ގެއްލުނު ލޯބި (22)

( އެންމެ ފަހުބައި )

( 20 މެއި 2026 ގައި ޝާއިޢުކުރި ބަޔާގުޅޭ )

ސައިމްއަށް ހިތްހަމަޖެހޭ ޙަޔާތެއް ނުލިބިގެން އެއުޅެނީ ، އޭނާއަށް އޭނާގެ މައިންބަފައިންނާމެދު ކަންކުރެވިފައިވާ ގޮތުންކަން ސައިމް އަށް އިޙްސާސް ކުރެވެން ފަށައިފިއެވެ. ބަނޑުއަޅައިވިހޭ މައިމީހާގެ ހިތަށް އަނިޔާދީފައި ، އެއްވެސް މީހަކަށް އުފަލެއް ޙައްޤެއްނޫނެވެ. އެއީ ، ނުކުރަން ހުރެފައިނަމަވެސް ، މައިމީހާއަށް ބަދު ދުޢާ ކުރެވިގެން ހިނގައިދާނެ ޙާލަތެކެވެ. މަންމަމެން ބުނި އެއްވެސްގޮތެއް ސައިމްއަށް ހެދިފައެއް ނުވެއެވެ. އެއާ ޚިލާފަށް ، މުޅިންވެސް ކަންކަން ކުރެވިފައި އޮތީ މަންމަމެންގެ ހިތަށް ތަދުވާފަދަ ގޮތްގޮތަށެވެ. ހަމަ އެކަނި ޒުބާގެ ކަންތަކުގައި އެކަންޏެއްނޫނެވެ. ކިޔެވުމުގައިވެސް ސައިމްއަކީ ކާމިޔާބު ކުއްޖެއްނޫނެވެ. ޒުބާ ކަހަލަ ހިތްއަލި ކުއްޖެއްނޫނެވެ. ކިޔަވައިގެން މަޤާމެއް ޙާޞިލްކޮށް ، މުޖުތަމަޢުގެ ލޯތްބާއި ޤަދަރު ލިބިގެންވާ މީހެއް ނޫނެވެ. އޭނާއަށް ލިބިފައި އޮތް މަޝްހޫރުކަމެއް ވިއްޔާ ލިބިފައި އޮތީ ، ލަވަޔާއި މިއުޒިކުންނެވެ. އެއީ ނުކިޔަވާމީހުންނަށް ހޯދޭ މަޤާމެއްކަމަށް ބަލާ ބަޔަކުވެސް މުޖުތަމަޢުގައި އުޅެފާނެއެވެ.

ސީމާބުގެ ހިތުގައި ސައިމްގެ މައްޗަށް އުފެދިފައި އޮތް ލޯބީގެ ފުންކަމުގެ ވާހަކަ ،  ވަރަށް ހިތްވަރުކޮށްފައި ސައިމްގާތު ޒުބާ ބުންޏެވެ. ސީމާބްގެ ޅަ ހިތަށް ތަދުކޮށްފައި ، އެފަދަ ގޮތަކަށް ސީމާބް ދޫކޮށްލުން އެއީ ސައިމްކޮށްގެންވާނެ ކަމެއްނޫނެވެ. ޒުބާއަށް ސައިމް ހަދާލިގޮތަށް ، އެހެންކުދިންނަށް ، ޚާއްޞަކޮށް ސީމާބަށް އެހެން ހަދައިފާނެކަމަކަށް ޒުބާ ހިއެއް ނުކުރެއެވެ.

ސައިމްގެ ހިތުގައި ސީމާބްގެ މައްޗަށް އެއްވެސް ކަހަލަ އިޙްސާސެއް ނެތްކަން ސައިމް ހާމަކުރިއެވެ. ސީމާބްގެ ހިތުގައި އޭނާއާމެދު އޮތް އެއްޗެއް ސައިމްއަކަށް ނޭނގެއެވެ. ސައިމްގެ މައްޗަށް ސީމާބްގެ ހިތުގައި ލޯތްބެއް އުފެއްދުމަށް ސައިމް އެއް އެއްވެސްކަމެއް ނުކުރެއެވެ.

