ފިރިހެންކުދިންވެސް ހެދިބޮޑުވެގެން އައީ ޖާވީދާ އެކީގައެވެ. ބީބީޖާންގެ އެންމެ ބޮޑުކުއްޖާ ޝޭރުދިލް މީހަކާ އިންނަމަވެސް ދެންތިބި ދެކުދިން އަދި މީހަކާ ނީނދެއެވެ. އެންމެ ހަގު ޙިޖާޒީ އަދި ކިޔަވައި ނުނިމެއެވެ. އެކަމަކު ޙިޖާޒީ އުޅެނީ އެގޭގައި ބީބީޖާންގެ ދަރިއެއްގެ ގޮތުގައި ދިރިއުޅޭ އަވީއާ ރައްޓެހި ވެގެންނެވެ.

ޝޭރުދިލްގެ މައްޗަށް ޖާވިދުގެ ހިތުގައި ނަފުރަތު އުފައްދަމުންގޮސް ، ޝޭރުދިލްގެ މީހުންނަށް އަނިޔާކޮށް މަރައިލާނެކަމަށް ޖާވިދު ވަޢުދުވަންދެން ، ބޭބެގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ.

މުދައްސިރު އަނެއްކާވެސް ތޮއްޔިބާ ބައްދަލު ކުރިއެވެ. މިފަހަރު ކެފޭއަކު ނޫނެވެ. ކެފޭއާ ތަންކޮޅެއް ދުރުގައިހުރި ތަނެއްގައެވެ. އެދުވަހު ، މުދައްސިރުބޭބެ އައީ ، ދައްތަޔާ ބައްދަލުކުރާ ހިތުންތޯ ތޮއްޔިބު ސުއާލު ކުރިއެވެ. ތޮއްޔިބުގެ ސުއާލަށް ޖަވާބުދޭން މުދައްސިރު ބިރުގަތެވެ. އެކަމަކުވެސް އޭނާގެ ހިތުގައި އޮތް އެއްޗެއް ފޮރުވޭގޮތެއް ނުވިއެވެ.

ރާބިޔާ އޭނާއަށް ފުރަތަމަ ފަހަރަށް ފެނުނު އިރުން ފެށިގެން މުދައްސިރުގެ ހިތުގައި ، ރާބިޔާގެ މައްޗަށް ޚާއްޞަކަމެއް ދެވުނުކަމުގައި މުދައްސިރު އެއްބަސް ވިއެވެ.

މުދައްސިރު އެ ދުއްވާ ކާރަކީ އޭނާގެ އަމިއްލަ ކާރެއްތޯ ތޮއްޔިބު ސުއާލު ކުރިއެވެ. އާނއެކެވެ. އެއީ އޭނާގެ އަމިއްލަ ކާރެކެވެ. އެއްވެސް ވަޒީފާއެއް އަދާކޮށް މަހުމުސާރައެއް ލިބޭތޯ ތޮއްޔިބު ސުއާލު ކުރުމުން މުދައްސިރުގާތަށް ހިނިއައެވެ. އަމިއްލަ ގެޔެއް ހުރޭތޯ އެހުމުން އަދިވަކިން ބޮޑަށް މުދައްސިރުގާތަށް ހިނިއައެވެ. އޭނާ ވަޒީފާއެއް އަދާކުރާ ކަމަށާއި އުޅެނީ ކުއްޔަށް ނޫންކަމާ އަދި އަމިއްލަ ގެޔެއް ހުންނަ ކަމަށާއި ފުދޭވަރެއްގެ އާމްދަނީއެއް ލިބޭކަމަށް ބުނެ ، ތޮއްޔިބު އެ ސުއާލުތައް އެކުރަނީ ކީއްވެތޯ ސުއާލު ކުރިއެވެ.

ތޮއްޔިބަކީ ވަރަށް އާދައިގެ ވިލެޖް ހިސާބުގެ ކުއްޖެކެވެ. މީހުންނާ ދައްކަންވީ ވާހަކަ އާއި ނުދައްކަންވާ ވާހަކައެއް އޭނާއަކަށް ނޭނގޭނެއެވެ. ހިތްހެޔޮ އަޚުލާޤެއް ލިބިފައިވާތީ މީހުންނަށް ޤަދަރުކޮށް އިޙްތިރާމްކުރަން އެނގެއެވެ. އޭނާއަށް ލިބިފައިހުރި ކަމެއްވިއްޔާ ލިބިފައިހުރީ ރާބިޔާގެ ފަރާތުންނެވެ.

