(19 އޮގަސްޓް 2026 ގައި ޝާއިޢުކުރި ބަޔާގުޅޭ)
ރާބިޔާއާ އަޅައިގަނެގެންއުޅޭ އަފްސަން ޚާންގެ އެއްބަފާބޭބެ ޖާވިދުގެ ކެތްތެރިކަން ކޮޅުންލައި ، ބިޔާ ކެފޭއަށް ދިއުން ގިނަކޮށްފިއެވެ. އަދި އެންމެ ފަހުން ރާބިޔާއާ ކައިވެނި ކުރުމަށް ކައިވެނީގެ ދަޢުވަތު ހިފައިގެން ކެފޭއާ ޖެހިގެން ހުންނަ ރާބިޔާމެންގެ ގެޔަށް ދިޔައެވެ. ޖާވިދު އެގެޔަށްގޮސް ބޭރުދޮރުގައި ޓަކިޖެހިތަން ، ބިޔާކެފޭގައި ރާބިޔާ ގެންގުޅޭ އޭނާގެ ކޮއްކޮ ތޮއްޔިބަށް އެކަލޭގެ ފެނުނެވެ. އޭނާ އަޅައި އިތިކޮށް ދުއްވައިގަތެވެ. ރާބިޔާއަށް އެ ޚަބަރު ދިނުމަށެވެ. އޭރު ގޭގައި އުޅެނީ ރާބިޔާގެ ބޭބެ ނުޢުމާން އެކަންޏެވެ. ނުޢުމާން މެންދުރު ނަމާދުން ފޭބިތަނާ ، ދޮރުގައި ޓަކިޖެހީމަ ހުޅުވައިލިއިރު ، ކުރިމަތީގައި އެތިބީ ޖާވިދުގެ މީހުންނެވެ. ކައިވެނީގެ ދަޢުވަތު ހިފައިގެން އައި އެ ގްރޫޕުގެ ކޮންމެ މީހެއްގެ އަތްދަނޑިމަތީ ދޮލަނގެއް އޮތެވެ. ރަންރިއްސާއި ޖަވާހިރާ އަދި ފޮނިކާ އެއްޗިއްސެވެ.
ނުޢުމާން އަނގަހުޅުވިފައި ހުއްޓައި އޭނާގެ އަތުގައި ހިފައި ގޭތެރެޔަށް ވަންނަން ޖާވިދު ހިފައިލުމާއެކީ ، ނުޢުމާނުގެ ސަލާމަތުން އޮތް އަތުން ، ގޭގެ ދޮރު ލައްޕައިލިއެވެ. ރާބިޔާވެސް އޭރު ދުވަމުން އައިސް ގޭގެ ފުރަގަހުން ގޭތެރެޔަށް ވަދެއްޖެއެވެ.
އެއީ ކޮންކަމެއްތޯ ނުޢުމާން ސުއާލު ކުރިއެވެ. އެއީ މެޓަޔާއި ޖަވާހިރާ އަދި ރަނާ ރިހީގެ ގަހަނާ ކަމަށް ޖާވިދު ބުންޏެވެ. އެއީ އުފާވެރ އައުމެއްކަމަށްވާތީ ހުސްއަތާ އަންނަން ޖާވިދު ބޭނުން ނުވީއެވެ. ޖާވިދު އެއައީ ، ރާބިޔާގެ ކައިވެންޏަށް ދަޢުވަތު ހިފައިގެންނެވެ. ރާބިޔާގެ ކައިވެނިކުރަން ނުޢުމާނުމެން އަދި ބޭނުން ނުވާކަމުގައި ނުޢުމާން ބުންޏެވެ. ޖާވިދުގެ ޠަބީޢަތުގައި ހުންނަ ހަރުކަށިކަމެއް މިއަދަކު ނުފެނެއެވެ. އޭނާ އައިސް އެހުރީ ރާބިޔާގެ ކައިވެންޏަށް އެދިގެންނެވެ. އެހެންކަމުން އެފަދަ ޙާލަތެއްގައި ހަރުކަށިކަން މަސައްކަތް ނުކުރާނެކަން ޖާވިދަށްވެސް އެނގެއެވެ. ރުޅި ނައިސް ހިނިތުން ވެލައިގެން ހުރެ ނުޢުމާނާ ވާހަކަ ދެއްކޭތޯ ޖާވިދު މަސައްކަތް ކުރަމުން ގެންދިޔައެވެ. ނުޢުމާން ހުރީ ބިރުންގޮސް އަވަދިވާ ވަރު ވެފައެވެ.
