( 18 އެޕްރީލް 2026 ވަނަދުވަހު ޝާއިޢުކުރި ބަޔާގުޅޭ )
ކާރިސާއާއި ބަލިމަޑުކަމާ އަދި ދެކޮޅުވެރިކަން
މޮންގޯލްގެ ވެރިކަމުން 1219 ވަނައަހަރު ، ޚުވަރިޒަމް ( މިހާރުގެ އުޒުބަކިސްތާނުގެ ސަރަޙައްދެއް ) ހަލާކުކޮށް ނައްތައިލުމާ ގުޅިގެން ، އެ ސަރަޙައްދުގެ އަހުލުވެރިން ނުވަތަ މެދުތެރޭ ޔޫރޭޝިއާގެ ރައްޔިތުން އެކި ތަންތަނަށް ހިޖުރަކުރިއެވެ. މިކަމާގުޅިގެން ، ކެސްޕިއަން ކަނޑުގެ ވަށައިގެން ދިރިއުޅޭ އެކި ޖަމާޢަތް އަދި ޤަބީލާތަކަށް އެކަމުގެ އަސަރު ވަރަށްބޮޑަށް ކުރިއެވެ. މެދުތެރޭ އޭޝިއާގެ ޓާރކްމަންސް ނުވަތަ ، ތާރކްމެނިސްތާނުގައި ދިރިއުޅޭ އެތައްހާސް ބަޔަކު އެބައިމީހުންގެ ޢާއިލާތަކާއެކީ ހިޖުރަކުރަން މަޖްބޫރު ވިއެވެ. ޓާރކްމަންސްއަށް ނިސްބަތްވާ ދަރިފަސްކޮޅުގެ ބޮޑު އާބާދީއެއް ، އީރާނާއި އުޒްބަކިސްތާން އަދި އަފްޣާނިސްތާނުގައި މިހާރުވެސް ދިރިއުޅެމުން އެބަ ގެންދެއެވެ. އެ ޖަމާޢަތްތަކަކީ ، އެއްތަނުން އަނެއްތަނަށް ފަސޭހައިން ބަދަލުވާ އުޞޫލުތަކެއް ގެންގުޅޭ އަދި ހަނގުރާމައިގެ ހުނަރުވެރި ބަޔެކެވެ. ރޫމީ ނުވަތަ މަވްލާނާ ޖަލާލުއްދީން އަދި ޙާޖީ ބެކްތާސްގެ ދަރިފަސްކޮޅު މޮންގޯލްގައި އެ ހިނގި ދެކޮޅުވެރިކަމާ ގުޅިފައި އޮތްކަން ތާރީޚުން ސާބިތު ވެއެވެ.
ސިޔާސީގޮތުން މޮންގޯލްގެ ވެރިކަމަށް 1260 ވަނައަހަރު އެރި ލޮޅުމުގައި ދެކުނު ޙުޅަނގު ޔޫރޭޝީއާގައި ބާރުގަދަ ތިން ރަސްކަމެއް އުފެދިގެން ދިޔައެވެ. އެއީ ، ކަޅުކަނޑުގެ އުތުރުގައި ވޮލްގާ ވާދީގައި އުފެދުނު ރަސްކަމަކާއި އީރާނުގެ މެސޮޕޯޓަމިއާގައި އުފެދުނު އިލްޚާނިދްސް އެވެ. މި ދެރަސްކަމަކީ ، މޮންގޯލްއަށް ނިސްބަތްވާ ދެރަސްކަމެކެވެ. ތިންވަނަ ރަސްކަމަކީ ، ތިބްރީޒަކީ ވެރިރަށްކަމުގައި ކަނޑައެޅިގެން ކައުކަސްގައި އުފެދުނު ރަސްކަމެވެ. އެއީ މަމްލުކް ރަސްކަމުގެ ފެށުމެވެ. އެއީ ތުރުކީ ވިލާތުގެ ކިޕްޗަކަށް ނިސްބަތްވާ އަޅު އޮފިސަރުންތަކެއް އުފެއްދި ރަސްކަމެކެވެ. އެބައިމީހުންނަކީ އޭގެކުރިން 1250 ގައި ، މިޞްރުގައި އޮތް އައްޔުބިދްގެ ވެރިކަން އިންޤިލާބަކުން ނައްތައިލި ހަނގުރާމަވެރި ބަޔެކެވެ. މަމްލުކް ރަސްކަމުގެ ބާރު އޭރު އޮތީ ، ޢަރަބިއްޔާ އާއި ސޫރިޔާގެ އައްސޭރިފަށުގައްޔާއި މިޞްރުގައެވެ.