ތޮއްޔިބު އޭނާއާ އިންޓަވިއު އެކުރާ ސަބަބަކީ ކޮބައިތޯ މުދައްސިރު ސުއާލު ކުރިއެވެ. ސަބަބަކީ ކައިވެނިކަމަށް ތޮއްޔިބު ބުންޏެވެ.

" ރާބިޔާ ދައްތަ ، މުދައްސިރަށް ވަރަށް ކަމުދާ ވާހަކަ ބުނީމެއް ނޫންހެއްޔެވެ ؟ މީހުން ކައިވެނި ކުރަންވާނީ އެމީހަކު ހިތްއެދޭ މީހަކާއެވެ. އެހެން ވެއެވެ. " ތޮއްޔިބު ބުންޏެވެ.

މުދައްސިރުގެ ހިތުގައި ފުރަތަމަ ފަހަރަށް އޭނާއަށް އިހްސާސްވާގޮތަށް ލޯބީގެ ވިންދު ޖަހައިލިއެވެ. އޭނާއަށް ރާބިޔާ ވަރަށް ކަމުދާ ކަމަށް މުދައްސިރު އެއްބަސްވިއެވެ. ފުރަތަމަ ފަހަރަށް ރާބިޔާއާ ދިމާވީއްސުރެ އޭނާ އެއުޅެނީ ރާބިޔާގެ ތަސްވީރު އޭނާގެ ހިތުން ނުފިލައިގެންނެވެ. ދެވަނަ ފަހަރަށް އެ ކެފޭޔަށް އޭނާއަށް ދެވުނު އެންމެ ބޮޑު ސަބަބަކީވެސް އެއީއެވެ. އެކަމަކު އެ ދުވަހު އޭނާ އެތަނުން ނުކުތީ ދެވަނަ ފަހަރަށް އެތަނަށް ނުދާންކަމަށް ނިންމައިގެންނެވެ. ރާބިޔާގެ ޢަމަލުތައް ހުރި ގޮތުންނެވެ. އެކަމަކު ، މިހާރު އެއީ އެއްވެސް މައްސަލައެއް ނޫނެވެ. ރާބިޔާގެ ޢަމަލުތައް އެދުވަހު އެގޮތަށްހުރީ ކީއްވެގެންކަން މުދައްސިރަށް މިހާރު އެނގިއްޖެއެވެ. ރާބިޔާގެ ކޮއްކޮ ތޮއްޔިބުގެ ފަރާތުންނެވެ.

އެކަމަކު ، ކައިވެންޏަކީ އަދި އެހާ ކައިރީގައި އޮތް އެއްޗެއްނޫނެވެ. މުދައްސިރު އަދި އެއުޅެނީ ރާބިޔާއާ ރަނގަޅަށް ވާހަކަ ދައްކައި ނުލެވިގެންނެވެ. އެކަމާ ކަންބޮޑު ނުވުމަށް ތޮއްޔިބު ބުންޏެވެ. އެކަމަށް އޭނާ އޮތީ ގޮތެއް ހޯދާފައެވެ.

" ކައިވެނީގެ ދަޢުވަތު ހިފައިގެން މުދައްސިރު ބޭބެ ތަންކޮޅެއް އަވަހަށް އަންނާށެވެ ! ރާބިޔާ ދައްތަގެ ކައިވެނިކުރުވަން އަހަރެމެންގެ ބޮޑުބޭބެ އެ ހުންނަނީ ވަރަށް ބޭނުން ވެފައެވެ. ލަސްކޮށްފިއްޔާ ފުރުޞަތު ގެއްލިދާނެއެވެ. ލަސްވެއްޖިއްޔާ ރާބިޔާ ދައްތަގެ ކައިވެނި އެހެންމީހަކާ ކުރުވިދާނެއެވެ. " ތޮއްޔިބު ބުންޏެވެ.

އެކަމަކު ، އެކަކު އަނެކަކަށް ނޭނގިތިބެ ކައިވެނި ކުރާނީ ކިހިނެއްތޯ މުދައްސިރު ސުއާލު ކުރިއެވެ. ނުމެޢީދަކު ނުމެ ރޯދަޔަކު ، ދާގޮތަށްގޮސް ކައިވެނީގެ ވާހަކަ ދައްކައިފިއްޔާ ، ތޮއްޔިބުގެ ބޮޑުބޭބެ ހިތަށް އަރާނީ ކީކޭ ހެއްޔެވެ؟ ދެވަނަ ފަހަރަށް ދިމާވީމަވެސް ރާބިޔާއަށް އޭނާ އެނގުނުކަމަކަށް ނުހެދިއެވެ. ކައިވެނީގެ ވާހަކަ ދައްކައިފިއްޔާ ރާބިޔާ ކުރާނީ ކީއްކަމެއްވެސް ނޭނގެއެވެ. ޖާވީދަށް ހަދާލިގޮތް ތޮއްޔިބު އޮތީ ކިޔައިދީފައެވެ.