ނުޢުމާނަށް ފޮނިކާއެއްޗެއް ދޭން ، ޖާވިދުހުރީ ހަނދާން ނެތިފައެވެ. އެތަނުން ފޮށްޓެއް ހުޅުވާލައިގެން އައިސް ، ނުޢުމާންގެ އަނގަޔަށް އެ އެއްޗެއް ލާން ޖާވިދު މަސައްކަތް ކުރަނިކޮށް ، ރާބިޔާއަށް އެތަނަށް އާދެވުނެވެ. ރާބިޔާ ފެނުމާއެކީ ، ސަލާމް ގޮވައިލުމަށްފަހު ، އޭނާ އެއައީ ރާބިޔާގެ ކައިވެންޏަށް އެދި ދަޢުވަތު ހިފައިގެންކަމަށް ޖާވިދު ބުންޏެވެ.
" އަހަރެންގެ ގެޔަށް އަންނަން ތިބާޔަށް ހިތްވަރު ލިބުނީ ކޮން ގޮތަކަށް ހެއްޔެވެ ؟ ތި ނުބައި ނުލަފާ ގުންޑާ އަހަރެންގެ ގެޔަށް އަހަރެންގެ ކައިވެންޏަށް އެދި އަންނަންޖެހޭނެ އެއްވެސް ސަބަބެއް ނޯންނާނެއެވެ. އަހަރެން މިއަދު ވާހަކަ ދައްކާނީ ތިބާގެ ބަހުރުވައިންނެވެ. " ރާބިޔާ ވާހަކަ ދައްކަމުން ގެންދިޔައެވެ.
މިއަދު ، މީނާއަށް މީނާގެ ފެންވަރު އަންގައި ނުދީފިއްޔާ ، މާދަމާ އައިސް ކޮންމެފަދަ ކަމެއްވެސް ކޮށްފާނެކަމަށް ބުނެ ރާބިޔާ ، އޭނާގެ ބޮޑުބޭބެ ނުޢުމާނާ މުޚާތަބު ކުރިއެވެ.
ޖާވިދުގާތަށް ރުޅިއަންނަގޮތެއް ނުވިއެވެ. އޭނާއާ ލޯބިން މުޚާޠަބު ކުރުމަށް ރާބިޔާގެ ކިބައިން ޖާވިދު އެދުނެވެ. އަދި އޭނާއަކީ ރާބިޔާދެކެ އިންތިހާއަށް ލޯބިވާމީހެއްކަމުގައި ބުނެ އެކައިވެނި ޤަބޫލުކުރުމަށް ، ރާބިޔާއަށް އާދޭސްކުރަން ފެއްޓިއެވެ. ޖާވިދާއެކު އައިމީހުންވެސް އެކަމަށް ހެކިވިއެވެ. ޖާވިދު އަބަދު ދައްކަނީ ރާބިޔާގެ ވާހަކަ ކަމަށާއި ، ރާބިޔާދެކެ ، ޖާވިދު އިންތިހާއަށް ލޯބިވާކަމުގައި އެމީހުންވެސް ބުނަމުން ގެންދިޔައެވެ. އެމީހުން އެދައްކާ ވާހަކަޔަކަށް ރާބިޔާ އަޅައެއް ނުލައެވެ. ޖާވިދާ ދިމާލަށް ބަލަހައްޓައިގެން ހުރެ ޖެހިލުމެއްނެތި އެއްޗެތި ކިޔަމުން ގެންދިޔައެވެ.
ރުޅިއައިސްހުރެ އޭނާއާ ވާހަކަދައްކަމުން ދަނިކޮށް ، އޭނާގާތަށް ރުޅި އައިއްސިއްޔާ އެހާ ރަނގަޅެއް ނުވާނެކަމަށް ޖާވިދަށް ބުނެވުމާއެކީ ، ރާބިޔާ ކުއްލިޔަކަށް މިނިކާވަގެއްހެން ޖާވިދާ ދިމާލަށް ފުންމައިގަތެވެ. ޖާވިދުގެ ރުޅިޔަކީ އޭނާ ޖެހިލުންވާނެ އެއްޗެއް ނޫނޭބުނެ ، ޖާވިދުގެ ގިރުވާނުގައި ހިފައި ކޮއްޕައި ހޫރައިލިއެވެ. އަދި ، ފަހަރަކު ދޮލަނގެއްނަގައި ، ޖާވިދު ގެނައި ހުރިހާ ދޮލަނގުތަކެއް އަތުގެ ކޮޅަށް ހޫރައި އުކަމުން ގެންދިޔައެވެ.
