އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ފަހުމީ އައްޔަންކޮށްފި

އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ހުސެއިން ފަހުމީ އައްޔަން ކުރައްވައިިފި އެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ބުނީ އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށާއި އެކުންފުނީގެ ބޯޑު މެންބަރުކަމުގެ މަގާމަށް ފަހުމީ އައްޔަންކޮށްފައި ވަނީ މިއަދު ކަމަށެވެ.

އެމްޑަބްލިޔުއެސްސީގެ މަގާމަށް އައްޔަން ކުރުމާއި ހަމައަށް ފަހުމީ ހުންނެވީ ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމުގައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު، 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމާ ވެސް ފަހުމީ ހަވާލުވެވަޑައިގެންނެވިއެވެ. ދޮޅު އަހަރު ދުވަހަށްފަހު އެ މަގާމުން ވަކިކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. ރައީސް އޮފީހަށް ފަހުމީ އައްޔަންކުރެއްވީ އެޔަށްފަހުއެވެ.

އެމްޑަބްލިޔުއެސްސީއަށް ފަހުމީ އައްޔަންކޮށްފައި މިވަނީ އެ މަގާމުގައި ހުންނެވި އަބްދުލް މަތީން މުހައްމަދު މިދިޔަ އާދިއްތަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

މި ސަރުކާރުން އެމްޑަބްލިއުއެސްސީ ގެ އެމްޑީކަމުގެ މަގާމަށް މަތީން އައްޔަންކުރީ، 28 ނޮވެމްބަރު 2023 ގައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.