" އަހަރެންގެ ހިތަކީ ، ސޭލްއަޅުވައިގެން ވިއްކާ އެއްޗެއްނޫނެވެ. އަހަރެންގެ ހިތްއޮތީ ވަކި މީހަކަށް ޚާއްޞަ ކުރެވިފައެވެ. އަދި ކުރިޔަށް އޮތްތާނގައިވެސް އެކަން އޮންނާނީ އެ ގޮތަށެވެ. އިރުއިރުކޮޅުން ކައިވެންޏަށް އަހައިގެން ގެޔަށް ކުދިން ގެންދަނީ އަހަރެންނެއް ނޫނެވެ. އަހަރެންނަށް ނުދިން ފުރުޞަތު އެންމެފަހުން ސަހީރަށްވެސް ދީފިއެވެ. " ސައިމް ބުންޏެވެ.

ސައިމްއާ ސީމާބާ ދެމެދުގައި ހިނގައިގެން އެއުޅޭކަމެއްގެ ޙަޤީޤަތް ، ޒުބާއަށް އެނގުމާއެކީ ، އޭނާ ޙައރާން ވިއެވެ. ޒުބާ ހީކޮށްގެން އެހުރީ ، ސައިމްގެ ހިތުގައިވެސް ސީމާބުގެ މައްޗަށް ޚާއްޞަކަމެއް އުފެދިފައި އޮތީ ކަމަށެވެ. އެކަމަކު ، އެ އޮޅުން އަރައިގެން އެއުޅެނީ ސީމާބަށެވެ. ސައިމްދެކެ ލޯބިވަނީ ސީމާބެވެ. ސައިމްއެއް ސީމާބުދެކެ އެއްވެސް މިންވަރަކަށް ލޯތްބެއް ނުވެއެވެ. ޒުބާގެ ލޯބި އަދި ގެއްލެން ކައިރިވެސް ނުވެއެވެ. އެ ލޯބި ގެއްލުނުކަމަށް ބަލައިގެން އެއުޅެނީ ޒުބާ އެކަންޏެވެ. ސައިމް    އެހުރީ އަދިވެސް ޒުބާއަށްޓަކައެވެ.

ގެޔަށް އައިސް ވަތްއިރު ، ޒުބާއަށްވެފައިހުރިގޮތް ފެނިފައި ، އެކަމާބެހޭގޮތުން ރޮޝްނާ ސުއާލު ކުރިއެވެ. ޕާކަށް ދިޔަތަނުން ސައިމްއާ ދިމާވީކަމުގައި ޒުބާ ބުންޏެވެ. އޭނާއަށް ހީވާގޮތުގައި ، އޭނާގެ ފަހަތުން އަޅައިގަނެގެން އުޅުން ސައިމް ހުއްޓައެއް ނުލާނެއެވެ. އޭނާ ދާނުދާ ތަންތަން ބަލަމުން އޭނާގެ ފަހަތުން އައިސް މިއަދުވެސް ، ޕާކަށް ދިޔައީއެވެ.

ރޮޝްނާއަށްވެސް ހީވަނީ އެހެންކަމަށް ހެންނޭބުނެ ، ޒުބާއާ ސަމާސާ ކޮށްލިއެވެ. އަދި އޭނާއަށްވެސް މިހާރު އެންމެ ރަނގަޅީ ، ސައިމް އެގޮތަށް ޒުބާފަހަތުން ދުވުންކަމަށްވެސް ބުންޏެވެ. ރޮޝްނާ އެކުރި ސަމާސާއަކީ ، ޒުބާއަށް ކަމުދިޔަ އެއްޗަކަށް ނުވިއެވެ. އޭނާގެ ހިތަށް އިތުރަށް ތަދުވެ ، ފެންކަޅިވުމާއެކީ ، އަވަސް އަވަހަށް ދުވެފައިގޮސް ކޮޓަރިޔަށް ވަނެވެ. އެދުވަހަކީ ، ޒުބާ ބޭރަށް ދިޔަތަނުން ، އެގޭގެ އެންމެން އެއްތަންވެ ޒުބާގެ ކައިވެންޏާ ބެހޭގޮތުން މަޝްވަރާ ކުރި ދުވަހެކެވެ. ރޮޝްނާގެ އެ ސަމާސާއަކީ ، އެ މަޝްވަރާގެ ނަތީޖާކަމުގައި ވެދާނެއެވެ.