ދިޖްލަތު ކޯރާއި ފުރާތުކޯރު އަދި ދާނޫބް ކޯރު ވަށައިގެންނާއި އެ ކޯރުކޯރާ ކައިރީގައިވާ ، ސްލެވިކް ، ލެޓިން ، ގްރީކް ، އާރމީނިއާ އަދި ތުރުކީންގެ ނަން މަޝްހޫރު ރަސްރަސްކަލުންނާއި އަމީރުން އަދި ހަނގުރާމަވެރި ފަހުލަވާނުންގެ މެދުގައި މެދުނުކެނޑި ތަޅާފޮޅުމާއި ހަނގުރާމައާއި ހަމަނުޖެހުން ހިނގަމުން ދިޔައެވެ. އެއެންމެންގެވެސް މަޤްޞަދަކީ ޔޫރޭޝިއާގެ ވިޔަފާރީގެ ދަތުރުތައް ކުރެވޭ މަގުތަކުގެ ކޮންޓްރޯލް ނެގުމެވެ. އޭގެ ތެރެއިން ތުރުކީވިލާތަށް ނިސްބަތްވަނީ އަމީރުންނެވެ. އެއީ ހުޝިޔާރު އަދި ޙިކުމަތްތެރި ، ހަނގުރާމަވެރި ފަހުލަވާނުންނެވެ. ތުރުކީވިލާތަށް ނިސްބަތްވާ އަމީރުންކުރެ ، އެންމެ އަރާ ހުރި ނަންނަމަކީ ، ޢުޘްމާނާއި އޮރްހާނެވެ. އެކަމަކު ، އެންމެ ބާރުގަދަ ވެރިކަމަކީ ، ގްރީކްގެ ނިސާއޭ ސަރަޙައްދުގައި އޮތް ރަސްކަމެއްގެ ، ރަސްކަލެއްކަމުގައި ހުންނެވި މައިކަލް 8 އެވެ. އެރަސްގެފާނުވަނީ ، ލެޓިން ހަނގުރާމަވެރިންގެ އަތްދަށުން ، 1260 ގައި ކޮންސްޓެންޓިނަޕްލް ދެވަނަ ފަހަރަށް ހިފާފައެވެ. އެއީވެސް ގްރީކްގެ ރަސްކަމެއް އޮތް މުހިންމު ސަރަޙައްދެކެވެ. ފަހުގެ ތާރީޚެއްގައި ޢުޘްމާނީ ވެރިކަން ފުޅާވެ ، ކުދިކުދި ރަސްކަންތައް އެވެރިކަމުގެ ބާރުގެ ދަށަށް އައި އައުމުގައި މި ނިސާއޭ ސަރަޙައްދުވެސް ، ޢުޘްމާނީ ވެރިކަމުގެ ބާރުގެ ދަށަށް ގެނެވުނެވެ. އެތަން ފަތަޙަ ކުރެއްވީ ، ޢުޘްމާނީ ވެރިކަމުގެ އަމީރެއްކަމުގައިވާ ، އަދި އެ ވެރިކަމުގެ ދެވަނަ ރަސްގެފާނު އޮރްހާނެވެ. އެއީ އޮރްހާންގެ ބައްޕާފުޅު ޢުޘްމާނަށް ފަތަޙަ ނުކުރެއްވި އޮތް ތަނެކެވެ. އެތަން ފަތަޙަ ކުރެއްވުމަކީ ޢުޘްމާންގެ ހުވަފެންފުޅެކެވެ. ޢުޘްމާނީ ވެރިކަމުގެ ބާރުގެ ދަށަށް ނިސާއޭ ގެނެވުނީ ، ޢުޘްމާނު ރަސްގެފާނު އާލާސްކަންފުޅާ މަރުބަލީގައި އޮންނަވަނި ކޮށް ، އަމީރު އޮރްހާން ކުރެއްވި މަސައްކަތްޕުޅެއްގެ ނަތީޖާއިންނެވެ. އޭގެ ފަހުން މާގިނަ ދުވަހަކު ، ރަސްގެފާނު ޢުޘްމާން ދުނިޔެއަކު ނުއޮންނަވައެވެ. ދާދި އަވަހަށް އަވަހާރަ ވެއްޖެއެވެ.