ޖާވިދުހުރީ ދެލޯ ބޮޑުވެގެންގޮސް ހަދާނެގޮތެއް ނޭނގިފައެވެ. އޭނާއާއެކީ އައި އޭނާ ގެންގުޅޭ ރައްޓެހިންނާއި ނޯކަރުންގެ ކުރިމަތީ ފަޟީޙަތްވަމުން ދިޔައިރު ، ދެއަތުގެ މުށްކެވުން ފިޔަވައި ރާބިޔާއާ ދެކޮޅަށް ކުރެވޭނެކަމެއް ނެތުނެވެ.
" ހަމަ މިހާރު މިގެއިން ނުކުމެގެން ދާށެވެ ! އަދި ދެވަނަ ފަހަރަށް މިބިމަށް ފައިއަޅާއިލަންވެސް ހިތަށް ނާރުވައްޗެވެ ! އަހަރެންނަކީ ކިހާވަރެއްގެ ކާކުކަން އަންގައިލާނަމެވެ. " ރާބިޔާ ހަޅޭއްލަވަމުން ގެންދިޔައެވެ.
ޖާވިދުގެ ހިތަށް ކުޅަދާނަ ނުވެގެން އެންމެފަހުން ރާބިޔާގެ ދެއަތުގައި ހިފައި ރާބިޔާގެ ގައިގައި ބައްދައިގަތެވެ.
ރާބިޔާ އެ ދައްކަމުން ގެންދާ ވާހަކަޔާއި ވާހަކައިގެ ބަހުރުވައާއި ރާގު އޭނާއަށް ކަމުނުދާކަމަށް ޖާވިދު ބުންޏެވެ. ޙަޤީޤަތުގައިވެސް ރާބިޔާދެކެ އޭނާ އިންތިހާއަށް ލޯބިވާ ކަމަށް ޖާވިދު ބުންޏެވެ. އޭނާ ބޭނުންވަނީ ރާބިޔާއާ ކައިވެނި ކުރާށެވެ ! ރާބިޔާދެކެ އޭނާއަށް ލޯބި ވެނުނުތާ ކިތަންމެ ދުވަހެކެވެ. އޭނާގެ ހިތުގައި ރާބިޔާގެ މައްޗަށް ލޯބި އުފެދުނީ ، ރާބިޔާގެ އަތުން އޭނާ ބުއި އެންމެ ފުރަތަމަ ކޮފީތަށްޓާ އެކީގައެވެ. ރާބިޔާގެ އެ ޢަމަލުތަކަށް އޭނާ ކެތްކުރަމުން އެ ގެންދަނީ އެ ސަބަބަށްޓަކައެވެ. އެހެން ނޫންނަމަ ، ރާބިޔާ މިހާރު އޮންނާނީ ބިންމައްޗަށް ވެއްޓި ހިރި ނުލެވޭވަރު ވެފައެވެ. އޭނާއަކީ އަސްލުގައިވެސް ގުންޑާއެކެވެ.
އޭރު ، ރާބިޔާގެ ފިރިހެންކޮއްކޮ ތޮއްޔިބު ، ޖާވިދުގެ ކޮނޑަށް އަރައި އޮވެ ، ޖާވިދުގެ ގައިގައި ތަޅަމުން ގެންދިޔައެވެ. ރާބިޔާ ދޫކޮށްލައި ، ތޮއްޔިބުގެ ކަރުގައި ހިފައި ޖާވިދުގެ އަތުގެ ކޮޅަށް އޭނާ ނެގިއެވެ. ނޭވާ ހާސްވެގެންގޮސް އެފަކީރު ކުކުރަމުން ގެންދިޔައެވެ. އެސޮރު މަރާނުލައި ދޫކޮށްލުމަށް ، ނުޢުމާނާއި ރާބިޔާ އެދެމުން ގެންދިޔައެވެ. ތޮއްޔިބު ބިންމަތީ ބަހައްޓައި ޖާވިދު ހަމަޖެހިލައި ، ރާބިޔާއާ ގާތަށް ޖެހިލިއެވެ.
