ގެއްލުނު ލޯބި (14)

( 25 މާރިޗު 2026 ގައި ޝާއިޢުކުރި ބަޔާގުޅޭ )

ސައިމްއާއި ޒުބާ ފިލައިގެން ދިޔަޔަސް ދާނީ އޭނާގެ ކާފަމެންގެޔަށްކަން އިބްރާހީމަށް އެނގެއެވެ. އެކަމާބެހޭގޮތުން ، މުރާދުގެ ބައްޕަޔާއި އިބްރާހީމާ އަދި ދާނިޔަލްއާ ތިންމީހުން މަޝްވަރާކޮށް ވާހަކަ ދެއްކުމަށްފަހު ، އެކަމުގައި ފުލުހުންގެ ދައުރެއް ޝާމިލް ނުކުރުމަކީ އޮތް އެންމެ ރަނގަޅުގޮތްކަމަށް ތިންމީހުންނަށްވެސް ޤަބޫލު ކުރެވުނެވެ. އަދި ، ސައިމްގެ ކާފަޔަށް ހުރިހާ ވާހަކައެއް ކިޔައިދިނުމަށްވެސް ނިންމިއެވެ.

ކުޑަކޮށްވެސް ކެތްތެރިވެލައި ކުޑަވަގުތުކޮޅަކަށް މަޑުކޮށްލުމަށް ޒުބާގެ ހިތަށް އެރިނަމަ މިހުރިހާ ސަކަރާތެއް ނުޖެހުނީހެވެ. ޒުބާގެ ގޭގެމީހުންކުރެ ސަމީރު ފިޔަވައި އެހެން ހުރިހާ މީހުން ، ސައިމްއާއި ޒުބާއާ ދެމީހުން ގުޅެން ނުޤަބޫލެއްނޫނެވެ. ސަމީރު އެރޭ ފަތިސްނަމާދުކޮށްލައިގެން ، ޒުބާގެ ކޮޓަރިޔަށްދިޔައީ ، އޭނާގެ ގޮތްދޫކޮށް ، ދަރިފުޅު ބޭނުންވާގޮތަށް ، ސައިމްއާ ކައިވެނިކުރަން އޭނާވެސް އެއްބަސްވާނެކަމުގައި ދަރިފުޅުގާތު ބުނުމަށެވެ. ދިޔައިރު ، ޒުބާއެއް ނެތެވެ. ނޯޓެއްލިޔެ މޭޒުމަތީ ބާއްވާފައި ، ސައިމްއާއެކީ އެރޭ ، ޒުބާ އެގެއިން ނުކުމެގެން ދިޔައީއެވެ. އޭނާ އެދަނީ ސައިމްއާ ކައިވެނިކުރަންކަން އެސިޓީގައި ސާފުކޮށް ބަޔާންކޮށް ލިޔެފައި އޮތެވެ.

ސައިމްއާއި ޒުބާއާ ދެމީހުން ރޭލުޓިކެޓް ގަނެގެން ، ރޭލަށް އަރައި ހަމަޖެހިލިއެވެ. އެމީހުންގެ އަތުގައި ކާލާނެ އެއްވެސް އެއްޗެއް ނެތެވެ. އެހެންކަމުން ، ރޭލު ނައްޓައިލާން ކުޑަވަގުތުކޮޅެއް އޮތުމާއެކީ ، އެތާކުރިމަތީއިން އަންހެނަކާ ޒުބާ ޙަވާލު ކުރުމަށްފަހު ، ކާ އެއްޗެއް ގަނެލަން ، ސައިމް ފޭބިއެވެ. ދާނިޔަލްއަށް އޭރު ރޭލްސްޓޭޝަނަށް ދެވިއްޖެއެވެ. ދެން އެންމެ ކުރިން ފުރަން އޮތް ރޭލަށް އަރައި ޒުބާމެން ހޯދުމުގެ މަސައްކަތް ދާނިޔަލް ފެއްޓިއެވެ. ދާނިޔަލް އެ ރޭލަށް އެރިތަން ފެނުމާއެކީ ، މޫނުނިވާކޮށްގެން ޒުބާ އަވަސް އަރުވާލާފައި ، ރޭލުން ފުންމައިލިއެވެ. ދާނިޔަލްއަކަށް ޒުބާ އަތުޖެހޭގޮތެއް ނުވިއެވެ.