ޢިއްޒަތާއި ޝަރަފާއެކީ ކައިވެނީގެ ދަޢުވަތު ހިފައިގެން މުދައްސިރު ބޭބެ އައިއްސިއްޔާ ހުރިހާ ކަމެއްވެސް ރަނގަޅުވާނެއެވެ. ބޮޑުބޭބެވެސް އެއްވެސް މައްސަލައެއް ނުޖައްސާނެއެވެ. ޖާވީދުގެ ކިބައިން ސަލާމަތްވާން ލިބޭ ފުރުޞަތަކަށްވާތީ ، ރާބިޔާ ދައްތަވެސް މާބޮޑު މައްސަލައެއް ނުއުފައްދާނެއެވެ. ރާބިޔާ ދައްތަގެ މައްސަލައެއް އުޅެންޏާ ، ތޮއްޔިބާއި ބޮޑުބޭބެއާ ދެމީހުން އެކަން ހަމަޖައްސާނެކަމަށް ތޮއްޔިބު ބުންޏެވެ.

ތޮއްޔިބު ވަރަށް ހިތްވަރު ކޮށްފައި ، ބޮޑުބޭބެ އެކަނިއިން ވަގުތެއްގައި ، މުދައްސިރުގެ ވާހަކަ ބުނެފިއެވެ. ތޮއްޔިބުގެ ހިތަށް ފެންނަ ގޮތުގައި މުދައްސިރަކީ ވަރަށް މާތް މީހެކެވެ. އެކަމަކު ، އެހާ ރަނގަޅު ޚާންދާނެއްގެ ޤަދަރުވެރި ފިރިހެނަކު ، ރާބިޔާގެ ކައިވެންޏަށް އެދެންވީ ކޮންސަބަބަކާ ހުރެތޯ ބޮޑުބޭބެ ނުޢުމާން ސުއާލު ކުރިއެވެ.  އެވާހަކަ ދައްކަން ބޮޑުބޭބެޔާ ބައްދަލުކުރަން ، މުދައްސިރުބޭބެ އަންނާނެކަމުގައި ތޮއްޔިބު ބުންޏެވެ. ދައްތަގެ މައްޗަށް އޮތް އިޙްތިރާމާއި ޤަދަރު ، މުދައްސިރުބޭބެގެ ލޮލުން ، އޭނާއަށް އޮތީ ފެނިފައެވެ.

އެކަމަކު ނުޢުމާނަކަށް އެކަން ޤަބޫލެއް ނުކުރެވުނެވެ. ތޮއްޔިބު އެބުނާ މީހާ އޭނާއަށްވެސް އޮތީ ކެފޭއިން ފެނިފައެވެ. އެމީހުން އައީ ބޮޑުސިންގާ ޖީޕެއްގައެވެ. އެއީ ބަލާ ބެލުމަށްވެސް ކިޔަވައިގެން ތިބި އަދި ރަނގަޅު ޢާއިލާއެއްގެ ބަޔެކެވެ. އެފަދަ ބަޔަކާ ނުޢުމާނުމެންނާ އަޅުވައިކިޔުން އެއީ ހުވަފެނެއްފަދަ ކަމެކެވެ. އެމީހުންނާއި ނުޢުމާނު މެންނާ އުޑައި ބިމާހާ ތަފާތެވެ. މަޝްރިޤާއި މަޣްރިބުހާ ދުރެވެ.

ނުޢުމާނާއި ތޮއްޔިބާ ދެމީހުން ވާހަކަ ދައްކަން ތިއްބާ ، މުދައްސިރު އަންނަތަން ތޮއްޔިބަށް ދުރުން ފެނުނެވެ. މުދައްސިރު ބޭބެޔާ ހަމަޖެހިލައިގެން ވިސްނުންތެރިކަމާއެކީ ވާހަކަ ދައްކައްޗޭ ބުނެފައި މުދައްސިރަށް މަރުޙަބާ ކިޔަން ތޮއްޔިބު ދުއްވައިގަތެވެ. އަދި ސަލާމް ކޮށްލުމަށްފަހު ، މުދައްސިރު ބޭބެޔާ ބެހޭގޮތުން ބޮޑުބޭބެގާތު އޭނާ ވާހަކަ ދައްކައިލާފަ އޮންނާނެކަމަށާއި ، ހިތްވަރުކޮށްފައި ބޮޑުބޭބެޔާ ކައިވެނީގެ ވާހަކަ ދެއްކުމަށް ނަޞޭޙަތް ދެމުން ގެނެސް ބޮޑުބޭބެގާތުގައި މުދައްސިރު ބޭންދިއެވެ.