" އަހަރެން އައީ އަހަރެމެންގެ ކައިވެނީގެ ތާރީޚާ ބެހޭގޮތުން ވާހަކަ ދައްކާށެވެ. އެކަމަކު އަހަރެން މިދަނީ އެ ވާހަކަ ނުދައްކައި ، އަހަރެމެންގެ ކައިވެނީގެ ތާރީޚު ކަނޑައަޅާފައެވެ. މިއަދުން ފެށިގެން ދިހަވަނަޔަށްވާ ދުވަހު ، ކައިވެނީގެ ރަސްމިއްޔާތު ބޭއްވުމަށްޓަކައި އަހަރެން އެނބުރި އަންނާނަމެވެ. ކައިވެނި ކޮށްދޭމީހުންނާއި ، އަހަރެންގެ ތިމާގެމީހުންނާވެސް އެކީގައެވެ. އޭގެ އިތުރަށް ކައިވެނީގެ ރަސްމިއްޔާތަށް ދަޢުވަތުލިބޭ އެތައްބަޔަކުވެސް އަންނާނެއެވެ. ވަލީމާ ބާއްވާނީ ބިޔާސް ކެފޭގައެވެ. ހަދާ ހުރިހާ އެއްޗެއްގެ އަގު އަދާކުރާނީ އަހަރެންނެވެ. ރާބިޔާ ކުރަންޖެހޭނެ އެއްވެސް ޚަރަދެއް ނުއޮންނާނެއެވެ. " ޖާވިދު ބުންޏެވެ.
މެންދުރު ކާންތިބެގެންވެސް ، ނުޢުމާނާއި ރާބިޔާ އަދި ތޮއްޔިބު ދައްކަމުން ގެންދިޔައީ ކުރީ ދުވަހު ޖާވިދު އައިސް އެ ހިންގި ޢުދުވާނުގެ ވާހަކައެވެ.
ދައްތަގެ މަރުމަތީ ، ރާބިޔާއާއި ތޮއްޔިބު ، ނުޢުމާނާ ޙަވާލުކުރިފަހުން ، އެ ދެބެން ބަލައި ބޮޑުކޮށް ދިރިއުޅުމެއް ހޯދައިދިނުމަށްޓަކައި ، ނުޢުމާންގެ މުޅި ދިރިއުޅުން އެވަނީ ޤުރްބާން ކޮށްފައެވެ. މީހަކާވެސް ނުއިނދެ ހުރެ ނުޢުމާންގެ މުޅި ދިރިއުޅުން ، ރާބިޔާއާއި ތޮއްޔިބަށްޓަކައި އެވަނީ ވަޤުފު ކޮށްފައެވެ. ބިޔާސް ކެފޭއަށް ޖާވިދު އަންނަ ކޮންމެ ފަހަރަކު ، ރާބިޔާއާ ފޮށޭތަން ނުޢުމާނަށް ފެނެއެވެ. ޖާވިދާ ދެކޮޅު ނުވުމަށާއި އިދިކޮޅަށް އެއްޗެއް ނުބުނެ އަޅައި ނުލުމަށް ނުޢުމާން އަންނަނީ އަބަދުވެސް ރާބިޔާއަށް ނަޞޭޙަތް ދެމުންނެވެ. އެކަމަކު ، ރާބިޔާ އެންމެ ތަންފުކެއްވެސް ދުލެއް ނުކުރެއެވެ. ޖާވިދަކީ މުޅ އެ ސަހަރަށް އެނގޭ ނުބައި ނުލަފާ ގުންޑާ އެކެވެ. ޚާންސާހަބުގެ ދަރިޔަކަސް ، ޚާން ސާހަބުގެ އެއްވެސް ކުއްޖަކާ ޖާވިދު ނުގުޅޭ ކަމާއި ، ޖާވިދު ގުޅިގެން އުޅެނީ ޚާން ސާހަބުގެ ޢާއިލާއާ އިދިކޮޅު މީހުންނާކަން އެންމެންނަށްވެސް އެނގެއެވެ.