ރޭލުފުރާގަޑި ޖެހިގެން ބަރުގޮނުއެޅުމާއެކީ ، ރޭލަށް އަރަން ސައިމް ދުއްވައިގަތެވެ. ރޭލަށް އަރައި ބަލައިލިއިރު އޭނާ ޒުބާ ބައިންދާފައި ދިޔަތާކު ޒުބާއެއް ނެތެވެ. ޒުބާ ޙަވާލުކުރި އަންހެނާކުރެން ޒުބާގެ ވާހަކަ އެހުމުން ބުނީ ، ސައިމް ދިޔަތަނާ ޒުބާވެސް އިރުކޮޅަކުން ސައިމް ފަހަތުން ފޭބީ ކަމަށެވެ. އެހެންވީމާ އެރޭލުގައި ޒުބާއެއް ނުހުންނާނެއެވެ.

ރޭލު ދުއްވައިލިއެވެ. ސައިމްވެސް އަވަސް އަރުވާލާފައި ގޮސް ، ފުރަތަމަ ޖެހުނު ދޮރުން ފުންމައިލަން ބަލައިލިއިރު ، އޭނާއާ ދިމާލަށް ޒުބާ ދުވަމުން އަންނަތަން ފެނުނެވެ. އޭރު ، ދާނިޔަލްވެސް އަނެއްފަރާތަށް ރޭލުން ފުންމާލައިފިއެވެ. ޒުބާގެ ގައިގައި ހުރިބާރެއްލާފައި ދުވަމުން އައިސް ސައިމްގެ އަތުގައި ޖެހޭ ނުޖެހޭ ހިސާބުގައި ޒުބާ ހުއްޓައި ، ޒުބާ ވެއްޓުނެވެ. ޒުބާއަކަށް އެރޭލަށް އެރޭގޮތެއް ނުވިއެވެ. ސައިމްވެސް މާދުރަށްރޭލު ނުދަނިސް ރޭލުން ފުންމައިލިއެވެ. އޭރު ، ރޭލުގެ ދުވެލިވެސް އޮތީ ބާރުވެފައެވެ. އެހެންކަމުން ، ސައިމް ވެއްޓުނީ ވަރަށް ބާރަށެވެ. ފައިގެ ކުޑަހުޅަށާއި އުނަގަނޑަށް  ވަރަށް ތަދުވިއެވެ. ވަރަށް ހިތްވަރުކޮށްފައި ތެދުވެގެން ކޮރުޖަހަމުން ޒުބާއާދިމާލަށް ސައިމް ދިޔައެވެ.

ސައިމްއާއި ޒުބާއާ ދެމީހުން ހޯދަން ފުލުހަށްނުގޮސް ދެން ކުރެވޭނެ އެހެންކަމެއް ނެތުމާއެކީ ، ދާނިޔަލް ޕޮލިހަށް ދިޔައިރު ، އިބްރާހީމްވެސް ޕޮލިސް ސްޓޭޝަނުގައި ހުއްޓެވެ. އެދެމީހުން ދިމާވުމާއެކީ ، އެކަކު އަނެކަކަށް ރުޅިވެރިބަސްތައް ބަދަލުކޮށް އަޑުގަދަވުމާއެކީ ، ފުލުހަކު އައިސް އެދެމީހުން މައިތިރި ކުރިއެވެ.