ޒުބާގޮސް އެނދުގައި ޖައްސައިލި ތަނުން ، އޭނާގެ ބައްޕަ އައިސް ޒުބާއާ ވާހަކަ ދައްކަން ފެއްޓިއެވެ.

" ސައިމްގެ ފަރާތުން ވަރިވާން ދަރިފުޅު ބޭނުން ހެއްޔެވެ ؟ " ބައްޕަގެ ފަރާތުންވެސް ޒުބާއާ ކުރިމަތިވީ ސުއާލެކެވެ.

އެ ސުއާލަށް ދޭނެ ޖަވާބެއް ޒުބާއަކަށް ނޭނގެއެވެ. އެކަހަލަ ކަންކަމުގައި އަމިއްލަގޮތް ނިންމަން ޒުބާ މިހާރު ބިރުގަނެއެވެ. އެކަމުގައިވެސް ބައްޕަމެންނަށް ފެންނަގޮތެއް ހެދީމަ ރަނގަޅުވާނެކަމަށް ޒުބާ ބުންޏެވެ. މިފަހަރަކު އެހެންވާކަށް ނެތެވެ. މިހާރު އެއީ ތަފާތު ޙާލަތެކެވެ. ޒުބާގެ ކައިވެނި ކުރެވިއްޖެއެވެ. އެކަމަކު ، އެކައިވެނީގެ އެއްވެސް ރާހަތެއް ޒުބާއަކަށް ނުލިބެއެވެ. އެއީ ކުރިޔަށްދާން ފުރުޞަތު އޮތް ކުއްޖެކެވެ. ސައިމްގާތުން ވަރިވާން ބޭނުންތޯ އަނެއްކާވެސް ސަމީރު ސުއާލު ކުރިއެވެ.  ދެވަނަ ފަހަރަށްވެސް ޒުބާގެ ޖަވާބަކީ ، އެކަމުގައި ބައްޕަމެން ގޮތެއް ނިންމުމެވެ. ބައްޕަމެން ނިންމާ ކޮންމެ ގޮތެއްވެސް އޭނާއަށް އެންމެ ރަނގަޅެވެ.

" ބައްޕަގެ އިނގިލީގައި ހިފައިގެން ބައްޕަ ދާމަގުން ހިނގައި ބައްޕަ ބުނާގޮތް ހަދާ ޢުމުރުން ދަރިފުޅު މިހާރު ތިހުރީ ނައްޓާފައެވެ. ދަރިފުޅުގެ އަމިއްލަ ޙަޔާތުގައި ބައްޕަމެންނެއް އަބަދަކު ނުތިބޭނެއެވެ. އެއީ ދަރިފުޅު އަމިއްލަޔަށް ނިންމަންޖެހޭނެ ކަމެކެވެ. ބައްޕަމެން ނިންމާގޮތެއް  ޤަބޫލުކުރަން ހިތްހަމަ ޖެހޭކަމަށް ވަންޏާ މައްސަލައެއް ނެތެވެ. ބައްޕަމެން ނިންމާ ކޮންމެ ގޮތެއް ޤަބޫލުކުރަން ވާނެއެވެ. " ސަމީރު ބުންޏެވެ.

ޒުބާ ، އޭނާގެ ބައްޕަގެ އަތުގައި ހިފައިލިއެވެ. އަދި ބައްޕަމެން ނިންމާ ކޮންމެ ގޮތަކީވެސް އޭނާ ޤަބޫލުކުރާނެ ގޮތެއްކަމަށް ބުންޏެވެ.