ޖާވިދު ބޭނުމިއްޔާ ، ގަދަބާރުންވެސް ރާބިޔާއާ ކައިވެނި ކޮށްފާނެއެވެ. އެހެނަސް ، ރާބިޔާ އެކަން ޤަބޫލެއް ނުކުރެއެވެ. ރާބިޔާ މެންނަށް އެ މުސީބާތުން ސަލާމަތް ވެވޭނެ ކޮންމެވެސް ރަޙުމަތްފުޅެއް ﷲ މިންވަރު ކުރައްވާނެކަމަށް އޭނާ ޤަބޫލު ކުރެއެވެ. ﷲ ވޮޑިގެންވަނީ އެންމެންނާ އެކީގައެވެ. އަދި ﷲ އީ އެންމެހައި އިންސާނުން ރައްކާތެރި ކުރައްވާ އިލާހެވެ. ﷲ ވޮޑިގެންވަނީ އެމީހުންނާވެސް އެކީގައެވެ. ޖާވިދުގެ ކަންތަކާ ކަންބޮޑު ނުވުމަށް ބޮޑުބޭބެގާތު ރާބިޔާ ބުންޏެވެ.
ނުޢުމާނަށް ޤަބޫލު ކުރެވޭގޮތުގައި ޖާވިދުގެ ކިބައިން ސަލާމަތްވުމަށް އެމީހުންނަށް އޮތީ ހަމަ އެންމެ ގޮތެކެވެ. އެއީ ރާބިޔާގެ ކައިވެނި ދިހަދުވަސް ތެރޭ ކޮންމެވެސް މީހަކާ ކުރުވުމެވެ. އެހެންނޫނީ ޖާވިދުގެ އަނިޔާވެރިކަމުން އެމީހުންނަކަށް ސަލާމަތެއް ނުވެވޭނެއެވެ. އެއީ އެހާވެސް ނުބައި ނުލަފާ އަދި ނުރައްކާތެރި މީހެކެވެ.
އެކަމަކު ، ރާބިޔާއަށް ހީވާގޮތުގައި އެއީ އެކަމަށް އޮތް ޙައްލެއްނޫނެވެ. ޖާވިދުގެ ނުބައި ނުލަފާކަން ހުރި މިންވަރުން ، އޭނާއަކީ ދުވަހަކުވެސް ރާބިޔާ ދޫކޮށްލާނެ މީހެއްނޫނެވެ. ރާބިޔާ ކޮންމެ މީހަކާ އިނަސް އަދި ކޮންމެ ތާކަށް ދިޔަޔަސް ، ޖާވިދު އޭނާ ހޯދާނެއެވެ. އަދި ރާބިޔާގެ ދިރިއުޅުމަށް ދަތިކޮށް ހުރަސް އަޅާނެއެވެ.
އޭނާގެ އަމިއްލަ ނަފުސު ރައްކާތެރި ކުރެވޭނެކަމުގެ ޔަޤީންކަން ރާބިޔާއަށް އޮވެއެވެ. އެއީ ތަފާތު ކުއްޖެކެވެ. އިންތިހާއަށް ހިތްވަރު ގަދައެވެ. ބޮޑުބޭބެގެ ވާހަކަތަކުން އޭނާގެ ހިތްވަރު އެލިގެން ދާން ދޫކޮށް ނުލުމަށާއި އެނާއަށް އެކަމުގައި ހިތްވަރު ދިނުމަށް ރާބިޔާ އެދުނެވެ.
މުދައްސިރަކީވެސް ޚާންސާހަބުގެ ޢާއިލާއާ ގުޅުންހުރި މީހެކެވެ. އެންމެ ފުރަތަމަ ބިޔާސް ކެފޭއަށް އޭނާ އައި ދުވަހުވެސް ރާބިޔާގެ ގައިގައި އޭނާވެސް އަޅައި ގަތެވެ. އެދުވަހު އޭނާ ދިޔައީ ބާކީލާރިވެސް ބަހައްޓާފައެވެ. ތޮއްޔިބާއި ރާބިޔާއާ ދެބެން ކެފޭގައި މަސައްކަތް ކުރަމުން ގެންދަނިކޮށް ، ކާރެއް އައިސް މަޑުކޮށްލުމަށްފަހު އެފޭބީ މުދައްސިރެވެ. ތޮއްޔިބަށް އޭނާ ފާހަގަ ކުރެވިގެން ، އެއީ ބާކީލާރި ބަހައްޓާފައި ކުރީ ދުވަހު ދިޔަމީހާކަމަށް ބުންޏެވެ. ރާބިޔާ އެކަމަކަށް އަޅައެއް ނުލިއެވެ. މުދައްސިރު އައިތަނުން ރާބިޔާ ސަލާމް ގޮވައިލިއެވެ. އަދި ސާހިބާއޭ ބުނެ ތޮއްޔިބުވެސް މުދައްސިރަށް ސަލާމް ގޮވައިލިއެވެ.