ޒުބާއާއި ސައިމްވެސް ދެމީހުންނަށް ލިބުނު ގެއްލުމުގައި ކޮރުޖަހަމުން ރަށުތެރެޔަށްގޮސް ، މައުލަވީއަކާ ބައްދަލުކޮށް ، ކައިވެނި ކުރުމުގެ އިންތިޒާމް އޮންނަގޮތް ސާފުކޮށް ހެދިއެވެ. ކާފަގާތަށް ނުދެވުނުކަން ނަސީބެކެވެ. ކާފަމެންވީ ގެތަޅުލާފައި އެހެން ސަހަރަކަށް ގޮސްކަމުގައި ، ފާއިޤާ ފޮނުވި މެސެޖެއްގައި ސައިމްއަށް އޮތީ އަންގާފައެވެ. ކައިވެނި ކުރުމުގެ އިންތިޒާމްތައް އޮންނަގޮތް ސާފުކުރުމަށްފަހު ، ދެމީހުން ދެންދިޔައީ ކްލިނިކަކަށެވެ. ތަދުވިތަންތަނުގައި އުނގުޅައިލާނެ އެއްޗެއް ހޯދާށެވެ. އުނގުޅާނެ އޮއިންޓްމަންޓަކާ އަދި ބްރޫފަން ކާޑެއް ގަނެގެން ދެމީހުން ނުކުތްތަނުން ، އެދިމާވީ ނަޝްރީނާއާއެވެ.

ނަޝްރީނާއަކީ ، އޭނާގެ ދަރިފުޅު ޒުބާއާ ދެވަންވެގެން އެގެޔަށް ގޮސްހުއްޓައި ސައިމް އެގެޔަށްގޮސް އެޖެހި ސަކަރާތެއްގައި ދަރިފުޅު ޒުބާގެ ކިބައިން ސަލާމަތްވި އަންހެނާއެވެ. ޒުބާގެ ޙާލުއަހުވާލު އޮޅުންފިލުވައި ، ޒުބާކަހަލަ ގޮތްކުޑަ ، މައިންބަފައިންގެ ބަސްނާހާ ކުއްޖެއްގެ ކިބައިން އޭނާގެ ދަރިފުޅު ސަލާމަތްވީތީ ނަޝްރީނާ އުފާކުރާކަމަށް ނަޝްރީނާ ބުންޏެވެ. ޒުބާގެ ބައްޕަ ހޮސްޕިޓަލަށް ގެންދިޔަކަންވެސް ނަޝްރީނާގެ ފަރާތުން ޒުބާއަށް އެނގުނެވެ. ބައްޕަޔަށް ވިކީއްތޯ ޒުބާ އެހިއެވެ. އެހެނަސް ، އެ ސުއާލަށް ފުރިހަމަ ޖަވާބެއްދޭކަށް ނަޝްރީނާ ބޭނުމެއް ނުވިއެވެ. ބައްޕަ ހޮސްޕިޓަލަށް ދިޔަސް ޖަހަންނަމަޔަށް ދިޔަސް ޒުބާއަށް ކޮންކަމެއްހޭ ބުނެ ، ޒުބާ އާ ވާހަކަ ދެއްކުން ، ނަޝްރީނާ ހުއްޓައިލިއެވެ.

ކުއްޔަށް ކޮޓަރިއެއް ނަގައިގެން އެރޭ ކަރާޗީގައި މަޑުކޮށްލުމަށް ދެމީހުންވެސް ނިންމިއެވެ. ކޮޓަރިޔަށްގޮސް ، ރޮޝްނާއާގުޅަން ޒުބާ ބޭނުންވިއެވެ. ރޮޝްނާއާ ގުޅުމުން ، ޒުބާއަކީ އެމީހުންނަށްޓަކައި މަރުވެފައިވާ މީހެއްކަމުގައިބުނެ ، ބައްޕަޔާ ބެހޭ އެއްވެސް ވާހަކައެއް ރޮޝްނާވެސް ޙިއްޞާއެއް ނުކުރިއެވެ. އިތުރަށް ޒުބާއާ ވާހަކަ ދައްކަން އޭނާވެސް ބޭނުން ނުވާކަމުގައި ރޮޝްނާ ބުންޏެވެ. އަދި ، އިތުރު ވާހަކައެއް ނުދައްކައި ރޮޝްނާ ފޯނު ކަނޑައިލިއެވެ.