ބައްޕަ އެތަނުން ނުކުމެގެން ދިއުމާއެކީ ، ޒުބާއަށް އަނެއްކާވެސް އެ ކުރެވުނީ މޮޔަކަމެއްކަމުގައި ، ޒުބާގެ ހިތް އޭނާއަށް ވިސްނައިދިނެވެ. ޙަޤީޤަތަށް ، ހިތުގައި އޮތްގޮތަށް ބުނަން އޭނާއަށް ލިބުނު ހަނި ފުރުޞަތުވެސް އެ ދޫކޮށްލެވުނީއެވެ. ސައިމްވެސް އަދި އޭނާގެ ޢާއިލާވެސް ދޫކޮށްލަން އޭނާގެ ހިތް ނޭދޭ ވާހަކަ ބައްޕަގާތުގައި ނުބުނެވުނީ ކީއްވެގެން ހެއްޔެވެ ؟ އެހެނަސް ، ދެން އޭނާގެ ގޮތް ބަދަލުކުރާކަށް ޒުބާ ބޭނުމެއްނޫނެވެ. ހިތާ ދެކޮޅަށްނަމަވެސް ، މިފަހަރު އޭނާ ހުންނާނީ ބައްޕަމެން ބޭނުންވާ ގޮތަކަށް ރުހިގެންކަމުގައި ޒުބާ ނިންމިއެވެ.

ސަމީރާއި ސަމީނާގެ މައްސަލަޔަކީ ، ދާނިޔަލް ، ސައިމްއާދޭތެރޭ ކަންތައް ކޮށްފައި އޮތް ގޮތެވެ. ސައިމްއަށް އެހާ އަނިޔާކޮށްފައި އޮއްވައި ދާނިޔަލްގެ މަތިން އެމީހުން ހަނދާން ނައްތައެއް ނުލާނެއެވެ. ރޮޝްނާގެ ޚިޔާލު އެ ދެމަފިރިންނާ ތަފާތެވެ. ފާއިޤާމެންނާ  ވާހަކަ ދެއްކީމަ ، ސައިމްގެ ޙައްޤުގައި ފާއިޤާމެން އެމީހުންނަށް މަޢާފުކޮށްފާނެއެވެ. އަދި އިތުރު ޙަޤީޤަތެއްވެސް ރޮޝްނާ އޭނާގެ މަންމައާއި ބައްޕަޔަށް ސާފުކޮށްދިނެވެ. ޒުބާގެ ހިތުގައި އަދިވެސް އޮތީ ސައިމްއެވެ. ބައްޕަމެންގެ ހިތަށް ތަކުލީފެއް ލިބޭގޮތަށް އެއްވެސް ކަމެއް ކުރަން ޒުބާ ބޭނުން ނުވަނީއެވެ.

މިއަދަކީ ، އެގެޔަށް ޚާއްޞަ މެހެމާނެއް އަންނަން ހަމަޖެހިފައި އޮތް ދުވަހެކެވެ. ރަނގަޅަށް ތައްޔާރުވުމަށް ޒުބާއަށް އޮތީ އެންގިފައެވެ. އެކަން އެހެންވެފައި އޮއްވައި ، ޝަހީރުގެ ފޯނެއް ޒުބާއަށް އައެވެ. ސައިމްއަށް ދައްކައިލުމަށްޓަކައި ނަމަވެސް ޒުބާއާ އޭނާ ކައިވެނިކުރަން ބޭނުންވާކަމުގައި ޝަހީރު އޮތީ ބުނެފައެވެ.

އަންނަން އޮތް މެހެމާން އައުމުން ، ޒުބާ ތިރިޔަށް އަންނަން އެންގުނެވެ. ޒުބާ ހީކުރީ އެގެޔަށް އައީ ޝަހީރާއި ޝަހީރުގެ މައިންބަފައިން ކަމަށެވެ. މަތީބުރިން ސިޑިން ފައިބަމުން ޒުބާއަށް ތިރި ބަލައިލެވުނު ތަނުން އޭނާއަށް ފެނުނީ ފާއިޤާއާއި އިބްރާހީމެވެ. ކަރާޗީން އޭނާއަށް ލިބުނު ކާފަވެސް އެތާ އިނެވެ. އެވަނީ ކިހިނެއްތޯ ރޮޝްނާއާ ޒުބާ ސުއާލު ކުރިއެވެ. ޒުބާ ހީކޮށްގެން ހުރީ އެގެޔަށް އައީ ޝަހީރު ކަމަށެވެ. އެހެނަސް ، ރޮޝްނާ ބުނިގޮތުގައި ، ޝަހީރުގެ މައިންބަފައިން ގުޅީމަ ، އެކަމަށް ބައްޕަ އިންކާރު ކުރީއެވެ. އަދި ، ފާއިޤާ މެންނަށް ގުޅައި މަޢާފަށް އެދިފައި ، ސައިމްއާ ޒުބާއާ ދެކުދިންގެ ކައިވެނި ހުށަހެޅީއެވެ. ޒުބާއަށް ލިބުނު އުފަލުގައި ރޮއިގެންފައި ރޮޝްނާގެ ގައިގައި ބައްދައިގަތެވެ.