ބައިޒެންޓީންގެ މަދަނީ ހަނގުރާމަ
ބައިޒެންޓީނަކީ ، އިރުމަތީ ރޯމަން އެމްޕަޔަރ އަށް ނިސްބަތްވާ ، ގްރީކްބަހުން ވާހަކަ ދައްކާ ، ޔަހޫދީންގެ ބޮޑު އާބާދީއެކެވެ. އެބައިމީހުންނަކީ ، ތުރުކީ ވިލާތުގެ އިސްތަންބޫލުން އުފެދު އާބާދީއެކެވެ. ހުޅަނގުގެ ރޯމަން އެމްޕަޔަރ ނެތިދިއުމަށްފަހު އެއްހާސް އަހަރުވަންދެން ، އެބައިމީހުންގެ ވެރިކަން ދެމިއޮތެވެ. އިސްތަންބޫލުގައި ދިރިއުޅުނުކަމަށްވިޔަސް އެބައިމީހުން ބަލަނީ އެއީ ރޯމަނުން ކަމުގައެވެ. އަދި ، އެބައިމީހުންގެ އާދަކާދައާއި ޤާނޫނުތަކަކީ ، ރޯމަނުންގެ އުޞޫލު ތަކެވެ. އެހެނަސް ، އެބައިމީހުންގެ ސަޤާފަތު މަޑުމަޑުން ގްރީކްގެ ސަޤާފަތަށާއި ، ގްރީކްގެ ނަޞާރާ އުޞޫލުތަކަށް ބަދަލުވަމުން ދިޔައެވެ.
އޮރްހާންގެ ވެރިކަން ފުޅާވިފުޅާވިހެން ، ބިޔަ އަދި ބައިގިނަ ބައިޒެންޓީނުގެ ތަޞައްވުރަށް އުނިކަންލިބި ، ގުޑުން އަރައިގެންދިޔައެވެ. ބައިނަލްއަޤްވާމީގޮތުންނާއި ، ނަޞާރާދީނުގެ ހަމަތަކަށް ، އެއީ ބޮޑު މައްސަލަޔަކަށް ވެގެން ދިޔައެވެ. މައިކަލް 8 ގެ ވެރިކަމުގެ ބާރުހިނގަމުން އައި ބޮޑު ސަރަޙައްދުގައި ގްރީކްގެ ޤާނޫނީ ނިޒާމް ތަންފީޛުކުރުމުގެ ނަތީޖާއެއްގެ ގޮތުން ، ބައިޒެންޓީންގެ ސަލާމަތާއި ރައްކާތެރިކަން ގިނަ ދުވަސްތަކަކަށް ކަށަވަރު ވެފައި އޮތެވެ. އެކަން ކަށަވަރުވެފައި އޮތީ ހަންގޭރީގެ ރަސްކަމާއި ކަޅުކަނޑުގެ އުތުރުގައި އޮތް މޮންގޯލް އަދި ގްރީކްގެ ވެރިކަމަށް ބައިޢަތު ހިފައި ޙިމާޔަތްތެރިކަން ލިބިގަތުމުގެ ސަބަބުންނެވެ. މީގެ އިތުރަށް ، ރޯމަނުންގެ ނަޞާރާ ފައްޅީގެ ޙިމާޔަތް ލިބިފައި އޮތުމުންނެވެ. އަވަށްޓެރި ރަސްރަސްކަމުގެ ކޮއިލުތަކާއެކު ، ކައިވެނީގެ ގުޅުމުން އުފެދިފައި އޮތް ސިޔާސީ މާޙައުލުގެ އަމާންކަންވެސް ، އެކަމުގައި މުހިންމު ދައުރެއް އަދާކުރިއެވެ. ހަންގޭރީގެ ރަސްގެފާނުގެ ނުވަތަ ޓާޓާޚާންގެ ދަރިކަނބަލުންފަދަ ، މުހިންމު ޝަޚްޞިއްޔަތުތައް ކައިވެނީގެ މިގުޅުމުގެ ތެރޭގައި ހިމެނުނެވެ.