ޒުބާއަށް ރޮވުނެވެ. އެމީހުންނަށް އެކުރެވެނީ ރަނގަޅުކަމެއްކަމަށް އޭނާއަށް ހީނުވާކަމުގައި ޒުބާ ބުންޏެވެ. ޒުބާ ބޭނުންވީ ވަގުތުން ގެޔަށް ދާށެވެ. އެހެނަސް ، އެމީހުން ގެއިން ނުކުތް މަޤްޞަދު ފުރިހަމަ ނުކޮށް ގެޔަށް ވަދެއްޖިއްޔާ ދެން ދުވަހަކުވެސް އެކަކު އަނެކަކަށް މޫނުވެސް ނުފެންނާނެކަން އެދެމީހުންނަށްވެސް އެނގެއެވެ. ކައިވެންޏާބެހޭ ހުރިހާ މަޢުލޫމާތެއް ސައިމް މިހާރުވަނީ ހޯދާފައެވެ. ކޯޓުގައި ކައިވެނިކޮށްގެން ގެޔަށްދާނީކަމަށް ބުނެ ، ޒުބާގެ އައިޑީ ކާޑު ދިނުމަށް ސައިމް އެދުނެވެ. ޒުބާގެ އައިޑީ ކާޑު އޮންނާނީ ރޭލަށް ދޫކޮށްލެވުނު ދަބަހުގައިކަމަށް ޒުބާ ބުންޏެވެ. އެރޭލު މިހާރުވާނީ އިސްލާމްއާބާދުގައެވެ. ދަބަސްވެސް ބެހެއްޓިތަނުގައި ހުންނާނެކަމެއް ނޭނގެއެވެ. ވެރިޔަކު ނެތި ޝީޓުމަތީ ރޭލުގައި ބެހެއްޓިފައި ހުންނަ ދަބަހަށް އާންމުގޮތެއްގައި ވާގޮތަކީ ، ފެންނަމީހަކު އެ ދަބަސް ނަގަނީއެވެ. އަދި އޭގައި ހުންނަ އަގުބޮޑު އެކިސާމާނު ނަގައި އަގެއްނެތް އެއްޗިއްސާއެކީ ، ކޮންމެވެސް ތާކަށް އެއްލައިލަނީއެވެ. އެހެންވީމާ ، މިފަހަރަކު އަދި ކައިވެނިވެސް ކުރެވޭކަށް ނެތެވެ.