ދާނިޔަލްހުރީ ސިޓިންގރޫމުގައި އެއްފަރާތަކަށް ޖެހިލައިގެން ކޮޅަށެވެ. ޒުބާ އެންމެ ފުރަތަމަވެސް ދިޔައީ ދާނިޔަލް ގާތަށެވެ. ދާނިޔަލްގެ މޫނުމަތިންވެސް ފެންނަނީ އުފާވެރިކަމެވެ. މަޢާފަށް އެދި ދާނިޔަލްގެ އަތް އުފުލައިލިއެވެ. އެވަގުތު ، ޒުބާގޮސް ، ދާނިޔަލްގެ ގައިގައި ބައްދާލާފައި ރޮއިގަތެވެ. އެތަނުގައި އެހެންބަޔަކުވެސް އެބަތިބިކަން ވިސްނުނީ ، މަންމަ ކަރުކެހިލި އަޑު އިވުމުންނެވެ. މަޑުމަޑުން ޒުބާ ހިނގައިގަތެވެ. ފުރަތަމަވެސް ދިޔައީ ބައްޕަގާތަށެވެ.

" މި ބައްޕަޔަށް ވިސްނައިނުލާ ދަރިފުޅުގެ ވިސްނުމާ ތަފާތު ގޮތަކަށް ކުރިން އޮތީ ޢަމަލު ކުރެވިފައެވެ. އެހެނަސް ، ދަރިފުޅުގެ ހިތްހަމަ ޖެހުމާއި އުފަލަށްނޫން ގޮތަކަށް އެއްވެސް ކަމެއް ކުރާކަށް ބައްޕަ ބޭނުމެއްނޫނެވެ. ދަރިފުޅުގެ ހިތް ގުޅިފައި އޮތީ ސައިމްއާކަން އެނގެއެވެ. " ސަމީރު ބުންޏެވެ.

އެއަށްފަހު ޒުބާ އޭނާގެ މަންމަ ގާތަށް ދިޔައެވެ. ޒުބާއަށް އޭނާގެ މަންމަގެ ގައިގައި ބައްދާލައިގެން އެތައް އިރަކު ހުރެވުނެވެ. އަނެއްކާވެސް ޒުބާއަށް އެތާ އެހެންބަޔަކުވެސް އަދިއެބަތިބިކަން އިޙްސާސްކޮށްދިނީ ، ފާއިޤާއެވެ. އެމީހުންނާ ޒުބާ ސަލާމްވެސް ކޮށްނުލާނަންތޯ ފާއިޤާ ، ޒުބާގާތު އެހިއެވެ.

ޒުބާގޮސް ، ދެލޯ ފުހެމުން ، އިބްރާހީމާއި ފާއިޤާއާ ދެމީހުންގެ މެދުގައި އިށީނދެލިއެވެ. އަދި އޭނާއަށް ކުރެވުނު ކަންކަމަށް މަޢާފުކޮށްދިނުންއެދި ، އިބްރާހީމާއި ފާއިޤާގެ ކިބައިން މަޢާފަށް އެދުނެވެ. ފާއިޤާ ، ޒުބާގެނެސް އޭނާގެ އުނގުގައި ބައިންދައި ޒުބާގެ ނިތްކުރީގައި ބޮސްދިނެވެ. އަދި ، އެމީހުންނަށްވެސް ޒުބާއަކީ ކޮން ކުއްޖެއްކަން އޮޅުނީކަމަށް ބުނެ ، ފާއިޤާވެސް ޒުބާއާއި އެގޭގެ އެންމެންގެ ކިބައިން މަޢާފަށް އެދުނެވެ. ފާއިޤާގެ ބައްޕަ ، ޒުބާމެންގެ ކާފަޔަކީ ، އެދެމަފިރިންނަށް ޒުބާ ދަސްކޮށްދިން ޝަޚްޞުކަމަށް ބުނެ ، ހާރޫނާ ދިމާލަށް ފާއިޤާ ބަލައިލިއެވެ. ޒުބާވެސް ، ކާފަޔަށް ޝުކުރު އަދާކުރިއެވެ.