އެހެންނަމަވެސް ، ސިޔާސީ މިގުޅުންތަކުން އެކަނި ބައިޒެންޓީންގެ ވެރިކަން ސަލާމަތެއް ނުކުރެވުނެވެ. ނާޞާރާ ފައްޅިތަކުގެ ބާރު ރޫޙާނީގޮތެއްގައި ފެތުރިގެންދިއުން ފިޔަވައި ، އެ ގުޅުންތަކުން އުފެދުނު ، ރަނގަޅު އެއްވެސް ކަމެއް ނެތެވެ. އެންމެފަހުންގޮސް ، މަދަނީ ބަސްނޭހުންތައް ޖަމާޢަތުގެ ތެރޭގައި އުފެދިގެންގޮސް ، ހަނގުރާމަޔަށް ބަދަލު ވިއެވެ. ހަނގުރާމަ ހޫނުވެގެން ފުޅާވެގެންދިޔައީ ، އޭރު ހުންނެވި އެމްޕެރަރ 1341 ގައި އަވަހާރަވުމާ ގުޅިގެންނެވެ. އެމްޕެރަރ އަވަހާރަވުމާގުޅިގެން ވެރިކަން ބަދަލުވީ 9 އަހަރުގެ ޖޯން 5 އަށެވެ.
ތުއްތު ، ޖޯން 5 ގެ ވެރިކަމަށް ތާއީދު ކުރުމުގައި ކޯޓު ދެބަޔަކަށް ބެހިގެން ދިޔައެވެ. އެމްޕެރަރގެ އަނބިކަނބަލުން އެމްޕްރެސް އޭން ، އެކަމަނާގެ ތުއްތު ދަރިކަލުން ޖޯން 5 ގެ ޙިމާޔަތުގައި ރޯމާ އެއްބައިވެ ވަޑައިގެންނެވުން އެއީ އެއްބަޔެކެވެ. އެބައިމީހުންގެ ފަތުވާގައިވާ ގޮތުގައި ، ލެޓިންގެ ވިޔަފާރީގެ ދަތުރުފަތުރުގެ މަގުތައް އަލުން އުފައްދައި އަތުރައިލުމުގައި ބައިޒެންޓީންގެ ދައުރު މުހިންމެވެ. އެކަން އެގޮތަށް ވެއްޖެނަމަ ، ގްރީކުގެ ނަޞާރާއިންގެ ތާއީދު އެމީހުންގެ މައްޗަށް އޮންނާނެއެވެ.
ޖޯން 5 ވެ ވެރިކަމާ ދެކޮޅަށް އޮތީ ، ކޯޓުގެ ޖެނެރަލުންކުރެ އަރާހުންނެވި ، ޖޯން ޗަންޓަކޫޒީނަސް އާއި އޭނާއަށް ތާއީދުކުރާ ޖަމާޢަތެކެވެ. ޖޯން 5 ގެ ވެރިކަމާ ދެކޮޅު މީޙުންގެތެރޭގައި ބޮޑު އާބާދީއެއް އޮތެވެ. އަދި ، ނަޞާރާ ފައްޅިތަކާ ގުޅުން ނުބޭއްވުމަށް ތާއީދުކުރާ އެތައްބަޔަކު އޭގެ ތެރޭގައި ހިމެނެއެވެ.