ކުރިމަތިވެގެން މިއުޅޭ ޙާލަތުގައި އެދެމީހުންނާ އެއްކޮޅަށް އެއްވެސްކަމެއް ނުހިނގައެވެ. ޒުބާގެ ބައްޕަ ހޮސްޕިޓަލަށް ލައިފިއެވެ. އެފަކީރު އޮތީ ކޮންޙާލެއްގައިކަމެއްވެސް ނޭނގެއެވެ. އިބްރާހީމާ ދާނިޔަލްއާ ދެމީހުން މުރާދުގެ ގެޔަށް އެމީހުން ހޯދަން އައިއްސިއެވެ. ސަލާމަތްވީ ކިރިޔާއެވެ. އެ ދެމީހުން ހޯދަމުން ދާނިޔަލް ރޭލްސްޓޭޝަނަށް އައިސް ޒުބާއިން ރޭލަށް ދާނިޔަލް އަރައިފިއެވެ. ސަލާމަތްވީ ކިރިޔާއެވެ. ދާނިޔަލް ފެނުނީމަ ، ޒުބާ ރޭލުން ފޭބިތަނުން ރޭލްފުރިއިރުވެސް ޒުބާއަކަށް ރޭލަކަށް އަނބުރާ ނޭރުނެވެ. ކާއެއްޗެތި ހިފައިގެން ސައިމް އައި އިރު ޒުބާ ރޭލަކު ނެތެވެ. މުޅި ރޭލުތެރެ ހޯދިއިރުވެސް ސައިމައަކަށް ޒުބާއެއް ނުފެނުނެވެ. ޒުބާއާ ސައިމްއާ ދިމާވީ ، ރޭލް ދުވެދުވެ އޮއްވައި ފުންމާލަން އުޅުނުތަނާ ، ދުވެފައި ޒުބާ އަންނަނިކޮންނެވެ. ޒުބާއަކަށް ސައިމްގެ އަތަކު ނުހިފުނެވެ. ވެއްޓުމުގެ ސަބަބުން ޒުބާއަކަށް ނުތެދުވެވުނެވެ. ސައިމްއަކަށް ޒުބާނުލައި ރޭލަކު ނުދެވޭނެއެވެ. އެހެންކަމުން ރޭލުން ފުންމައިލީމަ ސައިމްގެ ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ވިއެވެ. ޒުބާ ވެއްޓުނީމަ ޒުބާއަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. ދަތުރު މުޅިން ޚަރާބުވީއެވެ. އިސްލާމްއާބާދަށް ދެން ދެވޭނީ މާދަމާ ފުރާ އަނެއް ރޭލުގައެވެ. އެރޭ ކޮންމެވެސް ތާކު އެއޮތީ މަޑުކުރަން ޖެހިފައެވެ. ކާފަމެންގެޔަށް ދިޔަޔަސް ، އެގެޔަށް ވަދެވޭކަށް ނެތެވެ. ކާފަމެންވީ ގެ ތަޅުލައިފަ އެހެން ސަހަރަކަށް ގޮހެވެ. ކޯޓަށްގޮސް ކައިވެނިކުރުން ނޫން އެހެންގޮތެއް ނެތްއިރު ، ޒުބާގެ ކާޑެއް ނެތެވެ. ދަބަސް ބޭއްވުނީ ރޭލުގައެވެ. އެދަބަހެއް ދެނެއް އަތަކު ނުޖެހޭނެއެވެ. އެހެންވީމަ ކައިވެނިވެސް ކުރެވޭކަށް ނެތެވެ.

މިހުރިހާ ކަމެއް އެއީ އެމީހުން އަނބުރާ ގެޔަށްދާން ދިމާވާ ފާލުކަމުގައި ޒުބާ ނިންމިއެވެ. އަދި ގެޔަށްދާން ޒުބާ ބޭނުންވިއެވެ. ޒުބާއަށް ފެނުނުގޮތުގައި ، އެމީހުންނަށް އެ ހެދުނީ ވަރަށްބޮޑު ގޯހެކެވެ. އެކަމަކު އެއީ ، އެއްވެސްގޮތަކުން ގޯހެއްކަމަކަށް ސައިމެއް ނުދެކެއެވެ. އެކަމާގުޅިގެން ކަންތައްތަކެއް ހިނގައިފިއެވެ. އެކަމަކު ، އެއީ އެމީހުންގެ ބާރުގެ ދަށުގައިވާ ކަންކަމެއްނޫނެވެ. އެ ފިޔަވަޅުއަޅަން އެމީހުންނަށް މަޖްބޫރުވީ ، ސަބަބުތަކެއް އޮވެގެންނެވެ. އިރުއިރުކޮޅުން ޒުބާ ކުރަމުންގެންދާ އެ ޝަކުވާތައް ، ބައެއް ފަހަރަށް އަޑުގަދަކޮށް އަނެއްބައި ފަހަރަށް ނިކަން ލޯބިން ، ސައިމް ހަމަޖައްސަމުން ގެންދެއެވެ.

ޒުބާ ހޯދުމުގެ މަސައްކަތް ދާނިޔަލް ހުއްޓައެއް ނުލައެވެ. އެންމެފަހުން ، ކާރު ޑްރައިވަރެއްގެ އެހީގައި ޒުބާމެން އޭނާ ބޭލިގެޔަށްދާން ، އޭނާޔާއެކީ ދާނިޔަލް ކާރުގައި ނުކުތެވެ. ދުއްވާދުއްވާ އޭނާގެ ކާރުވެސް ހަލާކުވެއްޖެއެވެ. ދާނިޔަލް މިހާރު ބޭނުންކުރަމުން އެގެންދަނީ ޓެކްސީއެވެ. އެންމެފަހުން އަރަން އެލިބުނު ޓެކްސީއަކީ ، ޒުބާމެން ގެޔަކަށް ބޭލި ޓެކްސީއެވެ.