ނުޢުމާން ބޭނުންވީ ބޭރުގައި ތިބެގެން ވާހަކަ ދައްކައިލާށެވެ. އެކަމަކު އެ ގޮތެއް ތޮއްޔިބަކަށް ކަމަކު ނުދިޔައެވެ. މުދައްސިރުގެ އަތުގައި ހިފައިގެން ގެޔަށް ވައްދައި ސިޓިންގރޫމުގައި ބޭންދިއެވެ. އެއީ ފާރމްހައުސް އެއްކަހަލަ ގޮތަކަށް ރީތިކޮށް ހަދާފައިހުރި ބޮޑު ގެޔެކެވެ. މަޢާފަށް އެދި ފުރަތަމަވެސް ވާހަކަ ފެށީ މުދައްސިރެވެ. އެއީ އެކަން ކުރަން ތޮއްޔިބު ލަފާދީފައިވެސް އޮތް ގޮތެވެ. ބޮޑުބޭބެޔަށް އެވާހަކަ އިސްވެ ފަށަން ނުކެރޭނެކަން ، ތޮއްޔިބުގެ ޅަ ސިކުނޑިޔަށްވެސް ވިސްނުނެވެ.

" އަހަރެންގެ ކައިވެނީގެ ވާހަކަ އަމިއްލަޔަށް އައިސް ދައްކަން ވަރަށް ލަދުވެސް ގަނެއެވެ. އެކަމަކު ، އަހަރެންގެ މައިންބަފައިން ދުވަސްކޮޅެއް ކުރިންވަނީ ނިޔާވެފައެވެ. އެއްބަނޑު އެއްބަފާ ހުރީ ދައްތައެކެވެ. ކައިވެނި ކުރުމަށްފަހު ދައްތަ ދިރިއުޅެނީ ފިރިމީހާޔާއެކީ ސާރުޖާގައެވެ. ތޮއްޔިބު ބުނެފަ އޮތްގޮތުގައި ބޭބެގެ ޞިއްޙީ ޙާލަތު އެހާ ރަނގަޅެއްނޫނެވެ. ރާބިޔާގެ ކައިވެނި އަވަސްކޮށްލަން ބޭބެ ބޭނުންވަނީ އެހެންވެގެންކަމަށް ތޮއްޔިބު އޮތީ ބުނެފައެވެ. " މުދައްސިރު އޭނާގެ ވާހަކަ ކިޔައި ދިނެވެ.

ނުޢުމާނުއިނީ އަނގައިންވެސް ބުނަން ނޭނގިފައެވެ. ތޮއްޔިބުވެސް ކުޑައެއްކަމަކު ވަރަށް ހުޝިޔާރުކަން ނުޢުމާނަށް އެނގުނެވެ.

" އަހަރެން މިއައީ ، އަހަރެން އައުން ލަސްވެއްޖިއްޔާ ، ރާބިޔާގެ ކައިވެނި އެހެންމީހަކާ ކުރުވަން ބޭބެމެންނަށް މަޖުބޫރު ވެދާނެތީއެވެ. އަހަރެންވެސް މިހުރީ މީހަކާ އިންނަ ޢުމުރު ކަޓާ ހިސާބަށް ގޮހެވެ. " މުދައްސިރު އޭނާގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ.

ނުޢުމާން އަދިވެސް އިނީ ދައްކާނެ ވާހަކައެއް ނޭނގިފައެވެ. ލަދުވެތިކަމާއެކީ އެއްފަހަރު މުދައްސިރާ ދިމާލަށް ބަލައިލާނެއެވެ. އަނެއް ފަހަރު އެއްމިޔަކަނުން ހީލައިގެން އިނދެ ތޮއްޔިބާ ދިމާލަށް ބަލައިލާނެއެވެ.