ބައިޒެންޓީނާ އެއްބައިވި މީހުން ، ކަޅުކަނޑުގެ ވަށައިގެންވާ ތުރުކީގެ ކުދިކުދި ވެރިކަމުގެ އަމީރުންނާއި އިޓަލީގެ އައްސޭރިފަށުގެ ސިޓީތަކާ އަދި އެބައިމީހުންގެ އަތްދަށުގައިވާ ތަންތަނާ އެއްބައެއްވަންތަކަން އުފެއްދުމަށް މަސައްކަތް ކުރިއެވެ. ތުރުކީގެ އަމީރު އޮރްހާނާވެސް އެމީހުން ގުޅިއެވެ. އެހެނަސް ، އޮރްހާންގެ ފަރާތްޕުޅުން އެކަށީގެންވާ ޖަވާބެއް ނުލިބުމާއެކީ ، އޮރްހާންގެ އަވަށްޓެރިންކުރެ ، ދެކުނުގެ ސަރަޙައްދުތަކުގެ މީހުންގެ އެހީތެރިކަން ހޯދުމަށް މަސައްކަތް ކުރިއެވެ. ކެންޓާކުޒީނަސް އަކީ ވިސްނުންތޫނު އަމީރެކެވެ. ތުރުކީގެ އޮރްހާންގެ ޚަބަރެއް ނުވީމަ ، ދެން ގުޅި އަމީރުންގެ ތެރޭގައި ޓްރޯޑް ހިމެނެއެވެ. އެހެންނަމަވެސް ޓްރޯޑްވެސް ކެންޓާކުޒީނަސްއާ އެއްބައެއް ނުވިއެވެ. އޭގެ ބަދަލުގައި ތުރުކީންގެ އެންމެ ބާރުގަދަ އަމީރުންގެ ތެރޭގައި ހިމެނޭ ، އައިދީންގެ އެހީތެރިކަން ކެންޓާކްޒީނަސް އަށް ލިބުނެވެ. ކެންޓާކްޒީނަސްއާ ގުޅުމުން ލިބުނު ހިތްވަރާއެކީ ، އައިދީންގެ ބާރު އިތުރަށް ފުޅާކުރުމަށް ނިންމައި ، އިޓަލީވިލާތުގެ ވިޔަފާރި މަރުކަޒުތައް އައިދީން ހިފިއެވެ. އެހެންނަމަވެސް ، ވެނިސްގެ ޕޯޕާއި ސައިޕްރަސްގެ ރަސްގެފާނު ގުޅިގެން ކުރި ހަނގުރާމައިގައި ، ކެންޓާކުޒީނަސްގެ އަތްދަށުގައިވާ ވިޔަފާރީ ބަނދަރުތަކުގެ އިތުރަށް މުހިންމު އެތައްތަނެއް ހިފިއެވެ. އެހިސާބުން ކެންޓާކުޒީނަސްގެ ބާރު ކެނޑި ބާކީވަމުން ދިޔައެވެ.
ކެންޓާކުޒީނަސް ދެން އެނބުރިގަތީ އޮރްހާނާ ދިމާލަށެވެ. އޭނާގެ ވެރިކަން ދެމެހެއްޓުމަށްޓަކައި އެހީތެރިކަން ހޯދުމަށެވެ. އެތައް ދުވަހެއްގެ ވާހަކަތަކަށްފަހު އެކަމަށް އޮރްހާން އެއްބަސްވިއެވެ. މި އެއްބަސްވުމާ ހަމަޔަށް އާދެވުނުއިރު ، ކެންޓާކުޒީނަސްގެ އަންހެން ދަރިކަނބަލުން ތިއޮޑޯރއާ އޮރްހާން ކައިވެނި ބައްލަވައިގަތެވެ. ކެންޓަކުޒީނަސްގެ ފިރިހެންދަރިއާއި އޮރްހާންގެ ފިރިހެންދަރިއާ ގުޅިގެން ، ދެހާސް ފަހުލަވާނުންގެ މައްޗަށް ހިމެނޭ ހަނގުރާމައިގެ ފުރިހަމަ ލަޝްކަރެއް އެކުލަވައިލިއެވެ.
ހަނގުރާމައިގެ މި ގުޅުމުގެ ތެރެއިން ، ބައިޒެންޓީންގެ ޒުވާން ރަސްގެފާނު ޖޯން 5 އާ ، ކެންޓަކުޒީނަސްގެ ތިންވަނަ އަންހެން ދަރިކަނބަލުން ހެލީނާގެ ކައިވެނިވެސް ކުރެވިގެން ދިޔައެވެ. ( ނުނިމޭ )
