މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރއިން ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، އެމީހުންގެ ލާބަޔަށް މަސައްކަތްކުރާ ފަރާތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން ދޭ "ރިވެލި އެވޯޑު 2026" އަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ.
ރިވެލި އެވޯޑަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު (8/2010) އާއި، އެފަރާތްތަކަށް އިޤްތިޞާދީ އަދި އިޖުތިމާޢީ ފުރުޞަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ "އޯގާތެރި މުޖުތަމަޢު" ގެ ސިޔާސަތުތައް ތަންފީޒުކުރުމަށްޓަކައި ހިންގޭ މުހިންމު ޤައުމީ ހަރަކާތެކެވެ. މި އެވޯޑު ދިނުމުގެ މަޤުޞަދަކީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އަގުވަޒަންކޮށް، އެފަރާތްތައް ބާރުވެރިކުރުވުމަށް މަސައްކަތްކުރާ ފަރާތްތަކުގެ ޚިދުމަތްތައް ފާހަގަކުރުމެވެ.
މި އެވޯޑުން ޙާޞިލްކުރުމަށް ބޭނުންވާ ނަޠީޖާ:
- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރި ކުރުވުން
- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، އެފަރާތްތަކުގެ ލާބަޔަށް އެކި ފަރާތްތަކުން މަސައްކަތްތަކުގެ އަގު ވަޒަންކުރުމާއި އެކަމަށް ހިތްވަރު ދިނުން
- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތަކާއި ބެހޭގޮތުން އާއްމުންގެ ތެރޭގައި ހޭލުންތެރިކަން އިތުރުކުރުން
- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބައިވެރިވުން އިތުރުކޮށް، އެފަރާތްތަކަށް މުޖުތަމަޢުގެ ދާއިރާތަކުން ފުރުޞަތުތައް ފަހިކޮށްދިނުން
- ނުކުޅެދެންތެރިކަން ހުންނަ ފަރާތްތަކުގެ އަމިއްލަ މިނިވަންކަމަށް ވަކާލާތުކޮށް، އެފަރާތްތަކުގެ ކުރިއެރުމަށް މަގުފަހިކުރުން
މި އެވޯޑު ދެވެނީ ޖުމްލަ 06 ކެޓަގަރީއަކުންނެވެ. މި ކެޓަގަރީ ތަކަކީ؛
- ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާ
- އެކި ގޮތްގޮތުން ދިވެހި ރާއްޖެއަށް ރީތި ނަމާއި ކާމިޔާބީތައް ހޯދައިދޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް
- ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް ތަޢުލީމް ފޯރުކޮށްދިނުމުގެ ދާއިރާ (ސަރުކާރު އަދި އަމިއްލަ ފަރާތްތައް)
- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚިދުމަތް ދިނުމަށް މަސައްކަތްކުރާ އަމިއްލަ ޖަމުޢިއްޔާ
- ފަންނީ އަދި ފަރުދީގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާ
- ނުކުޅެދުންތެރިކަން ހުންނަ މީހުން އިޤްތިޞާދީ ގޮތުން ބާރުވެރިކުރުމަށް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތައް (އަމިއްލަ ކުންފުންނި / ސަރުކާރު ހިއްސާވާ ކުންފުނި)
އެވޯޑު ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ޝަރުތުތައް އެކުލެވޭ ލިޔުމާއި އެޕްލިކޭޝަން ފޯމް އަދި އެވޯޑު ދިނުމުގެ އުޞޫލު މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ، އުމަރު ޒާހިރު އޮފީސް ބިލްޑިންގ ގެ ކައުންޓަރުންނާއި، މި މިނިސްޓްރީގެ ވެބްސައިޓް health.gov.mv އަދި މިނިސްޓްރީގެ ދަށުން އަތޮޅުތެރޭގައި ޤާއިމް ކުރެވިފައިވާ ފެމިލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރުތަކުން ލިބިވަޑައިގަންނަވާނެއެވެ.
ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމުތަކާއި ގުޅުންހުރި ލިޔުންތައް މިނިސްޓްރީގެ ކައުންޓަރަށާއި އަދި މެއިލް އެޑްރެސް disability@health.gov.mv އަށް ހުށަހެޅޭނެއެވެ. މި އެވޯޑަށް ކުރިމަތިލުމުގެ ސުންގަޑިއަކީ، 2026 އޮގަސްޓު 30 ވަނަ ދުވަހުގެ މެންދުރުފަހު 13:00 އެވެ.
"ރިވެލި އެވޯޑު" ފަދަ ޝަރަފުވެރި އެވޯޑެއް ދިނުމުގެ އެންމެ ބޮޑު މުހިންމުކަމަކީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީ މުޖުތަމަޢުގެ އެހެން ފަރާތްތަކެކޭ އެއްފަދައިން ހުނަރުވެރި، ޤާބިލު ބައެއްކަން ހާމަކޮށްދިނުމެވެ. މީގެ ސަބަބުން އެފަރާތްތަކަށް އޮންނަ އިތުބާރު ބޮޑުވެ، މުޖުތަމަޢުގެ ތަފާތުކުރުންތައް ކުޑަވެގެންދެއެވެ. އަދި މިދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ލިބޭ ހިތްވަރާއެކު، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދެވޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވެ، މުޖުތަމަޢުގެ ބައިވެރިވުން މިދާއިރާއަށް އިތުރުވެގެންދާނެއެވެ.