ތޮއްޔިބުގެ ނަންގަނެ ، މުދައްސިރު ސަލާމް ބަލައިގަތުމަށްފަހު ، އޭނާއަށް ސާހިބާއޭ ނުކިޔައި މުދައްސިރުބޭބެ އޭ ކިޔުމަށް މުދައްސިރު އެދުނެވެ. އެއީ ، ރާބިޔާއަށް އެހާ ކަމުދިޔަ ކަމަކަށް ނުވިއެވެ. އެމީހުން އެތަނުގައި އެ ހިންގަނީ ވިޔަފާރީގެ ޙަރަކާތެއްކަމަށާއި ، ވިޔަފާރީގައި ޚިދުމަތް ހޯދަން އަންނަ ކޮންމެ މީހަކީ ބޭބެޔަކަށް ނުވަތަ ތިމާގެކަން އުފެއްދޭ މީހަކަށް ނުވާނެކަމަށް ރާބިޔާ ބުންޏެވެ. އެހެންކަމުން ، މުދައްސިރުވެސް ހިމެނޭގޮތަށް ، އެތަނަށް އަންނަ މެހެމާނުންނަށް އެމީހުން މުޚާތަބު ކުރާނީ ސާހިބާއޭ ނުވަތަ ސާހިބު ކަމަނާއޭ ކިޔާފައިކަމަށްވެސް ރާބިޔާ ބުންޏެވެ.
އެކަމާ ހިތްހަމަ ނުޖެހުމަށް މުދައްސިރު އެދުނެވެ. އޭނާ ކަންކުރާނީ އެތަނަށް އަންނަ މެހެމާނުންނަށް އެތަނުގެ ވެރިން ބޭނުންވާ ގޮތަކަށް ކަމަށް މުދައްސިރު ބުންޏެވެ. އެކަމާ ރާބިޔާ ރުޅިއެއް ނާދެއެވެ. އެތަނަށް ޒިޔާރަތްކުރާ މެހެމާނުންނަށް ކަމޭހިތުމާއެކީ އިޙްތިރާމްކޮށް ޤަދަރުކުރުމަކީ ރާބިޔާމެންގެ އާދައެވެ.
ކާރުދުއްވައިލަން ނުކުމެ އެއުޅެނީ ، ކުރާނެ މަސައްކަތެއް މިއަދު ނެތީމާތޯ ، މުދައްސިރާ ، ރާބިޔާ ސުއާލު ކުރިއެވެ. އެމީހުންގެ ރެސްޓޯރެންޓަށް އޭނާ އެއައީ ދެވަނަ ފަހަރުކަން ރާބިޔާ ފާހަގަ ކުރިއެވެ. އަދި ކުރިން އައިސް ދިޔަތާ އެހާ ގިނަ ދުވަހެއް ނުވާނެކަންވެސް ރާބިޔާ ފާހަގަ ކުރިއެވެ.
ކުރީ ދުވަހު އޭނާއަށް ލިބުނު ސައިތައްޓާ އަދި ހެދިކާ މީރުވެގެން ، އަލުން ޒިޔާރަތް ކޮށްލަން ބޭނުންވީކަމަށް މުދައްސިރު ބުންޏެވެ. ކުރީ ދުވަހު ލިބުނު ސަޔާ އަދި ހަމަ އެ ހެދިކާ މިއަދުވެސް ލިބިދާނެތޯ މުދައްސިރު ސުއާލު ކުރިއެވެ. އެހެނަސް ، މިއަދު އެތަކެތި ލިބޭކަށް ނެތެވެ. އަދި ތައްޔާރު ނުކުރެވެނީއެވެ. އެތަކެތި ކާން ބޭނުންކަމަށް ވަންޏާ އެހެން ހޮޓަލެއް ނުވަތަ ރެސްޓޯރެންޓަކަށް ގޮސް އެތަކެއްޗަށް އެދުމަށް ރާބިޔާ ބުންޏެވެ.