ކުއްޔަށް ނެގި ކޮޓަރީގައި ފެންފޮދެއްހާ ހިސާބުވެސް ނެތެވެ. ޒުބާ ފެންބޮވައިގެންފިއެވެ. އެއްޗެއްކާލަން ބޭރަށް ނުކުމެލަން ދެމީހުންވެސް ނިންމިއެވެ. އޭރަށް ، އެކޮޓަރީގައި ހުރި ބެޑްޝީޓާ ބާލީސްތަކުން ދުވާ ތަތްމުޑުވަހުންވެސް ސަލާމަތްވީއެވެ. ޒުބާއާ ސައިމް އަށް ނުކުމެވުނީ ކޮޓަރި ކުއްޔަށްދިން ގޭގެވެރިމީހާ ކަރީމްގެ ކުރިމައްޗަށެވެ. އެ ކޮޓަރި ، ސައިމްމެންނަށް އޭނާ ދީގެން އެއުޅެނީ ، ތިންމަހުން އެތަނަށްލިބޭ ކުއްޔަށް އެންމެ ރެޔަކަށެވެ. އެކަމެއް ސައިމްއަކަށް ނޭނގެއެވެ. އެމީހުންނަކީ އެއްވެސް އިރެއްގައި އެގޮތަށް ކުލީކޮޓަރި ހިފައިގެން އުޅުނުބައެއްނޫންވީމައެވެ. ސައިމް ފެނުމާއެކީ ، ޒުބާ ކޮޓަރިޔަށްދާން ބުނެފައި ، އޭނާޔާއެކީ ސައިމް އައުމަށް ކަރީމް އެދުނެވެ. އޭނާގެ މަޤްޞަދަކީ ، ސައިމްގެ އަތުން އިތުރަށް ލާރި އަތުލުމެވެ.

" ހީވާގޮތުން ، ކަލޭމެން ދެމީހުން ތިއުޅެނީ ފިލައިގެން އައިހެވެ. އަހަރެންގެ އަންހެނުންވެސް އެހެން ބުނެފިއެވެ. ކައިވެނި ނުކޮށް ތިގޮތަށް ކޮޓަރީގައި ތިއްބާ ސިފައިން އައިސް ވަދެއްޖިއްޔާ ތިދެމީހުންގެ ދުވަސްވެސް އަދި އަހަރެމެން ދެމަފިރިންގެ ދުވަސްވެސް ދިޔައީއެވެ. ތިއުޅެނީ ކިހިނެއްހަދަންކަމަށް ހެއްޔެވެ ؟ " އެމީހާ ސައިމްއާ ސުއާލު ކުރިއެވެ.

ސައިމްމެންނަކީ އެކަހަލަ ބައެއްނޫންކަމާއި ، އެބާވަތުގެ އެއްވެސްކަމެއް ނުހިނގާކަމަށްބުނެ އޭނާއަށް ސައިމް ދޮގުހެދިއެވެ. އެހެންނަމަވެސް ، އެކަހަލަ މަކަރުވެރި ޙީލަތްތެރިންގެ ކުރިމަތީ ، ސައިމްމެންކަހަލަ މީހުންނަށް ހިފަހައްޓައިލެވޭނީ ކިހިނަކުން ހެއްޔެވެ ؟ މަޑުމަޑުން ހައްލަމުންގޮސް ، ސައިމްއަށް ޙަޤީޤތް ހާމަކުރަން މަޖްބޫރުވިއެވެ.