" މިހާ ކުއްލި ގޮތަކަށް އަހަރެން އެކަނި އައިސް ކައިވެނީގެ ވާހަކަ ދެއްކީމަ ، ބޭބެއަށް އެހާއެހާއެއް ނުވާނެކަން އަހަރެންނަށްވެސް އެނގެއެވެ. އެކަމަކު ޔަޤީން ކުރާށެވެ ! އަހަރެންނަކީ ރަނގަޅު ޢާއިލާއަކުން އައިސްހުރި ރަނގަޅު މީހެކެވެ. އަހަރެންގެ ބައްޕަޔަކީ ، ސަރުކާރުގެ ޢިއްޒަތްތެރިޔެކެވެ. މަންމައާއި ބައްޕަޔާ ދެމީހުންވެގެން އަހަރެމެން ދެބެންނަށް ފުރިހަމަޔަށް ތަޢުލީމު ދީފައި ވެއެވެ. އަހަރެންނާއި ދައްތަޔާ ދެބެންވެސް މިތިބީ މާސްޓަރޒްއާ ހަމަޔަށް ކިޔަވައިގެންނެވެ. ދައްތަ މީހަކާ އިނީ ސާރުޖާގައި ރަނގަޅު ވަޒީފާއެއްގައި އުޅެމުން ، ޕާކިސްތާނުގެ ރަނގަޅު މީހަކާއެވެ. ދެމީހުންވެސް އުޅެނީ ވަރަށް ރަނގަޅު ވަޒީފާގައި ސާރުޖާގައެވެ. އަހަރެން ދިރި މިއުޅެނީ އިސްލާމްއާބާދުގައެވެ. އަދި ގޭގައި މިއުޅެނީ އެކަންޏެވެ. އަހަރެން ކިޔެވީ ސިވިލް އިންޖިނިއަރިންގެ ދާއިރާއިންނެވެ. ކިޔެވުން ނިމުނުތަނާ މާ ގިނަ ދުވަހެއް ނުވެ ވަޒީފާވެސް ލިބިއްޖެއެވެ. އަހަރެން މިދުއްވަނީ އަމިއްލަ ކާރެކެވެ. ގެ އަދިހުރީ ބައްޕަގެ ނަމުގައެވެ އެކަމަކު ދައްތައެއް ގެ ހޯދާކަށް ނާންނާނެއެވެ. ދައްތަ ދިރިއުޅެނީ ޔޫއޭއީގައި ސާރުޖާގައެވެ. އެދެމަފިރިންނާއި ޢާއިލާ މިހާރު ދިރިއުޅެނީ ސާރުޖާއިން އެޕާޓްމަންޓެއް ގަނެގެން އަމިއްލަ އެޕާޓްމަންޓް ގައެވެ. ދައްތަޔަށް މިހާރު ދެކުދިން ލިބިއްޖެއެވެ. މަހުމުސާރަޔަށް ރަނގަޅު ޢަދަދެއް ލިބެއެވެ. މަސައްކަތްކުރާ ދާއިރާގެ ގޮތުން ، އެ ދާއިރާއިން ކިޔަވާ މީހުން މަދުވީމަ ، ވަޒީފާގެ ކުރިއެރުން ލިބުމުގެ ފުރުޞަތު ބޮޑެވެ. " މުދައްސިރު އޭނާގެ ވާހަކަ އެއްކޮށް އެއްނޭވައިން ނިންމައިލިއެވެ.

އޭރުވެސް ، ނުޢުމާން އިނީ އަނގައިން ބުނަން ނޭނގިފައެވެ. މުދައްސިރު ، ތޮއްޔިބާ ދިމާލަށް ބަލައިލިއެވެ. އެވަގުތު ތޮއްޔިބުގެ ބޮލާއި ލޮލުގެ އިޝާރާތުން ، އަސްލު ވާހަކަ ބުނަންވީ ވަގުތު އައިއްސިކަމަށް ބުނެ ތުންތަޅުވައިލިއެވެ.

" ބޭބޭއެވެ ! "

މުދައްސިރަށް އަނގަ ހުޅުވައިލެވުނުތަނާ ގެޔަށް އައިސް ރާބިޔާ ވަންނަނީއެވެ. ރާބިޔާއަށް މުދައްސިރު އޭނާގެ ގޭތެރޭ އިންތަން ފެނުމާއެކީ ދެލޯ ބޮޑުވިއެވެ. އެހެން މީހަކަށް ރާބިޔާއެއް ނުފެނެއެވެ.

" އަހަރެން މިއައީ ބޭބެގެ ރާބިޔާގެ ކައިވެނީގެ ދަޢުވަތު ހުށަހަޅާށެވެ ! ރާބިޔާއާ އަހަރެން ކައިވެނިކުރަން ބޭނުމެވެ. " މުދައްސިރަށް އެހެންބުނެވުނު އިރު ، ރާބިޔާއަށް ހުރީ ގޭތެރެޔަށް އެއްކޮށް ވަދެވިފައެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. ފާރޫޤަށް ވަނީ 2023 ވަނަ އަހަރު ދިވެހިބަހާއިއަދަބިއްޔާތުގެ ދާއިރާއިން، ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން ހިތްވަރުދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.