މުދައްސިރަށް ފާހަގަ ކުރެވިފައި އޮތް ގޮތުގައި ރާބިޔާމެން ހެދިކާ ތައްޔާރު ކުރަނީ ވަގުތުން ތާޒާކޮށެވެ. ކުރީ ދުވަހުވެސް އެތަކެތި ހުރީ ވަރަށް ތާޒާކޮށެވެ. މުދައްސިރުމެން އެދުނީމަ ، އެތަކެތި ތައްޔާރުކޮށްދިނީއެވެ. ކުރިން ހަދާފައި ހުރީކީ ނޫނެވެ. އެކަމަކު މިއަދު އެތަކެތި ހަދައިދޭކަށް ރާބިޔާ ބޭނުމެއް ނުވިއެވެ. އެތަކެތި ތައްޔާރުކުރަން ބޭނުންވާ ތަކެތި އެދުވަހު ކެފޭގައި ނެތީކަމަށް ބުނެ ، ރާބިޔާ އުޒުރަކަށްފަހު އުޒުރެއް ދައްކަމުން ގެންދިޔައެވެ. އެތަން ބަލަން ދުރުގައި ކަންބޮޑުވެފައި ތޮއްޔިބު ހުއްޓެވެ. އެއީ އެތަނަށް އަންނަ މެހެމާނުންނާމެދު ރާބިޔާ ، ކުރިން ކަންކުރާގޮތެއް ނޫނެވެ. ރާބިއާ އަދިވެސް އެހުރީ ، ޖާވިދު އައިސް ކުރީދުވަހު އެޖެހި ސަކަރާތަކާހުރެ ކަންބޮޑުވެފައިކަން ތޮއްޔިބަށް އެނގެއެވެ.
މުދައްސިރުވެސް ހުރީ ރާބިޔާ އެދޭ ޖަވާބާއި ރާބިޔާގެ ޢަމަލުތައް ހުރިގޮތުން ކަންބޮޑުވެފައެވެ. ރާބިޔާގެ ޠަބީޢަތް ރަނގަޅުތޯ މުދައްސިރަށް ސުއާލު ކުރެވުނެވެ. އެއީ އެވަގުތު ކޮށްގެން ނުވާނެ ސުއާލެއްކަން މުދައްސިރަށް ވިސްނުނީ ސުއާލުކޮށް ނިމުނު ފަހުންނެވެ. ނުބެހޭ ކަންކަމާ ނުބެހުމަށް ރާބިޔާ ބުނިތަނާއެވެ. މާޔޫސް ވެފައިހުރެ މުދައްސިރު ފަހަތަށް ހިނގަމުން ހިނގަމުން ގޮސް ކާރަށް އަރައި ދުއްވައިލިއެވެ. އެތަން ބަލަން ތޮއްޔިބު ހުރުމަށްފަހު ކެފޭގެ ވަލުދޮރޯށިން ނުކުމެ އޭނާވެސް ދުއްވައިގަތެވެ.
މުދައްސިރުގެ ކާރުގެ ކުރިމައްޗަށް ހުއްޓި މުދައްސިރުބޭބެއޭ ގޮވަމުން ކާރު މަޑުކުރުމަށް ތޮއްޔިބު އިސާރާތް ކުރަމުން ގެންދިޔައެވެ. މަގުގެ އެއްފަރާތަށް ކާރު މަޑުކޮށްލުމަށްފަހު ، ކިހިނެއްވީތޯ މުދައްސިރު ސުއާލު ކުރިއެވެ.
ތޮއްޔިބު އެއައީ ، ދައްތަޔަށް ވެފައިހުރި ގޮތް މުދައްސިރަށް ކިޔައިދޭށެވެ. ދައްތަޔަކީ ، ދުވަހަކުވެސް ކެފޭއަށް އަންނަ މެހެމާނުންނާ އެފާޑަށް ވާހަކަ ދައްކާ މީހެއްނޫނެވެ. ދައްތަގެ ރުޅިގަނޑު އަބަދުވެސް އޮންނާނީ ޖާވިދުގެ މައްޗަށެވެ. އެއީވެސް ދައްތަޔާ ފޮށޭތީއެވެ. އެކަމަކު ، މުދައްސިރުމެންފަދަ މާތް މީހުންނަށް ދައްތަ ޤަދަރު ކުރާނެއެވެ. ( ނުނިމޭ )