ކައިވެނި ކުރުމަކީ އެއްވެސްކަމެއްނޫންކަމުގައި ސައިމްއަށް ކަރީމް ޔަޤީންކޮށްދިނެވެ. އޭނާ އެހުރިހާކަމެއް ހަމަޖައްސައިދޭނެއެވެ. ޒުބާގެ އައިޑީކާޑު ނެތްވާހަކަވެސް ، އެންމެފަހުން ސައިމްއަށް ބުނެވުނެވެ. އެއީވެސް އޭނާއަށް އެއްވެސްކަމެއްނޫނެވެ. އެކަހަލަ ކަންކަން ހަމަޖައްސައިލަން ބޭނުންވާނީ ކުޑަލާރިކޮޅެކެވެ. ވަކިވަރެއް ބުނާކަށް އޭނާ ބޭނުމެއްނުވިއެވެ.

ސައިމްގެ އަތުގައިހުރި ލާރިކޮޅު ޖީބުންނަގައި ގުނަންފެށިތަނާ ، އެވަރު ރަނގަޅުވާނޭ ، މަދުވާ ބައެއް ފަހުން ހަމަޖައްސާނީކަމަށްބުނެ ، އެލާރިކޮޅު ސައިމްއަތުން ކަރީމް އަތުލިއެވެ. ޒުބާ ކޮޓަރިތެރޭ އިންދާ ، ކަރީމްގެ އަންހެނުންގޮސް ، ޒުބާއާ ދިމާލަށް އެތިވަރު ގޮވަން ފެއްޓިއެވެ. އެމީހުން އެކޮޓަރީގައި އެ ބޭތިއްބީ ، އޭނާގެ ފިރިމީހާ ލާރިއަށް ހުރި ދަހިވެތިކަމެއްގެ ސަބަބުންކަން ހާމަކުރިއެވެ. ފުލުހުން އައިއްސިއްޔާ އެދެމީހުންގެ އިތުރުން އެދެމަފިރިންގެ ދުވަސްވެސް ދާނެކަމަށްބުނެ ، ޒުބާ ބިރު ގަންނުވައިލިއެވެ. ޒުބާއަށް އެ އަޑުއިވެނީ ދުވަހަކުވެސް މީހަކު އޭނާޔާ ދިމާލަށް ނުކިޔާ ކަހަލަ ބަސްބަހެވެ. ރަށްފުށުގެ ބަހުރުވައިންނެވެ. ގަތްބިރުން ސައިމްއަށް ގޮވަމުން ޒުބާ އެތަނުން ނުކުތެވެ. އަދި ، އެއަންހެންމީހާ ދިއުމާއެކީ ، އަލުން ކޮޓަރިޔަށްވަދެ ، ރޯން ފެއްޓިއެވެ.

ސައިމްއަށް އާދެވުނީ ޒުބާ ރޯން އިންދައެވެ. ސައިމް އައުމާއެކީ ، އޭނާ ގެޔަށް ގެންގޮސްދިނުމަށް ސައިމްގާތު އާދޭސްކުރަން ފެއްޓިއެވެ. އެކައިވެނި އެހާ ބޮޑު ތަކުލީފެއްގައި ކުރާކަށް ޒުބާ ބޭނުމެއްނޫނެވެ. އެހެންނަމަވެސް ، ސައިމް އެއައީ ، އެގޭގެ ވެރިމީހާ ކަރީމް ލައްވާ ، ކައިވެނީގެ ހުރިހާކަމެއް ހަމަޖައްސާފައެވެ. ދެހެކިންނާއި މައުޛޫނެއްވެސް އެގެޔަށް ގެނެވުނެވެ. ކައިވެނީގެ ހެދުންވެސް ސައިމް ގެނެސްދީފިއެވެ. ކައިވެނި ނުކުރާ ވާހަކަ ޒުބާ ބުނުމާއެކީ ، ސައިމްގެ ހިތަށް މޮޅިވެރިކަން ލިބުނެވެ. އަދި އެހެދުން ، ޒުބާއަތަށްދީފައި ، ޒުބާ ބޭނުންކަމަށް ވަންޏާ އެހެދުން ލައިގެން ކައިވެނީގެ ރަސްމިއްޔާތަށް ނުކުތުމަށްބުނެ ، ސައިމް އެތަނުން ނުކުތެވެ.