އިބްރާހީމާއި ޒުބާ އަދި ފާއިޤާއާއި ހާރޫނު

އެ ރަސްމިއްޔާތު ނިމިގެންދިޔައީ ، ސައިމްއާއި ޒުބާގެ ކައިވެންޏަށް އެންމެންގެ ރުހުމާއި އާނބަސް ލިބުމާއެކީގައެވެ.

ސީމާބަށްވެސް ޒުބާގެ ކައިވެނީގެ ޚަބަރު ލިބުނެވެ. ސިތާރާ އޭނާގެ ދަރިފުޅަށް ވަރަށް ނަޞޭޙަތް ދިނެވެ. އޭނާގެ ޢާއިލާއާ ދެކޮޅަށް ފިރިމީހާގެ ގާތުން ވަރިވެގެން ، ސީމާބް ގޮވައިގެން ދުރު ހިސާބަކަށް އައިސް އެ އުޅުނީ ، އޭނާގެހުރި ހަމައެކަނި ދަރިފުޅު ސީމާބަކީ ، އޭނާފަދަ ހަރުދަނާ ކުއްޖަކަށް ހެދުމަށެވެ. ސިތާރާގެ އުއްމީދުތަކާއި ސީމާބްގެ މުސްތަޤްބަލަށް އޭނާ ދެކެމުން އައި ފޮނި ހުވަފެންތަކުގެ ވާހަކައިން ، ސީމާބްގެ ހިތަށް ތަސައްލީ ލިބިގެން ދިޔައެވެ.

ކައިވެނީގެ ރަސްމިއްޔާތު ބޭއްވުމަށް ގޭތެރޭގައި ވާހަކަ ދެކެވި މަޝްވަރާ ކުރެވެމުން ދިޔައެވެ. ޒުބާއާއި ސައިމްވެސް މިނިވަންކަމާއެކީ ބައްދަލު ކުރުމަށް ފުރުޞަތު ލިބިގެންދިޔައެވެ.

މަންމަގެ ވާހަކަތަކުގެ އަޑު އަހައި ، ސީމާބްގެ ހިތަށް ހަމަޖެހުމެއް ލިބޭނެގޮތަކަށް އޭނާގެ ދިރިއުޅުން ބަދަލުކުރުމަށް ސީމާބް ނިންމިއެވެ. މަންމަގެ އެހީތެރިކަމާއެކީ ، ޑުބާއީ ކުންފުންޏަކުން ރަނގަޅު ޕްރޮޖެކްޓެއް ހޯދައި ޑުބާއީއަށް ދާން ނިންމިއެވެ. އެހެނަސް ، ޑުބާއީއަށް ފުރުމުގެ ކުރިން ، އިސްލާމްއާބާދަށްގޮސް ، ޒުބާއާއި ސައިމްއަށް ސީމާބް މަރުޙަބާ ކިޔެވެ. އޭނާގެ ހިތް އެދެމީހުންގެ މައްޗަށް ހެޔޮކުރިއެވެ.

ސީމާބްގެ ހިތް އޭނާއަށް ކެހިދިނީކަމަށް ސީމާބް ބުންޏެވެ. އެހެންނަމަވެސް ، އޭނާއަށް މިހާރު އެހިތް ކޮންޓްރޯލް ކުރެވޭކަމަށާއި ، ސައިމްއަކީ ޒުބާގެ ޙައްޤެއްކަން ކުރިން އެނގުނުނަމަ ، އެހެން ނުވީސްކަމަށް ސީމާބް ބުންޏެވެ. އޭނާއެކޭ އެއްގޮތަށް އެކަމުގައި ޒުބާއާއި ސައިމްވެސް ސީމާބް ކުށްވެރި ކުރިއެވެ. އެ ދެމީހުންކުރެ އެކަކުވެސް ސީމާބުގާތު އެމީހުންގެ ވާހަކަ ނުދައްކާ އޮތީމައެވެ.

ކައިވެނީގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް ސީމާބް މަޑުކުރުމަށް ޒުބާ އެދުނެވެ. އެހެނަސް ، ސީމާބް އެއައީ އެރޭ އިސްލާމް އާބާދުން ނައްޓައިލާ ފްލައިޓަކުން ޑުބާއީއަށް ދާން ވެގެން ، ޒުބާއާ ބައްދަލުކޮށް ، ހިތްހެޔޮކޮށް ހެޔޮ ދުޢާކޮށްފައިނޫނީ ނުދާން ވެގެންނެވެ. ސީމާބް ހިފެހެއްޓޭތޯ ސައިމްވެސް އަދި ޒުބާވެސް ވަރަށް މަސައްކަތް ކުރިއެވެ. ސީމާބަށް އަލުން ޓިކެޓެއް ނަގައިދޭންވެސް ސައިމްހުރީ ތައްޔާރަށެވެ. އެކަމަކު ، ސީމާބަށް ލިބިފައި އޮތް ރަނުގެ ފުރުޞަތު ނަގައިލާކަށް ސީމާބް ބޭނުމެއް ނޫނެވެ. ސިތާރާވެސް އެދޭ ގޮތަކީ އެއީއެވެ. މިނިވަން ފުދުންތެރި ، ހިތްވަރުގަދަ ހަރުދަނާ އަންހެނަކަށް ސީމާބް ހެދުމަކީ ސިތާރާގެ ދިރިއުޅުމުގެ މަޤްޞަދެވެ. ސީމާބް މިހާރު ކުރިމަތިލައިގެން އެހުރީ ، މަންމަގެ އެ ހުވަފެން ޙަޤީޤަތަކަށް ހެދުމުގެ މަސައްކަތާއެވެ.

މާ ގިނަދުވަހެއްނުވެ ، ސައިމްއާއި ޒުބާގެ ކައިވެނި ކުރެވިއްޖެއެވެ. ޒުބާއަށް " ގެއްލުނު ލޯބި " އޭނާއަށް އަނބުރާ ލިބިއްޖެއެވެ. ސައިމްއާއި ޒުބާ ދިރިއުޅެމުން ގެންދަނީ ސައިމްގެ ގޭގައި ސައިމްގެ މައިންބަފައިންނާ އެކީގައެވެ. ޒުބާއަކީވެސް މިހާރު ޤަދަރުވެރި މަޝްހޫރު ޑޮކްޓަރެކެވެ. ސައިމްއަކީ ، މުޅި ޝަހަރަށް މަޝްހޫރު ލަވަކިޔުންތެރިޔެކެވެ. އެ ދެމީހުންގެ ޒަވާޖީ ޙަޔާތަކީ މިހާރު އެދެމީހުންގެ އެއްޗެކެވެ. އެހެން އެއްވެސް މީހެއްގެ ނުފޫޒެއް އެމީހުންގެ މައްޗަކަށް ނުވެއެވެ. ( ނިމުނީ )

މިހިސާބުން މިވާހަކަ މި ނިމުނީއެވެ. ޢިބްރަތްތެރި ފިލާވަޅުތަކެއް ލިބިގެންދިޔަ ވާހަކަޔަކަށް ވީކަމަށް ބަލަމުން ، ވާހަކަ ވިދާޅުވި އެންމެ ބޭފުޅުންނަށް ޝުކުރު ދަންނަވަމެވެ. އަދި ، ބަރަކާތްތެރި އަޟްޙާޢީދުގެ ހެޔޮއެދުމާއި ތަހްނިޔާ އަރިސްކުރަމެވެ.

وَالحَمْدُ لله رَبّ العَالَمِينْ . وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. ފާރޫޤަށް ވަނީ 2023 ވަނަ އަހަރު ދިވެހިބަހާއިއަދަބިއްޔާތުގެ ދާއިރާއިން، ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން ހިތްވަރުދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ.

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.