މެރިއަޓް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ 3 ވަނަ ބުރުން 40 ކުދިން ދަސްވެނިވެއްޖެ

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމާ ގުޅިގެން ކުރިއަށްގެންދިޔަ "މެރިއަޓް އިންޓަރނޭޝަނަލް މޯލްޑިވްސް އެޕްރެންޓިސްޝިޕް ޕްރޮގްރާމް" ގެ ތިންވަނަ ބުރުން 40 އެޕްރެންޓިހުން ދަސްވެނިވެއްޖެއެވެ.
ޝެރަޓަން މޯލްޑިވްސް ފުލް މޫން ރިސޯޓް އެންޑް ސްޕާގައި ބޭއްވި މި ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލްއެވެ.
ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން އިސްނަގައިގެން، ވަޒީފާދޭ ފަރާތްތަކާ ގުޅިގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން ހިންގާ މަޝްރޫއެކެވެ. މީގެ ބޭނުމަކީ ދިވެހި ޒުވާނުންނަށް އަމަލީ ހުނަރާއި، ދާއިރާގެ ތަޖުރިބާގެ އިތުރުން ގައުމީ ފެންވަރުގައި ބަލައިގަންނަ ސަނަދުތައް ހޯދައިދިނުމެވެ. މި ޕްރޮގްރާމްގައި މަސައްކަތްތެރިކަމުގެ އަމަލީ ތަމްރީނުތަކުގެ އިތުރުން ކްލާސްރޫމް އަދި އޮންލައިން ކިޔެވުން ހިމެނޭތީ، މިއީ ތައުލީމާއި ވަޒީފާގެ ބާޒާރާ ދެމެދު ހުރި ފަރަގު ކުޑަކުރުމަށް ލިބޭ ބޮޑު ބާރެކެވެ.
މެރިއަޓްގެ މި ޕްރޮގްރާމްގެ ތެރެއިން ބައިވެރިން ވަނީ ފަތުރުވެރިކަމުގެ ދާއިރާގެ މުހިންމު ބައިތަކަކުން ތަމްރީނު ހާސިލްކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ:
  • ކޮމާޝަލް ކުކަރީ (ކައްކަން ދަސްކޮށްދިނުން)
  • ފުޑް އެންޑް ބެވަރޭޖް ސަރވިސަސް
  • ފްރަންޓް އޮފީސް ސަރވިސަސް
  • ހައުސްކީޕިންގ
  • ލޯންޑްރީ އޮޕަރޭޝަންސް
  • އިލެކްޓްރިކަލް އިންސްޓަލޭޝަން އެންޑް މެއިންޓެނަންސް
މި ޕްރޮގްރާމްގެ މިހާތަނަށް ބޭއްވުނު ތިން ބުރުން ޖުމްލަ 114 އެޕްރެންޓިހުން ވަނީ ތަމްރީނު ފުރިހަމަކޮށް ދަސްވެނިވެފައެވެ.
މި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް ވަނީ ދަސްވެނިވީ ހުރިހާ ކުދިންނަށް މަރުޙަބާ ވިދާޅުވެ، ޒުވާނުންނަށް ފުރުސަތުތައް ހޯދައިދިނުމުގައި ހުނަރު ތަރައްގީކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި އެޕްރެންޓިސްޝިޕް ޕްރޮގްރާމްތަކަކީ އަމަލީ ތަޖުރިބާ އާއި ދާއިރާއަށް ބޭނުންވާ ގާބިލުކަން ފޯރުކޮށްދީ، ޒުވާނުން ވަޒީފާގެ މާހައުލަށް ތައްޔާރުކޮށްދޭ މުހިންމު ވަސީލަތެކެވެ.
މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ޒުވާނުންގެ ތަރައްގީއަށާއި ހުނަރު އިތުރުކުރުމަށް ސަރުކާރުން ދެއްވާ އަހަންމިއްޔައްކަން ކޮމިޝަނަރ ފާހަގަކުރެއްވިއެވެ.
ކޮމިޝަނަރުގެ ވާހަކަފުޅުގައި، މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ހިންގުމުގައި ބައިވެރިވި މެރިއަޓް އިންޓަރނޭޝަނަލް މޯލްޑިވްސް، މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމް.އައި.ޓީ)، ޓްރެއިނަރުން އަދި މެންޓަރުންނަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ދިވެހި ހުނަރުވެރިން އުފެއްދުމަށާއި ގައުމީ ފެންވަރުގައި މަސައްކަތްތެރިން ބިނާކުރުމަށް އެފަރާތްތަކުން ދެއްވާ އެއްބާރުލުން ބަލައިގަންނަވާކަމަށް ވިދާޅުވިއެވެ.
މި ޕްރޮގްރާމްގެ ކާމިޔާބީ އެންމެ ބޮޑަށް ހާމަވަނީ ކުރީގެ ބުރުތަކުން ދަސްވެނިވި ކުދިންނަށް ވަޒީފާ ލިބިފައިވާ މިންވަރުންނެވެ. އެގޮތުން ފުރަތަމަ ދެ ބުރުން ދަސްވެނިވި 74 ކުދިންގެ ތެރެއިން 71 ކުދިންނަށް މިހާރު ވަނީ ރާއްޖޭގައި ހުރި މެރިއަޓްގެ އެކި ރިސޯޓްތަކުން ދާއިމީ ވަޒީފާ ކަށަވަރުވެފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.