ޓެކްސީ ޑްރައިވަރު ، ދާނިޔަލް ގެންގޮސް ބޭލީ ސާއިދްޕޫރު އެވެކިޔާ އަވަށް ގަނޑަކަށެވެ. ސައިމްއާއި ޒުބާ ބޭލީ އެތަނަށްކަން ޑްރައިވަރު ކަށަވަރު ކޮށްދިނެވެ. ދާނިޔަލް ޓެކްސީން ފައިބައި ކުރިޔަށް ހިނގައިގަތެވެ.

ޒުބާއަށް އެހެންގޮތެއް ނެތިގެން ، ކައިވެނީގެހެދުންލައިގެން ނުކުމެ ، ކައިވެނީގެ މަޖިލީހުގައި އިށީނެވެ. ކައިވެނި ކުރެވެނީ އެގޭގެ ގޯތި ތެރޭގައެވެ. މައުޛޫނު ކައިވެނި ލައިދެމުން ގެންދިޔައެވެ. އަދި ، އެކައިވެނި ޤަބޫލުކުރާކަމަށް ޒުބާބުނަންޖެހޭ ހިސާބަށް ދިޔައެވެ. އެ ކައިވެނި ޤަބޫލުކުރާކަމަށް ޒުބާ ބުނުމާއެކީ ، މައުޛޫނު ، އެކައިވެނި ލައިދީ ، ސައިމްއަށް ޒުބާ ، އަތންބެއްގެ ގޮތުގައި ހިބަކޮށްދީ ސައިމްއާއި ޒުބާ ލައްވާ ކައިވެނީގެ ސެޓްފިކެޓްގައި ސޮއިކުރުވައި ، އެ ރަސްމިއްޔާތު ނިންމައިލިއެވެ.

ކައިވެންޏަށްފަހު ، ސައިމްއާއި ޒުބާ ކޮޓަރިތެރެޔަށް ވަދެ ، ވާހަކަ ދައްކަން ތިއްބެވެ. އޭރުވެސް ޒުބާ އެދެމުންދަނީ އަނބުރާ ގެޔަށް ދިއުމަށެވެ. ކައިވެނި ކުރެވުމާއެކީ ލަސްނުކޮށް ގެޔަށް އެނބުރި އަންނަން އެދެމީހުންވެސް އޮތީ ، ދަތުރު ފެށުމުގެ ކުރިން އެއްބަސް ވެފައެވެ.

ކުއްލިޔަކަށް ކޮޓަރީގެ ދޮރުގައި މީހަކު ތަޅައިގަތީމަ ، ސިއްސައިގެންގޮސް ސައިމް ދޮރުހުޅުވައިލިއިރު ، އެއީ ގޭގެ ވެރިމިހާ ކަރީމެވެ. ސައިމްއާއި ޒުބާ އާ ދެމީހުން ވަގުތުން އެގެއިން ނުކުތުމަށް ކަރީމް އަމުރު ކުރިއެވެ. އެގެޔަށް ފުލުހުން އެބަ އަންނަ ކަމުގެ މަޢުލޫމާތު ، ރައްޓެއްސަކު ދިނީއެވެ. ފުލުހުން އައިސް އެގެޔަށް ވަދެއްޖެނަމަ ، އެމީހުންގެ ދުވަސް ދިޔައީއެވެ. އެކަމަކު ، އެ އޮށް ދަންވަރު ސައިމްއާއި ޒުބާ އެތަނުން ނުކުމެގެންގޮސް ، ވަންނާނީ ކޮންތާކަށް ހެއްޔެވެ ؟  ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. ފާރޫޤަށް ވަނީ 2023 ވަނަ އަހަރު ދިވެހިބަހާއިއަދަބިއްޔާތުގެ ދާއިރާއިން، ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން ހިތްވަރުދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.