ހުޅުމާލެ مسجد الشيخ قاسم بن ثاني (ގުއްބު މިސްކިތް) ގައި މިހާރު ކުރިއަށްދާ މަސައްކަތްތައް މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމާއި ހުޅުމާލެ ދެކުނު ދާއިރާގެ ކައުންސިލަރު އަޙުމަދު ޣާލިބު ބައްލަވައިލައްވައިފިއެވެ.
މި ޒިޔާރަތުގައި ޑެޕިއުޓީ މޭޔަރ މީކާއީލް މުޙައްމަދު ރިޔާޟް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މިސްކިތުގެ ގޯތިތެރޭގައި ކުރިއަށްދާ މުހިންމު މަސައްކަތްތަކުގެ ތަފްސީލު އެ ބޭފުޅުން ވަނީ އޮޅުންފިލުވައިފައެވެ.
މި މިސްކިތުގައި މިހާރު ކުރަމުންދާ، މިސްކިތުގެ ބޭރުގައި ވުޟޫކުރާ ބަޔަކާއި ފާޚާނާ ބަރިއެއް ހެދުމުގެ މަސައްކަތް ފެށިފަހުން، އެ މަސައްކަތް ހުއްޓާލުމަށް އިސްލާމިކް މިނިސްޓްރީން އަންގާފައިވާތީ، ފާޚާނާ ބަރި ހެދުމަށް މިސްކިތުގެ ގޯތިތެރޭގައި ކޮނެފައިވާ ތަނަށް ފަސްއަޅައި އެއްވަރުކުރުމުގެ މަސައްކަތެވެ. މި މަސައްކަތްތައް ޢަމަލީގޮތުން ކުރިއަށް ގެންދަނީ މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުންނެވެ.
މި މަސައްކަތާ ގުޅޭގޮތުން މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، "މިސްކިތުގެ ތެރޭގައި ފާޚާނާ ބަރި ހުރުމަކީ އެއްގޮތަކަށް ވެސް ރަނގަޅު ކަމެއް ނޫން" ކަމަށެވެ. މޭޔަރުގެ ވާހަކަފުޅުގައި މިސްކިތުގެ ހުރުމަތާއި ސާފުތާހިރުކަން ދެމެހެއްޓުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
ކައުންސިލަރު އަޙުމަދު ޣާލިބު ވިދާޅުވީ، މިސްކިތުގެ ތެރޭގައިވާ ފާޚާނާ ބަރިއާއި ވުޟޫކުރާ ބައި މިސްކިތުގެ ބޭރަށް ލުމުން، މިސްކިތުގައި ނަމާދުކުރަން އޮތް ޖާގަ ބޮޑުވެ، މިސްކިތް އިތުރަށް ފުރިހަމަވެގެންދާނެ ކަމަށެވެ. މީގެ ސަބަބުން ނަމާދަށް އަންނަ ފަރާތްތަކަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.
ހުޅުމާލެ ގްރޭންޑް މިސްކިތުގެ ނަމުން މަޝްހޫރުވެފައިވާ މި މިސްކިތަކީ 2006 ވަނަ އަހަރު ޢިމާރާތްކޮށްފައިވާ، 1800 އަށްވުރެ ގިނަ މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭ ވަރުގެ ބޮޑު މިސްކިތެކެވެ. މި މިސްކިތަކީ ފެހި ގަސްތަކުން ގޯތިތެރެ ޒީނަތްތެރިކޮށްފައިވާ، އަދި ސީލިންގުގައި ރީތި ޖިއޮމެޓްރިކް ޑިޒައިނެއް ހުންނަ ހިތްފަސޭހަ ބިނާއެކެވެ.
